ފިނިޕޭޖް

ނޯޓީ 40 ލީކުކޮށްލި މައްސަލަ ޕޮލިހަށް

މިިދިޔަ އޯގަސްޓު މަހުގެ ދެވަނަ ދުވަހު ނޯޓީ 40 ރިލީޒް ކުރުމަށްފަހު ގިނަ ޝޯ ތަކެއް މާލެ / ހުޅުމާލެ އަދި އަތޮޅުތެރޭގައިވެސް ދެއްކި އެވެ. ފިލްމު ބަލަން އެތައް ސަތޭކަ ބަޔަކު ދިޔައިރު ގިނަ މީހުންނަށް އެ ފިލްމު ކަމުދިޔަ އެވެ. ނޯޓީ 40 ރިލީޒްކުރުމަށްފަހު ފިލްމުގެ ޝޯތައް ދައްކާ ނިންމާލިތާ ދުވަސްތަކެއް ނުވެ އެ ފިލްމު ޔޫޓިއުބުގައި ވެސް ވައިގައި ހިފައިގެން ދިޔަ އެވެ.

އެހެން ނަމަވެސް ފިލްމު ޕްރޮޑަކްޝަން ޓީމުން ފިލްމު ޔޫޓިއުބަށް ދޫކޮށްލީއެއް ނޫނެވެ. މީގެ މަހެއްހާ ދުވަސް ކުރިން ބަޔަކު ގަސްތުގައި ފިލްމު ލީކުކޮށްލީ އެވެ. ފިލްމު ޔޫޓިއުބަށް ލުމާއެކު ޕްރޮޑަކްޝަން ޓީމުގެ ސަމާލުކަމަށް އެކަން ގެނެސް އެ މައްސަލަ މިހާރުވަނީ ޕޮލިހަށް ހުށަހަޅާފަ އެވެ.

ފިލްމުގެ އެއް ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ބުނީ ފިލްމުގެ ތިން ކޮޕީއެއް ލީކުވެފައިވާ ކަމަށެވެ. އެއީ ލ. އަތޮޅުގައި ފިލްމު އަޅުވަން ފޮނުވި ކޮޕީ އާއި، ށ. މިލަންދޫގައި އަޅުވަން ފޮނުވި ކޮޕީ އަދި މާލޭގެ އޮލިމްޕަސް އަދި ޝްވެކް ސިނަމާގައި އަޅުވަން ތައްޔާރުކުރި ކޮޕީ ކަމަށެވެ. ލ. އަތޮޅުގައި ފިލްމު އަޅުވަން ކޮޕީ ހަވާލުކުރީ ފިލްމީ ތަރި އަހްމަދު ޒިޔާއު އާ އެވެ. އަދި ށ. އަތޮޅުގައި ފިލްމު އަޅުވަން ކޮޕީ ހަވާލުކޮށްފައިވަނީ ފިލްމުގެ އެއް ތަރި ކަމަށްވާ އަހްމަދު ޝަރީފް އާ އެވެ.

ނޯޓީ 40 ގެ 35 ވަރަކަށް ޝޯ އެޅުވި ކަމަށް ޝަފީގު ބުންޏެވެ. އެ ފިލްމު ހަދާފައިވަނީ ފަސް ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެންނެވެ. އެ ފިލްމުން ފެނިގެން ދިޔަ ތަރިިންގެ ތެރޭގައި އަހްމަދު ސައީދު، މުހައްމަދު މަނިކު، އަލީ ސީޒަން، ޔޫސުފް ޝަފީއު، ފާތިމަތު އާޒިފާ (އަޒޫ)، ނިއުމާ މުހައްމަދު، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) ހިމެނެ އެވެ. އަދި މަރިޔަމް އައްޒަ، މުހައްމަދު ރިފްޝާން (ރިއްޕެ) އަދި އުމަރު އަޝްފާގް، އަރްޝަމް، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު ޝަރީފް، ގުލިސްތާނުގެ ހުނަރުވެސް ވަނީ ދައްކާލާފަ އެވެ.

ނޯޓީ 40 އަކީ މިހާތަނަށް އެ ފިލްމެއްގައި އެންމެ ގިނަ ރަހަތައް އެކުލަވައިގެން ގެނެސްދިން އެއް ފިލްމެވެ. އެ ފިލްމުން އެކްޝަން، ލޯބި، ރޮމޭންސް، މިއުޒިކަލް، ސްޕައި، ކޮމެޑީ، ޑްރާމާ، ޖަޒުބާތު، އެކުވެރިކަން މިހެން ގޮސް ހުރިހާ ރަހައެއް ފެނިގެން ދިޔަ އެވެ.

ނޯޓީ 40 އަކީ އުމުރުން 40 އަހަރުން މަތީގެ ބަޔަކަށް ދިމާވާ ކަންތައްތަކެވެ. އެމީހުންގެ ޒުވާން އުމުރުގައި ހިނގާފައިވާ ބައެއް ހާދިސާތައްވެސް ފެނިގެންދާނެ އެެވެ. އެ ފިލްމުގެ ބޮޑު ބައި ނަގާފައިވަނީ ށ. މިލަންދޫގަ އެވެ. މާލޭގައިވެސް މަދު މަންޒަރުތަކެއްވަނީ ނަގާފަ އެވެ.