ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަން ވޯޓު ލިބެންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ އަދަދަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ދިޔާނާ މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ ވޯޓުގެ 30 ޕަސެންޓަށް ވުރެ މަތިން ލިބޭ ކެންޑިޑޭޓަކީ ކާމިޔާބު ހޯދި ކެންޑިޑޭޓުގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވާފައި ވަނިކޮށެވެ. އެމްޑީޕީން ދެން ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި އެ އިސްލާހު ފާސްކުރުމަށްފަހު މަޖިލީހަށް ހުށަހެޅުމަށް ނަޝީދު ވަނީ ނިންމަވާފަ އެވެ.
އެ އިސްލާހަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ދިޔާނާ ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގައި ވިސްނަން ޖެހެނީ އެމްޑީޕީއަށް މޮޅު ހޯދޭނެ ފޯމިއުލާ އަކަށް ވުރެ ފުޅާކޮށް ކަމަށެވެ.
ގާނޫނުއަސާސީގެ 111 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިހާބު ވާނީ ވޯޓު ދިން މީހުންގެ 50 އިންސައްތަ އަށް ވުރެ ގިނަ ވޯޓު އެ މީހަކަށް ލިބިގެން ކަމަށެވެ.
އެ މާއްދާ އިސްލާހު ކުރަންޖެހޭ ކަމަށް ފާހަގަކުރައްވާ ދިޔާނާ ވިދާޅުވީ ރާއްޖޭގެ އިންތިހާބުތަކުގެ ތާރީހާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ބޭފުޅުން ހޯއްދެވި ނަތީޖާތަކަށް ބަލާއިރު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބޭ ބޭފުޅަކު ހޮވޭ ގޮތަށް ކަނޑައެޅުން ރަނގަޅު ކަމަށެވެ.
ދިވެހި ރައްޔިތުން ބަލައިގެންފައިވަނީ ރިޔާސީ ނިޒާމެއް ކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅުން ކޯލިޝަން ހަދަންޖެހުމަކީ ވެސް ދިޔާނާ ގަބޫލުކުރައްވާ ކަމެއް ނޫނެވެ. އެގޮތުން ދިޔާނާ ވިދާޅުވީ 2007 ވަނަ އަހަރު ބޭއްވި ނިޒާމީ ވޯޓުގައި ރައްޔިތުން ރިޔާސީ ނިޒާމަކަށް ވޯޓު ދީފައިވާއިރު ރައީސުލްޖުމްހޫރިއްޔާއާ ތަފާތު ވިސްނުމެއް ގެންގުޅޭ ޕާޓީތަކުން ވެރިކަން ކުރާ ނަތީޖާއެއް މެދުވެރިވާ ގޮތަށް އޮތުމަކީ ނިޒާމީ ވޯޓުގައި ރައްޔިތުން އިއްވި ބަހަށް "ބިއްދޮށު ދޮރުން އަތް ފޯރުވުން" ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ނިންމުން ނަފީކުރުން ކަމަށްވެސް ވިދާޅުވި އެވެ.
"މުޅި ގައުމުގެ އެންމެހާ ރައްޔިތުންގެ މައްޗަށް ހިންގާ ގާނޫނުތައް ފާސްކުރާ އަގުލަބިއްޔަތަށް ބެލިޔަސް، 50 ޕަސަންޓް ޕްލަސް އެއް ވޯޓުގެ ޒުވާބު މިހާރު ފެން ނުހިފޭ." ސާކްގެ ސެކްރެޓަރީ ޖެނަރަލް ކަންވެސް ކުރައްވާފައިވާ ދިޔާނާ ވިދާޅުވި އެވެ.
ރައީސް ނަޝީދު ހުށަހަޅުއްވަން އުޅުއްވާ އިސްލާހުގައި އޮތީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ ވޯޓުގެ 30 ޕަސެންޓަށް ވުރެ މަތިން ހޯއްދަވާ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓުގެ ގޮތުގައި ގާނޫނުއަސާސީގައި ހިމެނުމަށެވެ. އެއްވެސް ކެންޑިޑޭޓަކަށް 30 ޕަސެންޓް ލިބިވަޑައިނުގެންފިނަމަ އެންމެ ގިނަ ވޯޓު ހޯއްދަވާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމަށެވެ.