ހަބަރު

"ހައްދުފަހަނައެޅުން ހުއްޓުވަން ސަރަހައްދީ އެއްބާރުލުން ބޭނުން"

ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަ ހައްލު ކުރަން ސަރަހައްދީ ގަައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑަޅާފައިވާ ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް (ޔޫއެންއޯޑީސީ) ގެ ޕަބްލިކް އެޑްވޮކޭސީ ސްޕެޝަލިސްޓް ސްމަރްތު ޕަތަކްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަންޑޭ ވިދާޅުވެފައި ވަނީ ދިވެހި ރާއްޖޭގައި މިހާރު އޮތް އަމާންކަމުން ހިތްހަމަ ޖައްސާލައިގެން ތިބެވެން ނެތް ކަަމަށެވެ.

"ހައްދުފަހަނައެޅި މީހުންނަކީ އާގޮތްތައް ހޯދާ ބައެއް. އެމީހުންގެ ނުބައި ހަރަކާތްތައް ހިންގާނެ ގޮތްތައް އެބަހޯދާ ކުރިއަރާފައިވާ ހުޅަނގުގެ ގައުމުތަކުގައި ވެސް. އަޅުގަނޑުމެން އަމާންކަމުގައި ތިބެވޭތީ ސަލާމަތްތެރިކަމާ މެދު ހިތް ހަމަޖައްސާލައިގެން ތިބެގެން ނުވާނެ. ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަ ހައްލުކުރަން ސަރަހައްދީ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް،" ހަފިންޓަން ޕޯސްޓްގައި އިއްޔެ ޝާއިއުކުރި އިންޓަވިއުގައި އަހުމަދު ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ ސަލާމަތުން ރާއްޖެ އޮތުމަށް ޓަކައި ޓެރަރިޒަމުން ސަލާމަތްވާން ޖެހޭ ކަމަށެވެ.

މައްސަލަ ހައްލުކުރަން ރާއްޖޭން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ ރާއްޖޭގެ މިސްކިތެއްގައި ސަރުކާރުން ހުއްދަދޭ ހުތުބާއެެއް ނޫނީ ނުކިޔޭނެ ކަމަށާއި ޒަމާނުއްސުރެ ރާއްޖޭގައި ކަން އޮތީ އެހެން ކަމަށެވެ.

"އެއްވެސް އިމާމަކަށް އޭނާގެ އަމިއްލަ ހުތުބާއެއް ނުކިޔޭނެ. ދީނީ އެއްވެސް ދަރުސެއް ނުދެވޭނެ ސަރުކާރުން ހުއްދަދީގެން ނޫނީ. މިއީ އަޅުގަނޑުމެން އެތަށް ޒަމާނަކުންފެށިގެން ކުރަމުން އަންނަ ކަމެއް. އާދަކާދައިގެ ގޮތުންވެސް ސަގާފީ ގޮތުންވެސް. މިއީ އަޅުގަނޑުމެންގެ މުޖުތަމައުގައި އަދިވެސް ހުރި ރަނގަޅު ސިފަތަކެއް،" އޭނާ ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ޑްރަގްގެ މައްސަލައާ ބެހޭ ގޮތުން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ސަފީރު ވިދާޅުވެފައި ވަނީ އެ މައްސަލަ ހައްލުކުރަން ވެސް ސަރުކާރުން ގިނަ މަސަައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންް ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމައަށް ނެރުމަށް ކުރާ މަސައްކަތާއި އެކަމަށް ހަދާފައިވާ ގާނޫނު އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަށް މަސްތުވާތކެތި އެތެރެވުން ހުންޓުވުމަށް ޓަކައި ޖާސޫސީ މައުލޫމާތު ހިއްސާކުރުމުގެ އެެއްބަސްވުންތައް ސަރަހައްދީ ގައުމުތަކާއި އެނޫން ބައެއް ގައުމުތަކާ އެކުގައި ވެސް ހަދާފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ރާއްޖެގައި އިންސާނީ ވަގުފާރީގެ މައްސަލަ އޮތް މިންވަރާއި އެކަން ހުއްޓުވުމަށް ކުރާ މަސައްކަތާ ބެހޭ ގޮތުން ވެސް ސްމަރްތު ސުވާލުކުރައްވާފައި ވެއެވެ. އެ މައްސަލައާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވެފައި ވަނީ އިންސާނީ ވަގުފާރީގެ ގޮތުގައި ރާއްޖޭގައި ހިނގާ ކަމަކީ ވަޒީފާއަށް އަންނަ މީހުން އަތުން ފައިސާ ނެގުން ކަމަށެވެ. އެގޮތުން މަހެއްގެ މުސާރައަށް 150 ޑޮލަރާއި 200 ޑޮލަރާ ދެމެދުގެ އަދަދެއްގެ މުސާރަ ލިބޭ ވަޒީފާތަކަށް އަންނަން ބޭނުންވާ މީހުން އަތުން ވެސް 25000 ޑޮލަރާއި 50000 ޑޮލަރާ ދެމެދުގެ އަގެއް އަތުލާ ވާހަކަ އިވިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވެފައި އެވެ.