ދިޔާނާ ސައީދު

އިންތިހާބަށް ނިކުތުމުގެ ކުރީން ފުރަތަމަ ރާއްޖެއަށް ހިދުމަތް ކޮށްދެއްވާ: ދިޔާނާ

ރައްޔިތުން އެދޭނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަަމަށް ޕްރޮޕެސަރު ހަސަން އުގައިލް އިއުލާނު ކުރެއްވުމާއި ގުޅިގެން "ފުރަތަމަ ރާއްޖެއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދެއްވުމަށް" ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު އެދިވަޑައިގެން އުގެއިލްގެ އިއުލާނު ކުރެއްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވައިފި އެވެ.

ސާކުގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ޖެންޑާ މިނިސްޓަރުކަންވެސް ކުރައްވާފައިވާ ދިޔާނާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދޭތެރެއަކުން ރާއްޖެ ވަޑައިގެން ލައިބްރަރީއަކަށް ފޮތްކޮޅެއް ހަދިޔާކޮށްލައްވާ އެފަދަ ދެތިން ކަމެއް ކޮށްލެވުމަށްވުރެ ބޮޑު ހިދުމަތެެއް އުގެއިލްގެ ކިބައިން ފެނިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"ފުރަތަމަ ރާއްޖެއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދެއްވާ،" އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އުގެއިލްއަށް އިޝާރާތް ކުރައްވާ ދިޔާނާ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް އުގެއިލް ގެންދަވަނީ "އުގެއިލް ފައުންޑޭޝަން" ގެ ނަމުގައި ފައުންޑޭޝަނެއް ރާއްޖޭގައި ހިންގަވަމުންނެވެ. އަދި ދޭތެރެއަކުން ރާއްޖެ ވަޑައިގެން ތަފާތު އެކި ޕްރަގްރާމްތައް ހިންގަވައެވެ. ހާއްސަކޮށް ތައުލީމީ ދާއިރާއަށް އެހީތެރިވެދެއްވައެވެ. އަދި ތައުލީމީ ދާއިރާއަށް ހާއްސަ ފޮތްތައް ހަދިޔާ ކުރައްވައެވެ.

ދާދި ފަހުން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އުގެއިލް ވަނީ ރާއްޖޭގެ ސިޔާސީ މައިދާނަށް ނިކުންނެވުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ. އަދި ރައްޔިތުން އެދޭނަމަ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ. އެ މަސައްކަތަށް އިނގިރޭސިވިލާތް ދޫކޮށް ރާއްޖެއަށް ދިރިއުޅުން ބަދަލު ކުރެއްވުމަށްވެސް އުގެއިލް ތައްޔާރެވެ.

އުގެއިލްއަށް ތާއީދު ހޯދުމަށް މިހާރުވެސް ސޯޝަލް މީޑިއާގައި ދަނީ ކެންޕެއިން ހިނގަމުންނެވެ. އެ މަސައްކަތުގައި އިސްކޮށް ތިއްބެވި ބޭފުޅުން ގެންދަވަނީ ސިޔާސީ އެކި ބޭފުޅުންނާއި މަޝްވަރާވެސް ކުރައްވައެވެ. 2023 ގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އުގެއިލް ނިކުންނަވާނެ ކަމަށްވެސް އެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.