ރައީސް އަބްދުﷲ ޔާމީން

ފިއްތުންތަކަށް ރައްދު ދޭނީ ސެކިއުރިޓީ ކައުންސިލްގެ މެންބަރަކަށް ވެގެން

ރާއްޖޭގެ ވެރިކަން ބަދަލު ކުރަން އިދިކޮޅު ފަރާތްތަކުން ބޭރުގެ ފަރާތްތަކުގެ އެހީގައި ކުރާ މަސައްކަތައް ދިވެހި ދައުލަތުން ރައްދު ދޭނީ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ މެންބަރަކަށް ވެގެން، އެ ހައިސިއްޔަތުންް ކަމަށާއި އެ މަގާމަށް ވާދަކޮށް ކާމިޔާބު ކުރަން އުންމީދު ކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ

ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުހައި މީދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ މިރޭ ރައީސް ޔާމީން ވިދާޅުވީ ބައިނަލްއަގުވާމީ ބޮޑު އާއިލާއެއް ތެރޭގައި މަސައްކަތް ކުރާ އިރު ކުދި އަދި ބޮޑެތި ގައުމުތަކުގެ މެދުގައި ތަފާތު ކުރުންތަކާއި އިމްތިޔާޒާއި ސިޔާސީ ބާރުވެރިކަމާއި ފައިސާގެ ނުފޫޒުވެރިކަމުގެ ތަފާތު ކުރުންތައް އޮންނަ ކަމަށެވެ. ނަމަވެސް ބޮޑެތި މައްސަލަތަކުގައި ވޯޓާ ހަމަޔަށް ދާއިރު ކުދި ގައުމުތައް އެކަހެރި ނުކުރެވޭނެ ކަމަށެވެ. އެހެން ގައުމުތަކާ އެއް ހަމައެއްގައި ވޯޓު ދިނުމުގެ ހައްގު ލިބެން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހުން ފެންނާން އޮތް ގޮތަށް މިހާރު ވެސް މި ގައުމަށް އެންމެ ބޮޑަށް ގައްދާރުވަނީ މި ގައުމުން ބޮޑެތިވެފައި ތިބި ދަރިންތަކެއް ކަމަށާއި މިހާރު ވެސް ދައުލަތުގެ ފަތިފުށް ކިޔަމުން ވެރިކަން ބަދަލު ކުރުމަށް ބޭރުގެ އެހީތައް ހޯދުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާ ކަމަށެވެ.

ޖަވާބު ދޭން ބޭނުން ވަނީ ރާއްޖޭގެ ހައިބަތާއި ހައިސިއްޔަތަކާއެކީގައި، ރައްދު ދޭނީ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ މެންބަރަކަށް ވެގެން،
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ރައީސުލްޖުމްހޫރިއްޔާ

ނަމަވެސް އެ ފަރާތްތަކަށް ރައްދު ދެއްވާނީ ބޭރު ދުނިޔޭގައި ވެސް ހައިބަތެއް ހުރި ބައެއްގެ ހައިސިއްޔަތުން ކަމަށާއި އެގޮތުން 2019 ވަނަ އަހަރުގައި އޭޝިޔާގެ ބައްރުން ސެކިއުރިޓީ ކައުންސިލަށް ނޮން ޕާމަނަންޓް މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަމަށް ކުރިމަތިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ ފަރާތްތަކަށް ރައްދު ދެއްވާނީ އެ ކައުންސިލްގެ މެންބަރުކަން ކާމިޔާބު ކުރެއްވުމަށް ފަހުގައި ކަމަށެވެ.

"ދިވެހި ދައުލަތުގެ ފަތިފުށް ކިޔާ ވެރިކަން ބަދަލު ކުރުމަށް ބޭރު ފަރާތްތަކުގެ މަދަދަށް އެދެނީ މިއަދު ވެސް ހަމަ ދިވެހި ދަރިން، އެހެންވެ ކޮބައިތޯ ނަސޯރާ ދީނަށް ވަތން ހަސަން ނުވައަކާއި ގޯދީ ރާޖާ އާއި ނޮވެމްބަރު ތިނެއްގެ ވާހަކަ މިއަދު ނުދައްކާންވީ ސަބަބެއް، އެހެންވެ މި ބޭފުޅުންގެ ޓްވީޓްތަކަށާއި މި ބޭފުޅުން ދޭ މެސެޖުތަކަށް އަޅުގަނޑުމެން ޖަވާބު ދޭން ބޭނުން ވަނީ ރާއްޖޭގައި ހައިބަތެއް ހުރި ހައިސިއްޔަތަކާއެކީގައި، އަޅުގަނޑުމެން އެ ބޭފުޅުންނަށް ރައްދު ދޭނީ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ މެންބަރަކަށް ވެގެން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ވެބްސައިޓް

ރައީސް ޔާމީން ވިދާޅުވީ އެ ކައުންސިލަށް އޭޝިޔާ ބައްރުން ކުރިމަތިލުމަށް މަސައްކަތް ފައްޓާފައިވާ އިރު އެ މަސައްކަތުގައި ވާގިވެރިވެވަޑައިގަންނަވާނެ ކަމަށް އެތަށް ދައުލަތަކުން މިހާރު ރާއްޖެއަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން އެކަން ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އެއީ ކޮން ގައުމުތަކެއް ކަމެއް ރައީސް ވިދާޅެއް ނުވެއެވެ. ނަމަވެސް ރާއްޖެއަކީ އެ ކައުންސިލްގެ ދާއިމީ ފަސް މެންބަރުންގެ ތެރެއިން ޗައިނާއާ ގާތް ގުޅުމެއް އުފައްދާފައިވާ ގައުމެކެވެ. އެ ގާތްކަން އުފެދުނީ ރައީސް ޔާމީންގެ ވެރިކަމާއެކު އެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ހިމެނެނީ ދާއިމީ ފަސް މެންބަރު ގައުމަކާއި ވަގުތީ 10 މެންބަރު ގައުމެވެ. ދާއިމީ މެންބަރުނަކީ ދުނިޔޭގެ އެންމެ ބާރު ގަދަ ފަސް ގައުމު ކަމަށްވާ، ޗަައިނާއާ، ރަޝިޔާއާ، ފްރާންސްއަ، އިނގިރޭސިވިލާތް އަދި އެމެރިކާ އެވެ. އަނެއް 10 މެންބަރުންނަކީ ބޮލީވިއާ އާއި މިސްރާއި އިތިއޯޕިއާ އާއި އިޓަލީ އާއި ޖަޕާނާއި ކަޒަގިސްތާނާއި ސެނެގޯލާއި ސްވިޑްން އާއި ޔުކުރޭނާއި އުރުގުއާއީ އެވެ.