އިޓަލީ އަދި ޔުވެންޓަސްގެ ކީޕަރު ޖިއަންލުއިޖީ ބުފަން މިސީޒަނަށް ފަހު ރިޓަޔާ ވާނެކަން އޭނާ ހާމަކޮށްފިއެވެ. ސްކައި އިޓާލިއާއަށް ދިން އިންޓަވިއު އެއްގައި ބުފަން ބުނެފައިވަނީ އޭނާ މިސީޒަނަށް ފަހު ރިޓަޔާ ވާނެކަމަށާއި ނަމަވެސް ޔުވެންޓަސްއިން މިފަހަރު ޗެމްޕިއަން ލީގު ކާމިޔާބުކޮށްފިނަމަ އިތުރު އަހަރަކަށް ކުޅޭނެކަމަށެވެ.
39 އަހަރުގެ ކީޕަރު ބުފަން ބުނެފައިވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެން އޭނާ އުންމީދު ކުރާކަމަށެވެ. ނަމަވެސް އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އިޓަލީއިން ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ދެލެގު މެޗެއްގައި ސްވިޑެން ބަލިކުރަން ޖެހެއެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތެރެއިން ދެއަހަރު ޗެމްޕިއަންސް ލީގު ފައިނަލްގައި ބަލިވެފައިވާ ޔުވެންޓަސް މިސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިއްޖެނަމަ ބުފަން ބޭނުންވަނީ ފީފާ ކްލަބް ވޯލްޑް ކަޕުގައި ޔުވެންޓަސްއާއެކު އެމުބާރާތުގައި ކުޅެ އެމުބާރާތް ކާމިޔާބުކުރަން ކަމަށް އޭނާ ވާނީ ބުނެފަ އެވެ.
އިޓަލީގެ ޕާމާގައި ކެރިއަރު ފެށި ބުފަން 2001 ވަނަ އަހަރު ޔުވެންޓަސްއަށް ބަދަލުވެ އޭނާ ވަނީ ގިނަ އަދަދެއްގެ ކާމިޔާބީ ހޯދާފައެވެ. ދިހަ ފަހަރު އިޓަލީ ލީގު ކާމިޔާބުކޮށްފައިވާ ބުފަން ވަނީ ހަތަރު އިޓާލިއަން ކަޕް އަދި ޔުއެފްއާ ކަޕް އެއްވެސް އޭނާގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބުކޮށްފައެވެ. ހުނަރުވެރި ކީޕަރުގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވެނީ 2006 ވަނަ އަހަރު އޭނާ އިޓަލީއާއެކު ކާމިޔާބުކުރި ވޯލްޑް ކަޕް އެވެ.
އިޓަލީގެ ގައުމީ ޓީމަށް 173 މެޗު އަދި ޔުވެންޓަސްއަށް 495 މެޗު މިހާތަނަށް ކުޅެދީފައިވާ ބުފަންއަކީ އޭނާގެ ޖީލުގައި ފުޓުބޯޅަ ދަނަޑެއްގެ ގޯލް ބެލެހެއްޓި އެންމެ މޮޅު ކީޕަރު ކަމާމެދު ޝައްކެއްވެސް ނެތެވެ. ބުފަން އިތުރަށް ބުނެފައިވަނީ އޭނާ ކެރިއަރު ނިންމާލަން ބޭނުންވަނީ ބޮޑު ކާމިޔާބީއަކާއެކުކަމަށެވެ.