ހަބަރު

ސްކޫލްތަކުގައި ލެކްޗާ ދިނުން އުގެއިލަށް މަނައެއް ނުކުރޭ: އެޑިއުކޭޝަން

ރާއްޖޭގެ ސްކޫލްތަކުގައި ލެކްޗަރުތައް ދިނުން ޕްރޮފެސަރު ހަސަން އުގެއިލް އަށް މަނާ ނުކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ވިދާޅުވީ ޕްރޮފެސަރު އުގެއިލްއަށް ސްކޫލްތަކުގައި ލެކްޗަރު ދެއްވުން މަނާކޮށް އެއްވެސް އެންގުމެއް ނާންގާ ކަމަށެވެ.

"އަޅުގަނޑުވެސް ވަރަށް އަޖައިބުވެފައި މިހިރީ ތި ކަަހަލަ ހަބަރުތަކެއް އުޅޭތީ، ސްކޫލްތަކުގައި ލެކްޗަރު ދިނުން މަނާކޮށް ޕްރޮފެސަރު އުގެއިލްއަށް އެއްވެސް އެންގުމެއް އަންގާފައެއް ނުވާނެ،" ސައީދު ވިދާޅުވި އެެވެ.

ޕްރޮފެސަރު އުގެއިލް ރާއްޖެ ވަޑައިގެން ދޭތެރެ ދޭތެރެއިން ސްކޫލްތަކުގައި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ދަރިވަރުންނަށް ލެކްޗަރު ދެއްވަ އެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އުގެއިން ވަނީ ސްކޫލްތަކުގައި ލެކްޗަރު ދެއްވުން އުގެއިލް އަށް މަނާކުރައްވާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެޑިއުކޭޝަނުން ރަސްމީކޮށް އެފަދަ އެއްޗެއް އަންގާފައިވާ ކަމަކަށް ވިދާޅެއް ނުވެ އެވެ.

ޕްރޮފެސަރު އުގެއިލް އަކީ ސައިންސްގެ ރޮނގުން ޕްރޮފެސަރުކަން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޕްރޮފެސަރު އުގެއިލް އަންނަނީ އިނގިރޭސި ވިލާތުގެ ބްރެޑްފާޑް ޔުނިވާސިޓީގައި ވިޝުއަލް ކޮމްޕިއުޓިންގެ ދާއިރާ އިން ސިނިއާ ޕްރޮފެސަރެއްގެ މަގާމު ފުރުއްވަމުންނެވެ.