ސައުދީ އަރަބިއްޔާއިން މިއަދު ފެންނަމުންދާ އިޖުތިމާއީ، ސަގާފީ އަދި އިގުތިސާދީ ބަދަލުގެ މޭސްތިރިއަކީ ވަލީއަހްދު މުހައްމަދު ބިން ސަލްމާނު ކަމާމެދު އެކަކުވެސް ދެބަސްނުވެ އެވެ.
ސައުދީ އަރަބިއްޔާ، ޒަމާނީ މެދުމިނުގެ އިސްލާމީ ދައުލަތަކަށް އަނބުރާލުމަށް ޒުވާން ބިން ސަލްމާން ވައުދުވެ ވަޑައިގެންފި އެވެ. ސައުދީ އަރަބިއްޔާގެ ރިޔާދްގައި، ފިއުޗާ އިންވެސްޓްމަންޓް އިނީޝިއޭޓިވް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޒުވާން ބިން ސަލްމާން ވިދާޅުވި ގޮތުގައި ހައްދު ފަހަނައަޅައިފައިވާ ފިކުރިއްޔާތު ނެތިކޮށްލާ، ސައުދީ ޒަމާނީ މެދުމިނުގެ އިސްލާމީ ދައުލަތަކަށް އަނބުރާލުމުގެ ބޭނުމަކީ އެހެން ގައުމުތަކާއި އެކުއެކީގައި އެގައުމުގެ އިގްތިސާދީ ބޮޑެތި ބިޔަ މަޝްރޫޢުތައް ހަގީގަތަކަށް ހެއްދެވުމެވެ.
މުހައްމަދު ބިން ސަލްމާން އިތުރަށް ވިދާޅުވި ގޮތުގައި އެގައުމުގެ އާބާދީގެ 70 ޕަސެންޓަކީ 30 އަހަރުން ދަށުގެ ޒުވާނުންނެވެ.
"އެމީހުން ވެސް އުޅެން ބޭނުންވަނީ އެހެން މީހުން އުޅޭފަދަ އާދައިގެ ދިރިއުޅުމެއް. އަދި އެ ދިރިއުޅުން ވާން ވާނީ އަހަރެމެންގެ ދީނާއި އަހަރެމެންގެ ސަގާފަތް ވެސް ތަންދޭ ދިރިއުޅުމަކަށް. އޭރުން ދުނިޔޭގެ އެހެން މީހުންނާއި އެއް ސަފެއްގައި ދުނިޔެ އާރާސްތުކޮށް، އާބާދު ކުރުމުގައި ބައިވެރިއަކަށް އަހަރެމެންނަށް ވެސް ވެވުނީ،" މުހައްމަދު ބިން ސަލްމާން ވިދާޅުވި އެވެ.
ބިން ސަލްމާން ވިދާޅުވި ގޮތުގައި އޭނާގެ މަސައްކަތްތަކީ 1979 ގެ ކުރިން ސައުދީ އަރަބިއްޔާ އޮތް ހާލަތަށް އެގައުމު ގެނައުމެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުން 1979 ގެ ފަހުން ހިނގި އަހަރުތަކުގައި ތަޖުރިބާ ކުރަން ޖެހުނު ހައްދުފަހަނައަޅާ ދިއުމުގެ ފިކުރިއްޔާތު ތަހައްމަލްކޮށްފައިވާއިރު އިތުރު 30 އަހަރު އެމީހުންގެ ހަޔާތުން އެ ހަރުކަށި ވިސްނުމުގައި ހޭދަކުރަން ދެން ބޭނުމެއް ނުވެއެވެ.
"އަހަރެމެން އެ ފުނޑު ފުނޑު ކޮށްލާނަން މިއަދު އަދި މިވަގުތުގައި،" ސައުދީ ރަސްކަމާއި ދެން ހަވާލުވެ ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ޒުވާން މުހައްމަދު ބިން ސަލްމާން ވިދާޅުވި އެވެ.
ސައުދީ ރަސްކަމުން ވަނީ ޒަމާން ތަކަކަށް ފަހު ސައުދީ އަންހެނުންނަށް އަމިއްލަ އަށް ކާރު ދުއްވުމުގެ ހުއްދަ އަންނަ އަހަރުން ފެށިގެން ދިނުމަށް ނިންމާފަ އެވެ. މި ނިންމުމާއި ގުޅިގެން ވަރަށް ގިނަ މީހުން ހާއްސަކޮށް ސައުދީ ޒުވާނުންދަނީ އުމުރުފުޅުން 32 އަހަރުގެ މުހައްމަދު ބިން ސަލްމާނުގެ ޒަމާނީ އަދި މެދު މިނުގެ ވިސްނުމަށް ތައުރީފް ކުރަމުންނެވެ.