ޕްރޮފެސަރު ހަސަން އުގައިލް

ދަރީންގެ އިސްލާމީ އަގީދާ ފާސިދުކުރަމުންދާ ކަމުގެ ސާފު ހެކި ފެނޭ: އުގެއިލް

ތައުލީމު ދިނުމުގެ ނަމުގައި ޅަ ދަރީންގެ އިސްލާމީ އަގީދާ ފާސިދުކުރަމުންދާ ކަމުގެ ސާފު ހެކިތައް ފެންނަމުންދާ ކަމަށް ވިދާޅުވެ ޕްރޮސެފަރު ހަސަން އުގެއިލް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އުގެއިލް މިއަދު ވަނީ "ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ރައްދުކުރާ ޝުއޫރު" ތަކެއް ކަމަށް ވިދާޅުވެ އޭނާގެ ފޭސްބުކްގައި ނޯޓެއް ޕޯސްޓެއް ކުރައްވާފައެވެ. އުގެއިލްގެ ނޯޓްގައި ވިދާޅުވެފައިވަނީ ތައުލީމު ދިނުމުގެ ނަމުގައި ޅަ ދަރީންގެ އިސްލާމީ އަގީދާ ފާސިދުކުރަމުންދާ ކަމުގެ ސާފު ހެކިތައް ފެންނަމުންދާ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އެ ކަމަށް ތަންދެވިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

"އޭގެ ސަބަބުން ޖީލުތައް ހަލާކުވާނެ އެވެ. ރާއްޖޭގައި އިތުރު ހަމަނުޖެހުންތަކަށް އުފެދޭނެ އެވެ. ނަތީޖާއަކަށްވާނީ ދިވެހި ގައުމު ޖަހަައިގަތުމަށް ފާރަލާ ބަޔަކަށް އެ ކަމުގެ ދޮރުތައް އޭގެ ތަން މިނަށް ހުޅުވުމެވެ. ރައްކާވެތިބިއްޔާ ދަތުރެވެ،" އުގެއިލްގެ ނޯޓްގައި ވިދާޅުވެފައިވެއެވެ.

ތައުލީމު ދިނުމުގެ ނަމުގައި ދިވެހި ކުދި ދަރީންގެ އިސްލާމީ އަގީދާ ފާސިދުކުރަމުން ދާ ކަމުގެ ސާފު ހެކިތައް ފެންނަމުން އެބަ ދެއެވެ. އެ ކަމަށް ތަން ދެވިގެން ނުވާނެ އެވެ. އޭގެ ސަބަބުން ޖީލުތައް ހަލާކުވާނެ އެވެ. ރާއްޖޭގައި އިތުރު ހަމަނުޖެހުންތަކަށް އުފެދޭނެ އެވެ. ނަތީޖާއަކަށްވާނީ ދިވެހި ގައުމު ޖަހަައިގަތުމަށް ފާރަލާ ބަޔަކަށް އެ ކަމުގެ ދޮރުތައް އޭގެ ތަން މިނަށް ހުޅުވުމެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.
ޕްރޮފެސަރު ހަސަން އުގެއިލް - 2021-09-07

އުގެއިލް މިހެން ވިދާޅުވެފައިވާއިރު ވަރަށް ގިނަ ގުރޭޑްތަކުގެ އިސްލާމް ފޮތްތަކުގައި ގުރުއާންގެ ބައެއް އާޔަތްތައް ނުބައިކޮށް ލިޔެފައި ހުރިކަން ފާހަގަވެ އެކަމުގެ ކަންބޮޑުވުން ވަނީ ވަރަށް ބޮޑަށް އުފެދިފައެވެ. އަދި ކަލަކުވޮޑިގެން ނުވާކަން ދެއްކުމުގެ ގޮތުން އެފަދަ ފާސިގު ވާހަކަތައް ކިޔައިދޭ އެކި ފިލާވަޅުތައް ދަރިވަރުންނަށް ދޭ ކަމުގެ އަޑުގަދަ ވަނީ ގަދަވެފައެވެ.

މީގެ އިތުރުން ދިވެހިންގެ އާދަކާދަޔާ ސަގާފަތާއި ބީރައްޓެހި ކަންކަން ދަރިވަރުން ލައްވާ ކުރުވާ ކަމުގެ ޝަކުވާވެސް ބޮޑެވެ. ބައެއް ކޮންސެޓްތަކުގައި އިންޑިއާގެ ދިދަ ހިފައިގެން އިންޑިއާގެ ގައުމީ ލަވަތަކަށް ދަރިވަރުން ނައްޓުވާ ވީޑިއޯތައްވެސް ދަނީ އާންމުވަމުންނެވެ. އަދި އިންޑިއާގެ ބައެއް ފިލްމީ އުފެއްދުންތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ފިލާވަޅުތަކެއް ބައެއް ގުރޭޑްތަކުގެ ފޮތްތަކުގައި ހުރި ކަމަށްވެސް ބެލެނިވެރިން ބުނެއެވެ. އެ ފިލާވަޅުތައް ހިމަނާފައިވަނީ ފިލްމާއި ތަމްސީލަށް ލޯބި އުފެއްދުމުގެ ނަމުގައެވެ.