ކުޅިވަރު

އިކާޑީ އިންޓަ އެއް ވަނައަށް ގެންގޮސްދީފި

Oct 25, 2017

ކެޕްޓަން މައުރޯ އިކާޑީ ކާމިޔާބު ކުރި ދެ ލަނޑާއެކު 3-2 ގެ ނަތީޖާއަކުން ސްމްޕްޑޯރިއާގެ މައްޗަށް ކާމިޔާބު ހޯދައި، އިންޓަ އެއް ވަނަ އަށް ގެންގޮސް ދީފި އެވެ.

އަމިއްލަ ދަނޑުގައި ވަރުގަދަ ފެށުމަކުން ފެށި އިންޓައަށް މެޗުގެ 18 ވަނަ މިނެޓްގައި މިލާން ސްކްރީނިއާ ވަނީ އިންޓައަށް ލީޑް ނަގައިދީފައެވެ.

ލަނޑަށް ފަހުވެސް އެ ޓީމަށް ހުއްޓުމެއް ނައެވެ. އެ ޓީމުން ވަނީ ސަމްޕްގެ ގޯލަށް ބާރު ބޮޑު ކޮށްފަ އެވެ. ކުރިން ސަމްޕަށް ކުޅުނު އިކާޑީ، އޭނާގެ ކުރީގެ ޓީމު ކޮޅަށް ފުރަތަމަ ގޯލް ޖެހީ މެޗުގެ 32 ވަނަ މިނެޓްގަ އެވެ. އެ ޓީމު ދޫކޮށް އޭނާ އިންޓަ އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ.

މެޗުގެ 54 ވަނަ މިނެޓްގައި ފަސޭހަ ކޮށް އިކާޑީ ޖެހި ގޯލުން އިންޓައަށް މެޗު ގާތްގަނޑަކަށް ލިބުނީ ކަން ކަށަވަރު ކޮށްދިނެވެ. ނަމަވެސް

ސަމްޕްޑޯރިއާއިން މެޗުގެ 85 ވަނަ މިނެޓްގައި އިންޓައަށް ހާސްކަން ކުރިމަތި ކުރުވީ، ޑާވިޑް ކޮވްނާސްކީ ސަމްޕްޑޯރިއާގެ ފުރަތަމަ ލަނޑު ޖާހަފައި ވަނިކޮށް، ފަބިއޯ ކުއައްޔަލޭރާ ދެ ވަނަ ލަނޑު ކާމިޔާބު ކުރުމުން ނެވެ.

އިންޓަ އެއް ވަނައިގައި އޮތީ، ކުރިން އެއް ވަނައިގައި އޮތް ނަޕޯލީއަށް ވުރެ އެއް ޕޮއިންޓް ކުރި ލިބުމުން ނެވެ. އިންޓަ އަށް 26 ޕޮއިންޓެވެ. ނަޕޯލީ އަށް 25 ޕޮއިންޓެވެ. މިރޭ ޖެނޯއާ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ނަޕޯލީއަށް އެއް ވަނައިގައި އަނެއްކާވެސް ދެ ޕޮއިންޓްގެ ލީޑެއް ނެގޭނެ އެވެ.