ރާއްޖޭގެ ބައެއް ރަށްތަކުގައި އެއާޕޯޓް އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވަމުން ގެންދަވާތީ ޕްރޮފެސަރު ހަސަން އުގެއިލް ފާޑު ވިދާޅުވެއްޖެ އެވެ.
ދާދި ފަހުން ރައީސް ޔާމީން ބައެއް އަތޮޅުތަކަށް ކުރެއްވި ޒިޔާރާތުގައި ވަނީ އެއާޕޯޓުތަކެއް އަޅާ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ރ. އަތޮޅުގައި ބައިނަލްއަގުވާމީ އެއާޕޯޓު އަޅުއްވާނެ ކަމަށް މިދިޔަ އަނގާރަ ދުވަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ހަބަރު ޓްވީޓު ކުރައްވަަމުން އުގެއިލް ވިދާޅުވީ ގައުމެއް ހިންގޭނީ ރަނގަޅު އަމަލުތަކެއް ގެންގުޅުމާއި، ވިސްނުންތެރިކަމާއި، ކަން ކުރެވޭނެ ގޮތުގެ ރަނގަޅު ފިކުރެއް ހުރެގެން ކަމަށެވެ. އެއާ ހިލާފަށް ނުފުއްދޭ ވަރުގެ ވައުދުތަކެއް ވެގެން އޮޅުވާލުމުގެ ތެރެއިން ކަންކޮށްގެން ގައުމެއް ނުހިންގޭނެ ކަމަށް އުގެއިލް ވިދާޅުވި އެވެ.
އުގެއިލްއަކީ އާންމު ގޮތެއްގައި ސިޔާސީ ވާހަކަދެއްކެވުމާއި ސަރުކާރަށް ނުވަތަ އިދިކޮޅު ފަރާތަކަށް ފާޑު ވިދާޅުވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް ސިޔާސީ ކަންކަމަށް އުގެއިލް ފާޑު ވިދާޅުވެ އެވެ. އެގޮތުން މިނިވަން މުއައްސަސާތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވަ އެވެ.
ރައީސް ޔާމީނަށް އުގެއިލް ފާޑު ވިދާޅުވެފައި ވަނީ، އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބަށް ނެރޭ އިންތިގާލީ ކެނޑިޑޭޓަކަށް އުގެއިލް ހޮވުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގަ އެވެ. އިދިކޮޅު ޕާޓީތަކުން ނިންމާފައިވާ ވަނީ އިންތިގާލީ ކެނޑިޑޭޓަކަށް ސިޔާސީ ނޫން މީހެއް ނެރުމަށެވެ.