ކުޅިވަރު

ޕެޕޭ މުޅިން ބަދަލުވެފައި

ޕޯޗްގަލްގެ ޑިފެންޑަރު ޕެޕޭ ގެ ނަން ބުނެފި ނަމަ އެންމެ ފުރަތަމަ ހިތަށް އަންނާނީ ކާޑުތަކާއ ރައްޓެހި ދަނޑުމަތީގައ ކުށް ކުރުން ގިނަ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ނަމަވެސް ޕެޕޭ އޭނާގެ ޑިސިޕްލިން އަށް ބޮޑު ބަދަލެއް ގެނެސްފި އެވެ. މީޑިއާ ރިޕޯޓްތައް "ބޭޑް ބޯއީ" ގެ ގޮތުގައި ސިފަކޔރާ ޕެޕޭއަކީ މިހާރު "ހީރޯ" އަކަށް ވެއްޖެ އެވެ.

ރެއާލް މެޑްރިޑުން، ތުރުކީގެ ޗެމްޕިއަން ބެސްކިޓަސް އަށް ޕެޕޭ ޓްރާންސްފާ، ވީ އެކަންޏެއް ނޫނެވެ. "ހީރޯ" އަކަށް ވެސް ޕެޕޭ ޓްރާންސްފާ ކުރުވި ކަމެކަށް އެކަން ވިއެވެ. މީޑިއާ އިން ސިފަ ކުރާ "ޑާޓީ" ޕްލޭއާ މުޅިން ތާފާތު ވެއްޖެ އެވެ. ތުރުކީގެ ސްޕަ ލީގްގައި، ބެސްކިޓަސް މިހާތަނަށް ކުޅުނު ނުވަ މެޗުގައި ފުލުކޮށް ޕެޕޭ ކުޅެފި އެވެ. އަދި މިހާތަނަށް ލީގްގައި އޭނާ އަށް އެންމެ ކާޑެއްވެސް ދައްކާފައެއް ނުވެ އެވެ.

މި ސީޒަންގައި އޭނާ ކުރީ އެންމެ 10 ފައުލެވެ. އޭނާ އަށް ރީނދޫ ކާޑެއް ދެއްކީ، ޗެމްޕިއަންސް ލީގްގައި މިދިޔަ އަންގާރަ ދުވަހު ފްރާންސްގެ މޮނަކޯއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ ނޫން އެއްވެސް ކާޑެއް އޭނާ އަށް މި ސީޒަންގައި ދައްކާފަ އެއް ނުވެ އެވެ.

މި "ބޭޑްބޯއީ" ގެ ލަގަބު ޕެޕޭ ގައިން އޭނާ ދޫކޮށްލިތާ މިހާރު ކިތަންމެ ދުވަހެކެވެ. އޭނާގެ ޓާނިން ޕޮއިންޓަކަށް ވާނީ 2014 ވަނަ އަހަރު ވޯލްޑް ކަޕެވެ. ޕޯޗްގަލް އާއެކު ރަތް ކާޑު ހޯދުމުން، އޭނާ ކުރިއަށް މެޗަށް ސަސްޕެންޑް ކުރި އެވެ. އެ މެޗު ވީ ޕޯޗްގަލް މުބާރާތުން ވަކިވާން ޖެހުނު މެޗަށެވެ. އޭގެ ފަހުން، ޕެޕޭ ޓާނިން ޕޮއިންޓް ފެށުނެވެ. އޭނާ އަށް ދައްކާ ކާޑުތައް ނިސްބަތުން މަދެވެ.

މިދިޔަ ސީޒަންގައި، ރެއާލް މެޑްރިޑްގައި އަނިޔާގެ ސަބަބުން ޕެޕޭ އަށް ގިނަ މެޗުތަކެއް ނުކުޅެވުނެވެ. އޭނާ ކުޅުނު 13 މެޗުގައި އޭނާ ކުރީ 12 ފައުލެވެ. އޭނާ އަށް ދެއްކީ އެންމެ ރީނދޫ ކާޑެކެވެ.

ޕެޕޭ ކާޑު ނުހޯދާކަން އެންމެ ބޮޑަށް ފާހަގަވި މެޗަކީ ތުރުކީގެ ސްޕަ ލީގްގައި ފެނަބާޗޭއާ ދެކޮޅަށް ކުޅުނު މެޗެވެ. ފަސް ރަތް ކާޑާއެކު ޖުމުލަ 21 ކާޑް ދެއްކި މެޗުގައި، ޕެޕޭ ކާޑެއް ނުހޯދުމުން، ގިނަ ބަޔަކަށް އެކަން ވަރަށް ބޮޑަށް ފާހަގަވި އެވެ.

މި ސީޒަނަށް ބެސްކިޓަސް ވަނީ ވަރުގަދަ ސްކޮޑެއް ބިނާ ކޮށްފަ އެވެ. ޗެމްޕިއަންސް ލީގްގެ ގުރޫޕް 'ޖީ' ގެ އެއް ވަނައިގައި އެ ޓީމު އޮތް އިރު، އެ ޓީމަކީ، ތުރުކީގެ ތާރީހްގައި ޗެމްޕިއަންސް ލީގްގެ ފުރަތަމަ ތިން މެޗު ކާމިޔާބު ކުރި ތުރުކީގެ ފުރަތަމަ ޓީމެވެ. ނަމަވެސް، އެންމެ ފަހުގެ ޗެމްޕިއަނަށް މިސީޒަންގެ ތުރުކީ ލީގްގައި އަދި އެކަޝީގެންވާ ނަތީޖާ އެއް ނުހޯދެވެ. ފަނަރަ ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތް ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ 23 ޕޮއިންޓާއެކު އޮތް ގަލަތަސަރާއީ އެވެ.