ކުޅިވަރު

ޓޮޓެންހަމްއިން ހެރީ ކޭން ވިއްކާނީ ރެކޯޑް ފީއަކަށް

އެއްވެސް ކްލަބަކުން ހެރީ ކޭން ގަތުމަށް ބިޑް ކޮށްފިނަމަ ޓޮޓެންހަމްއިން އޭނާ ވިއްކަން އެއްބަސް ވާނީ ރެކޯޑް އަގަކަށް ކަމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފިއެވެ. ޕެރޭޒް މިފަދަ ގޮތަކަށް ވާހަކަ ދައްކާފައިވަނީ ދާދިފަހުން ޓޮޓެންހަމްއާއި ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގައި ވާދަކުރި މެޗުގެ ކުރިން ރެއާލްގެ ކޯޗު ޒައިންދީ ޒިދާން ކޭންއަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ ކުޅުންތެރިއެއް ކަމަށް ބުނެފައިވަނިކޮށެވެ.

ސްޕެއިންގެ ރޭޑިއޯ ސްޓޭޝަން ކަޑޭނާ ކޫޕްއަށް ދިން އިންޓަވިއު އެއްގައި ޕެރޭޒް ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީއާއި ހެރީ ކޭންއާއި ގުޅެގޮތުން ވާހަކަ ދައްކާފައި ވޭތޯ ސުވާލުކުރުމުން ޕެރޭޒް ބުނެފައިވަނީ "ނޫން ތިކަހަލަ ވާހަކައެއް ނުދައްކަން. އެކަމަކު އަހަރެން އޭނައާއި ކޭންގެ ވާހަކަ ދައްކައިފިނަމަ ލެވީ ބުނާނެ 250 މިލިއަން ޔޫރޯއޭ" ޕެރޭޒް ބުންޏެވެ.

ޕެރޭޒް އިރުރަށް ބުނެފައިވަނީ ކޭން ސޮއިކުރުމަށް ނުވިސްނާ ކަމަށެވެ. މިސީޒަންގައި ޓޮޓެންހަމް އަދި އިންގިރޭސި ގައުމީ ޓީމަށް 15 ލަނޑު ކާމިޔާބުކޮށްދީފައިވާ ކޭން ވަނީ މިހިންގާ 2017 ވަނަ އަހަރު ޖުމްލަ 45 ލަނޑު ކާމިޔާބުކޮށްފައެވެ. "ކޭން އަކީ ވަރަށް މޮޅު ކުޅުންތެރިއެއް އަދި ޒުވާން ކުޅުންތެރިއެއްވެސްމެ އެކަމަކު މިހާރު އަހަރެމެންގެ ޓީމުގެ ސްކޮޑާ މެދު ވަރަށް ހިތްހަމަޖެހޭ" ޕެރޭޒް ބުންޏެވެ.

ފަހަކަށް އައިސް ރެއާލް މެޑްރިޑަށް ޓޮޓެންހަމްއިން ވަނީ މޮޅެތި ކުޅުންތެރިންތަކެއް ވިއްކާލާފައެވެ. އޭގެތެރޭގައި ލޫކާ މޮޑްރިޗް އަދި ގެރެތު ބޭލް ހިމެނެއެވެ. އަދި ފަހަކަށްއައިސް ކަރީމް ބެންޒިމާގެ ފަރާތުން ފެނިގެން އަންނަ ކުޅުމާމެދު އޭނާއަށް ފާޑުކިޔުން އިތުރުވެފައިވާއިރު އިންގިރޭސި އަދި ސްޕެއިންގެ ގިނަ މީޑިޔާތަކެއްގައި ހެރީ ކޭން ރެއާލް މެޑްރިޑަށް ބަދަލުވެދާނެ ކަމުގެ ވާހަކަތަށް މިވަނީ އިތުރުވެފައެވެ.

އޮގަސްޓް ފަހު ޓްރާންސްފާ ރިކޯޑު މުގުރާލުމަށްފަހު ބާސެލޯނާއިން ޕީއެސްޖީއަށް 220 މިލިއަން ޔޫރޯއަށް ބަދަލުވި ނޭމާގެ ޓްރާންސްފާ ރެކޯޑު މުގުރާލުމަށްފަހު ހެރީ ކޭން ރެއާލް މެޑްރިޑަށް ގެންދަން ބޭނުންނަމަ އެކަން ވާނެ ފެންވަރުގެ ރައީސަކަށް މިވަގުތު ހުރީ ރެއާލްގެ ރައީސް ޕެރޭޒްއެވެ. އެނާވަނީ މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ފުޓުބޯޅައިގެ ޓްރާންސްފާ ރެކޯޑު މުގުރާލާފައެވެ.

2000 ވަނަ އަހަރު ލުއިސް ފީގޯ ރެއާލްއަށް ގެނެސްފައިވަނީ ރެކޯޑް އަގަކަށެވެ. ޖެހިގެންއައި އަހަރު ޒިދާން ރެއާލް މެޑްރިޑަށް ގެނެސްފައިވަނީވެސް ރެކޯޑު ފީ މުގުރާލުމަށްފަހުއެވެ. އޭގެ ފަހުން 2009 ވަނަ އަހަރު ރޮނާލްޑޯ އަދި 2013 ވަނަ އަހަރު ބޭލް ރެއާލްއަށް ގެނެސްފައިވަނީވެސް ރެކޯޑު ފީއަކަށެވެ.