ދީނީ ގޮތުން ހައްދުފަހައެޅުމުގެ މައްސަލަ ރާއްޖޭގައި އޮތީ ފަރުދީ ފެންވަރުގައި ކަމަށާއި އެފަދަ ޖަމާއަތްތައް ނެތް ކަމަށް ފުލުހުންގެ ތަރުޖަމާނު އަދި ހެޑް އޮފް ސްޓްރެޓެޖީ އެންޑް ލީގަލް އެފެއާޒް އަހުމަދު ޝިފާނު ވިދާޅުވެއްޖެ އެވެ.
ނިއުސް އޭޝިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝިފާން ވިދާޅުވެފައި ވަނީ ރާއްޖޭގައި "ވައްހާބީ މުއައްސަސާއެއް" ވެސް ނެތް ކަމަށެވެ.
"ހައްދުފަހަ އަޅައި ދިއުން އޮތީ ފަރުދީ ފެންވަރުގައި. ވައްހާބީ އިންސްޓްޓިއުޝަނެއް ނުވަތަ ގްރޫޕެއް މިތަނަކު ނެތް،" ޝިފާން ވިދާޅުވި ކަމަށް އެ ނޫހުގައި ވެއެވެ.
އޭނާ ވިދާޅުވެފައި ވަނީ ރާއްޖޭގައި ވަކި ވަކި ފަރުދުން ހައްދުފަހަނައަޅައި ދަނީ ޕާކިސްތާނުން ނުވަތަ އަފްޣާނިސްތާނުން ކިޔަވައިގެން އައިސް ތިބޭ ޓީޗަރުންގެ ސަބަބުން ކަަމަށާއި އެފަދަ ޓީޗަރުން "ރިއޮރިއެންޓޭޓް" ކުރުމުގެ މަސައްކަތް ކުރަމުންް އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މި ގެންދަނީ އާއްމުންވެސް ހޭލުންތެރި ކުރުވަމުން. އެންމެ ދުރު ރަށްތަކަށް ވެސް ދަތުރުކޮށްގެން،" އޭނާ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.
އިންޓަވިއުގައި ޝިފާން ވިދާޅުވެފައި ވަނީ ރާއްޖޭން ގެންގުޅޭ ސިޔާސަތަކީ ހައްދު ފަހަނަ އަޅައި ދިއުން ހުއްޓުވަން އަދަބު ދިނުން ނޫން ކަމަށާއި މީހުން އިސްލާހު ކުރުން ކަމަށެވެ.
"ދިވެހިރާއްޖެއިން ގަބޫލުކުރަނީ ރިފޯމް ކުރުން ނުވަތަ ރިހެބިލިޓޭޓް ކުރުން އަދަބު ދިނުމަށްވުރެ ރަނގަޅު ކަމަށް. އަދަބު ދީގެން އަސަރެއް ނުކުރޭ އެކަހަލަ ކަންކަމުގައި،" އޭނާ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.
ނިއުސް އޭޝިއާގެ ހަބަރުގައި ބުނެފައި ވަނީ ޝިފާން މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރާއްޖޭގައި ހައްދު ފަހަނަ އަޅައި ދިއުމުގެ މައްސަލަ އޮތް މިންވަރާ މެދު ހުޅަނގުންނާއި އިދިކޮޅު އެމްޑީޕީން އެކަން މާ ބޮޑުކޮށްލައިގެން ދައްކާތީ ކަމަށެވެ. އަދި ރާއްޖޭގައި އެ މައްސަލަ އޮތީ ފުރިހަމައަށް ކޮންޓްރޯލް ކުރެވިފައި ކަަަމަށް ވެސް އޭނާ ވިދާޅުވި ކަމަށެވެ.
އިދިކޮޅު އެމްޑީޕީން ބުނާ ގޮތުގައި ސީރިޔާ ހަނގުރާމައިގައި ބައިވެރިވާން ރާއްޖޭން 250 އަށް ވުރެ ގިނަ މީހުން ގޮސްފައި ވެއެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ އެލިސް ޖީ ވެލްސް ވިދާޅުވެފައި ވަނީ އާބާދީގެ ނިސްބަތުން، އައިސިސްއާ ގުޅެން އެންމެ ގިނަ މީހުން ގޮސްފައި ވަނީ ރާއްޖެއިން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެފައި ވަނީ ރާއްޖޭން ދިޔައީ 49 މީހުން ކަމަށެވެ.