ވިޔަފާރި

ގަތަރު އެއާވޭސްގެ ބޮޑު ބޯޓެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް

މިމަހު ފަށާ ޓޫރިޒަމްގެ އާ ސީޒަނާ ދިމާކޮށް، ގަތަރު އެއާވޭސްގެ 350 މަރުކާގެ ބޯޓެއް ފުރަތަމަ ފަހަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިމަހުގެ 30 ވަނަ ދުވަހު ޖައްސާނެ އެވެ.

ޓޫރިޒަމް އާ ސީޒަނާ ދިމާކޮށް ވީއައިއޭގައި އާ ބެގޭޖު ބެލްޓާއި ގޭޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތަށްފަހު، އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އާ ސީޒަނާ ދިމާކޮށް ގަތަރު އެއާވޭސްގެ އޭ 350 ގެ ބޯޓު ރާއްޖެއަށް ދަތުރު ފަށާނެ ކަމަށެވެ. އަދި މިއީ ގަތަރު އެއާވޭސްގެ މި މަރުކާގެ ބޯޓެއް ރާއްޖެއަށް ދަތުރު ފަށާ ފުރަތަމަ ފަހަރެވެ.

"އަޅުގަނޑު ފާހަގަކޮށްލާނަން މި ފްލައިޓަކީ މި ސަރަހައްދަށްވެސް މި ރީޖަން އަށް ވެސް އޮޕަރޭޓް ކުރާ ފުރަތަމަ ފްލައިޓް. އެއީ ރާއްޖެއަށް ލިބޭ ކުރިއެރުމަކާއި އަދި ޓޫރިޒަމަށްވެސް އަންނާނެ ކުރިއެރުމެއްކަން ފާހަގަކޮށްލަން،" އާދިލް ވިދާޅުވި އެވެ.

ޓޫރިޒަމްގެ އާ ސީޒަން ފަށާނީ މިމަހުގެ ފަހުކޮޅު އެވެ. ސީޒަން އަންނަ އަހަރުގެ މާޗު މަހާ ހަމައަށް ދެމިގެންދާނެ އެވެ.

އަޅުގަނޑު ފާހަގަކޮށްލާނަން މި ފްލައިޓަކީ މި ސަރަހައްދަށްވެސް މި ރީޖަން އަށް ވެސް އޮޕަރޭޓް ކުރާ ފުރަތަމަ ފްލައިޓް. އެއީ ރާއްޖެއަށް ލިބޭ ކުރިއެރުމަކާއި އަދި ޓޫރިޒަމަށްވެސް އަންނާނެ ކުރިއެރުމެއްކަން ފާހަގަކޮށްލަން،
އެމްއޭސީއެލްގެ، އެމްޑީ އާދިލް މޫސާ

ޔޫރަޕުގެ ފިނި މޫސުމާ ދިމާކޮށް، ރާއްޖެއަށް އާ ފްލައިޓްތަކެއްގެ ދަތުރުތައްވެސް ފަށަން ދަނީ ތައްޔާރުވަމުންނެވެ. އަދި ފިނި މޫސުމާ ދިމާކޮށް ދުވާލަކު 10 ފްލައިޓް ޖައްސާނެ ކަމަށް ސަރުކާރުން ވެސް ބުނެފައިވެ އެވެ.

އަލަށް ފަށާ އެއާލައިންތަކުގެ ތެރޭގައި ޔޫރަޕުގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ "އެއާފްރާންސް" އެވެ. އެ އެއާލައިނުން ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ފްލައިޓް ބާއްވަން ވަނީ ނިންމާފައެވެ. މި އެއާލައިނުން މާލެއަށް ދަތުރު ކުރާނީ އެެ އެއާލައިނުގެ ބޮއިންގް 777 މަރުކާގެ މަތިންދާ ބޯޓުތަކުގަ އެވެ. މި ބޯޓުތަކުގައި ޖުމްލަ 312 ސީޓު ހުންނާނެ އެވެ.

އަނެއް އެއާލައިންއަކީ އިޓަލީވިލާތުގެ ރޯމާއި ރާއްޖެއާ ދެމެދު "އެލިތާލިޔާ" އެއާލައިން އެވެ. އެ އެއާލައިނުން ރާއްޖެއަށް އުދުހޭނީ އަންގާރަ ދުވަހާއި ހުކުރު ދުވަސް އަދި ހޮނިހިރު ދުވަހު އެވެ. އަދި މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް 330 ގެ ފްލައިޓެކެވެ. މިއީ 250 މީހުންގެ ކެޕޭސިޓީގެ ބޯޓެކެވެ. މީގެ އިތުރުން ވެސް ގިނަ އެއާލައިންތަކެއްގެ ފްލައިޓް އިތުރުކޮށް، ފްލައިޓްތަކުގެ ކެޕޭސިޓީ އިތުރު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 892,025 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ޒިޔާރަތް ކުރީ 842,635 މީހުންނެވެ. މިއީ 5.9 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ސަރުކާރުން ވަނީ މިއަހަރު 1.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަަށް އަންދާޒާކޮށްފަ އެވެ.