ދުނިޔެ

ސީރިޔާގައި ދިން ކެމިކަލް ހަމަލާތަކުގެ ތަހުގީރު ރަޝިޔާއިން ހުއްޓުވައިފި

ސޫރިޔާ ސަރުކާރުން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ދިން ކެމިކަލް ހަމަލާތަކުގެ މައްސަލަ ބަލަން އދ. އިން އުފެއްދި މިޝަންގެ މުއްދަތު އިތުރުކުރަން ކުރި މަސަައްކަތަށް ރަޝިޔާއިން ހުރަސް އަޅައި އެކަން ހުއްޓުުވައިފިއެވެ.

ސޫރިޔާގެ ކެމިކަލް ހަމަލާތަކުގެ ތަހުގީގު ކުރަން ' ދަ ޖޮއިންޓް އިންވެސްޓިގޭޓިވް މެކޭނިޒަމް ( ޖިމް) ގެ ނަމުގައި އދ. އިން މިޝަނެއް އެކުލަވައިލީ 2015 ވަނަ އަހަރުއެވެ. މިއަހަރުގެ އޭޕްރިލް މަހު ސޫރިޔާގެ ޚާން ޝައިޚޫން ނަމަކަށް ކިޔާ ރަށުގައި ދިން ކެމިކަލް ހަމަލާގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެކުލަވައިލި ރިޕޯޓް އެ މިޝަނުން އދ.ގެ ސަލާމަތީ މިހަފުތާ ނިމޭ ހިސާބުގައެވެ.

އެ މިޝަންގެ މުއްދަތު އަންނަ ނޮވެމްބަރަށް ހަމަވާތީ މުއްދަތު އިތުރުކުރަން ފެނޭތޯ އިއްޔެގައި ވޯޓެއް ނެގުމުން ރަޝިޔާއިން ވަނީ އދ.ގެ ދާއިމީ މެމްބަރެއްގެ ހައިސިއްޔަތުން އޮންނަ ވީޓޯގެ ބާރުގެ ބޭނުންކޮށް، މިޝަންގެ މުއްދަތު އިތުރުކުރިޔަ ނުދީ ހުއްޓުވާފައެވެ. އެގައުމުން ފުރަތަމަ މަސައްކަތް ކުރީ ޚާން ޝައިޚޫންގައި ދިން ހަމަލާގެ ރިޕޯޓް އާއްމު ކުރަންދެން، މުއްދަތު އިތުރުކުރުމުގެ ވޯޓު ލަސްކުރާށެވެ. ވީޓޯ ކުރީ އެކަމަށް ތާއީދު ނުލިބުމުންނެވެ.

އދ.ގައި ވީޓޯ ކުރުމުގެ ބާރު އޮންނަނީ ރަޝިޔާގެ އިތުރުން އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ އަދި ފްރާންސަށެވެ. ދުނިޔޭގެ އެހެން ހުރިހާ ގައުމަކުން ކަމަކަށް ތާއީދު ކުރިޔަސް އެއިން ގަައުމަކުން ވީޓޯ ކޮށްގެން ހުއްޓުވޭ ފަދަ ދެކޮޅު ނުޖެހޭ ގަވައިދަކަށް އދ. އިން އަމަލުކުރެއެވެ.


ސޫރިޔާ ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ތަކުރާރުކޮށް އެތައް ފަހަރަކު ކެމިކަލް ހަތިޔާރު ބޭނުންްކޮށްފައެވެ. އެންމެ ފަހުން އެފަދަ ހަމަލާއެއް ދީފައި ވަނީ މިދިޔަ އޭޕްރިލްމަހު ޚާން ޝައިޚޫން ނަމަކަށް ކިޔާ ރަށުގައެވެ. އެހަމަލާގައި 80 މީހުން މަރުވެ، އިތުރު އެތައް ބަޔަކު ޒަހަމްވިއެވެ.