ދުނިޔެ

އަފްޣާނިސްތާނު ސިފައިންނާއި ތާލިބާނުންގެ ކުރިމަތިލުން ފެށެން އަށް ހަފުތާ

އަފްޣާނިސްތާނުގެ ސިފައިންނާއި ތާލިބާނުންގެ ކުރިމަތިލުން ފެށެން ދެން އޮތީ އެންމެ އަށް ހަފުތާ އެވެ. މި މުއްދަތުގައި، އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ފަހު ހަނގުރާމައިގެ ކުރީ ސަފަށް އަފްޣާނިސްތާނުގެ އަސްކަރީ ސަފުތައް ނެރޭނެ އެވެ.

އަފްޣާނިސްތާނުގައި މިހާރު ތިބި އެމެރިކާ އާއި ނޭޓޯ ސިފައިންގެ އަދަދު 100،000 އަށް ވުރެ މައްޗަށް އެރި ނަމަވެސް އަންނަ އަހަރު ފެށޭއިރު އަފްޣާނިސްތާނުގައި ތިބޭނީ އެމެރިކާގެ 13،000 ސިފައިންނެވެ. ހަނގުރާމައިގެ މައިދާނުގައި މިއިން އެއްވެސް މީހަކު ހަރަކާތްތެރިއެއް ނުވާނެ އެވެ.

އެމީހުންގެ މަސައްކަތަކަށް ވާނީ ތާލިބާނުން ބަލިކުރެވޭ ވަރުގެ ލަޝްކަރެއް އަފްޣާނިސްތާނުގައި އުފެއްދުމެވެ.

މިހާރު ވެސް އެމެރިކާގެ މަސައްކަތުން ވަނީ ބިޔަ ލަޝްކަރެއް ތާލިބާނުންނާ ދެކޮޅަށް އެކުލަވާލައިފަ އެވެ. ނަމަވެސް މައްސަލައަކީ މި ލަޝްކަރުގެ ގާބިލުކަމާ މެދު އުފެދޭ ސުވާލެވެ.

ސިފައިންގެ ތެރޭގައި ތިބި މީހުންގެ އާންމު މުސާރައަކީ މަހެއްގެ މައްޗަށް ލިބޭ 180 ޑޮލަރެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ލިޔަންކިޔަން ނޭނގޭ ސިފައިންނެވެ.

އެއް ބަޔަކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާއިރު ތާލިބާނުންނާ ގުޅުން ބޮޑު ސިފައިންގެ ނުރައްކާ ވެސް އެބައޮތެވެ. ތާލިބާނުންނާ ގުޅިފައިވާ އަފްޣާނިސްތާނު ސިފައިން އެމެރިކާ ސިފައިންނަށް ހަމަލާ ދޭ މައްސަލަ ވަރަށް ވެސް ބޮޑެވެ.

މިފަދަ މައްސަލަ ބޮޑު ސިފައިންގެ ލަޝްކަރަކަށް ތާލިބާނުންގެ ސަފުތައް ހުއްޓުވިދާނެކަމާ މެދު އުފެދޭ ސުވާލުތައް ވަރަށް ވެސް ގިނަ އެވެ. ނަމަވެސް އެމެރިކާ އޮތީ އަލުން އަފްޣާނިސްތާނުގައި ހަނގުރާމައިގެ މައިދާނަށް ނުކުތުމުގެ ހިޔާލެއްގައެއް ނޫނެވެ.