ވާހަކަ

މިންނުގެ ޑައިރީ

(24 އޮކްޓޯބަރ 2017 އާ ގުޅޭ)
ހަފިއްތަގެ ވާހަކަތަކުން އަހަރެން ދެރަވިއެވެ. އަޒާންއަކީ އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާކަމުގައި ބުނީމެވެ. އިތުރު ވާހަކައެއް ނުދައްކާ އަހަރެން ދުރަށް ދިޔައީއެވެ. ނަސީބަކުން މި އިން އެއްވެސް ކަމެއް އަޒާން ނުދެނަހުއްޓެވެ.

އެއްވެސް އިރެއްގައި ހަފިއްތަގެ ޚިޔާލު ތަކަކީ އަހަރެންގެ ޒާތީ ދިރިއުޅުމަށް އެހާ މުހިންމު ޚީޔާލުތަކެއް ނޫނެވެ. އޭނާގެ ފަރާތުން ގިނަ ފަހަރަށް އިވިފައި ހުރީ ވެސް ފާޑުކިޔުންތަކެވެ. އަހަރެންގެ ޚިޔާލުތަކާއި އަހަރެންގެ ނިންމުންތަކަކީ ހަފިއްތަގެ ނަޒަރުގައި ވަރަށް "ކަޓު، ގަމާރު" މީހުންގެ ހުންނަ ފަދަ ފިކުރުތަކެވެ. އޭނާގެ ދުލުން އިވޭ ބަސްތަކުގައި އެއްވެސް ބުރަދަނެއް އަހަރެންގެ ކުރިމަތީ ނޯންނަނީ އެހެންވެއެވެ. ދުނިޔެއަށް ދަހިވެތި ވުމަކީ އަހަރެންގެ ޠަބީޢަތުގައި ވެސް ހަރުލާފައި ނެތް ކަމެކެވެ.

އަޒާން: "ލޯބީ!... އޯކޭތަ؟"

މަޑު ހިނގުމުގައި އައިސް އަޒާންގެ ގާތުގައި މަޑުކޮށްލެވުނީ ނުތަނަވަސްވެފައިވާ މޫނަކާއެކުކަން އެނގުނީ ދެނެވެ. އަވަސް އަވަހަށް ހިނިތުންވެލުމާއެކު އަހަރެން ބޯޖަހާލީ ހުރިހާ ކަމެއް ރަނގަޅޭ ބުނުމުގެ ގޮތުންނެވެ.

އަޒާން: "މިންނު! މި ކަހަލަ ޚާއްޞަ ހަފުލާތަކުގައި މިންނު ތިހާ ރީތިވެލައިގެން ހުންނަތަން ފެނުނީމަ އަހަރެންގެ ހިތަށް ނުބައި ގޮތެއްވޭ އިނގޭ"

އަޒާން އެ ބުނި އެއްޗެއް ނޭނގުނެއްކަމަކު އަހަރެން ލޯ ބޮޑުކޮށްލާފައި ހީނގަނެވުނެވެ. އަހަރެން މާ ރީތިވެލައިފިއްޔާ އަޒާން ބައެއްފަހަރަށް އެކަހަލަ ސަމާސާތައް ބަސްތައް ރައްދުކޮށްލައެވެ. ނިކަން ލޯބިން އަޒާން އަހަރެންގެ އަތުގައި ހިފާލިއެވެ. މިރޭ އޭނާގެ ހަރަކާތްތައް ވެސް ހުރީ މީގެ ކުރިން ނުހުންނަ ފަދަ ގޮތަކަށެވެ. ބައެއްފަހަރު އަހަންނަށް އިހުސާސް ކުރެވެނީ އަހަންނަކީ އަޒާންގެ މިލްކެއްކަން ހަފުލާއަށް އައިސްގެން އުޅޭ މީހުންނަށް އަންގަން އަޒާން ބޭނުންވާ ހެނެވެ.
އަޒާން: "ފޮޅިލާފައި އިން ތާޒާ ރަތް ފިނިފެންމަލެކޭ ތަފާތެއް ވެސް ނެތް"

އަހަރެންގެ ކަންފަތު މުދިއާ އެއްއަތުން ކުޅެލުމާއެކު އަޒާން ބުނެލިއެވެ. އެވަގުތު އަހަރުމެންގެ ނުހަނު ގާތުން ހައިކަލްގެ އަޑު އިވިގެންދިޔައެވެ.

ހައިކަލް: "އެގްޒެކްޓްލީ! އަހަރެން ވެސް ހިތަށް އެރީ ހަމަ ތިހެން. މިންނު ހަޤީޤަތުގައި ވެސް ހީވަނީ ރެޑް ރޯޒްއެއް ހެންނޭ. ޔޫ ލުކް ބިއުޓިފުލް"

ހައިކަލްގެ ތަޢުރީފުތަކަށް އަހަރެން ހިނިތުންވެލީމެވެ. ނަމަވެސް އަޒާންގެ ހިނިތުންވުމުގައި އުފާވެރިކަމާއި ހިތްހަމަޖެހުމެއް ނުފެނެވެ. ހީވީ ހައިކަލް އައުމުން އޭނާއަށް ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ވީ ހެންނެވެ. އެހެން އެކަން ވެދާނޭކަން އަހަންނަށް ވެސް ޤަބޫލުކުރެވެއެވެ. އަހަންނަށް ވެސް ހިސާބަކަށް ހައިކަލްގެ ގާތުގައި ހުންނަން އުނދަގޫވިއެވެ. ހައިކަލްގެ ހިތުގައިވާ އެއްޗެއް އަޒާނަށް ނޭނގުނަސް އަހަންނަށް އެނގެއެވެ. ރަޙުމަތްތެރިއެއްގެ ގޮތުގައި ދުށުމަށް ބޭނުންވާތީ އަހަރެން ފާޅުގައި ހައިކަލްއާ ވަކިވެ އަޒާންއާ ދެމީހުން އެކަހެރިވާން މަސައްކަތެއް ނުކުރަމެވެ. ހަފިއްތަ ކައިވެނި ހަފުލާއަށް ވެފައި އެތަނުގައި ހައިކަލްގެ ވެސް ރައްޓެހިން ތަކެއް ނުތިބޭނެކަން ވިސްނޭތީއާ އެކުއެވެ.

ހަފުލާއަށް ހައިކަލް އައިސް ހުރީ ރަތްކުލައާ ގާތް ކުރާ ކުލައެއްގެ ގަމީހެއް ލައިގެންނެވެ. އޭނާ އަހަންނަށް ރަތްކުލައިގެ ހެދުމެއް ހަދިޔާ ކުރީ ކޮން ނިޔަތެއްގައި ކަމާމެދު އަހަރެންގެ އަމިއްލަ ހިތާ ސުވާލުކުރަން ޖެހުނީ އެހެންވެއެވެ. އަހަރުމެންގެ ގާތަށް ހައިކަލް އައުމުން އަހަންނަށް އުނދަގޫވީ ސަބަބަކީ ވެސް އެއީއެވެ. އަހަރެންގެ ގާތުގައި ހައިކަލް ހުއްޓިލައިގެން ހުންނައިރު އަހަންނާއި ހައިކަލްއަކީ ގުޅޭ ޖޯޑެއްކަމުގައި މީހުންނަށް ފާހަގަވަނީއެވެ. ގުޅުން އޮތީ އަހަރުމެން ދެ މީހުންގެ ދެމެދުގައި ހެން ހީވާ ކަހަލައެވެ. އަޒާންއަކީ އަހަންނާއި ހައިކަލްގެ ގާތުގައި މަޑުކޮށްލައިގެން ހުރި ރަޙުމަތްތެރިއެއް ފަދައެވެ. އެކަމާ ވިސްނާލުމުން އަޒާންގެ ޢަމަލުތައް އެހާ ގާތްކޮށް ހުންނަންޖެހުނު ސަބަބަކީ ކޮބައިކަން ނަގައިގަނެވުނެވެ. އަހަންނަކީ އަޒާންގެ މީހެއްކަން އަންގަން އޭނާ މަސައްކަތް އެ ކުރަނީ އެހެންވެހެން އަހަންނަށް ބޮޑަށް ޔަގީން ކުރެވެއެވެ. އޭނާގެ ހިތްހަމަޖެހުމަށް ޓަކައި އަހަރެން އަޒާންގެ އަތުން ދޫކޮށެއް ނުލަމެވެ. އެ މުލައްދަނޑީގައި ހިފާ އިތުރަށް ގާތްވެލައިގެން އުޅުނީމެވެ.

ކައިވެނީގެ ވަލީމާ ނިމުމުން ގެއަށް އައުމަށް މެހެފިލް ދޫކޮށް ޢާއިލާއާއި ގާތް ރަޙުމަތްތެރިން ނުކުތީ އެކުއެކީގައެވެ. އަހަރެން ވެސް އަޒާންއާއެކު ހިނގައިގަތީ އޭނާގެ ސައިކަލު ޕާކުކޮށްފައި ހުރި ދިމާއަށެވެ. އައު ފައިވާނެއްގައި ގިނައިރު ކޮޅަށް އުޅޭން ޖެހުމުން އަހަރެންގެ ފައިތިލައިގައި ރިހުމެއް ހުއްޓެވެ. އަޒާންގެ ސައިކަލަށް ފަހަތަށް އެރުމާއެކު ދެ ފަޔަށް އަރާމެއް ލިބިގެންދިޔައެވެ. އަހަރުމެން ދުއްވާލަން އުޅެނިކޮށް ހަފިއްތައާއި އަކީލު އެރި ކާރަށް މަންމަ އަރަނިކޮށް އަހަރެން ދުށީމެވެ. މަންމަގެ ދަރިއަކު ފައިސާ ޖަހާ މެޝިނަކާ ކައިވެނި ކުރީތީ ހުރީ ވަރަށް އުފަލުންނެވެ. ހަފިއްތައާއި އަކީލުގެ ގާތުން ދުރަށް ވެސް ނުދެއެވެ. އަބަދުވެސް ހަފިއްތައަކީ މަންމަގެ ރަންދަރިފުޅެވެ. އެ މަންޒަރުތައް ބަލަން ބޭނުންނުވެގެން އަޒާންގެ ގާތުގައި ސައިކަލު ދުއްވާލަން އެދުނީމެވެ.

އަހަންނާއެކު އަޒާން ވެސް ގޭތެރެއަށް ވަނެވެ. ޖޯލީގައި އޭނާ މަޑުކޮށްލައިގެން އިނެވެ. ގެއަށް އައިސް ވަންގޮތަށް ހަފިއްތަ ހެދުން ބަދަލުކޮށްލައިގެން ނުކުތީ އޭނާ ތައްޔާރު ކުރި ފޮށި ހިފައިގެންނެވެ. އަކީލުއާ ދެ މީހުން ފުރަން ދާން އެ މީހުން ގެއިން ނުކުތެވެ. އެމީހުނާއެކު އެއަރޕޯޓަށް ދާން މަންމައާއި ދޮންބައްޕަ ވެސް ނުކުތެވެ. އެމީހުން ގޮވައިގެން ދިޔައީ ހައިކަލްގެ ކާރުގައެވެ. އަހަންނާއި ސުހައްތަމެންގެ ދެ މަފިރިން ގޭގައި އެކަނި ވުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭގެ ކުރީން ހީވީ ބޮޑު ޑުރާމާ ގަނޑެއްގެ ތެރޭގައި އުޅެވުނު ހެންނެވެ. ސިޓިންރޫމު ދޮރުކައިރީ އަރައިގެން ހުރި ފައިބާން ބަހައްޓާފައި އަހަރެން ޢާންމުކޮށް އަރައިގެން އުޅޭ ފެންފައިވާނަށް އަރާލީމެވެ. އަދި އައިސް އަޒާން އިން ޖޯއްޔާ ޖެހިގެން ހުރި ޖޯލީގައި އިށީދެއްޖައީމެވެ. އެވަގުތު ސިޓިންރުމުގެ ކުޑަދޮރުތަކުގެ ލޫވަތައް ލައްޕާލާފައި ސުހައްތަ ބޭރަށް ބޯދިއްކޮށްލިއެވެ.

ސުހާ: "މިންނު! ސުހައްތަމެން މި ދަނީ ނިދަން އިނގޭ. މިންނު ވަދެފަ ދޮރުތަޅުލަން ހަނދާން ކުރައްޗޭ"

ސުހައްތަ އެ ދެއްކީ ސިޓިންރޫމު ދޮރު ތަޅުލާ ވާހަކަކަން އެނގި އަހަރެން ބޯޖަހާލީމެވެ. ގެއަށް ވަންނަން ހުންނަ މަގުމަތީ ދޮރޯށްޓަކީ ތަޅުލެވޭ ގޮތަށް ހުންނަ ދޮރޯށްޓެއް ނޫނެވެ. އެހެންވިޔަސް އަދި މިހާތަނަށް ގެއަށް ވަގެއް ނުވަދެއެވެ. ސިޓިންރޫމުގައި ހުންނަ ދޮރުން ވަދެގެން ނޫނީ މީހުން ދިރިއުޅޭ ހިސާބަކަށް ނާދެވޭނެއެވެ. އެހެންވެ އަބަދުވެސް ސިޓިންރޫމު ދޮރުގައި ވަރުގަދަ ތަޅެއް ހަރުކޮށްފައި ހުރެއެވެ.

ބޯވިލާތަކުގެ ތެރެއިން ފެނި ގެއްލެމުންދާ ހަނދަށް ބަލަހައްޓައިގެން އަހަރެން އޮއްވާ އަހަރެންގެ އަތަށް އަޒާން ދަމާލިއެވެ. އަހަރެން ބަލާލުމުން ދެ އަތުގައި ހިފާ ޖޯލިން ނަގައިގެން ގެނެސް އޭނާގެ އުނގުގައި ބައިންދައިފިއެވެ. އަޒާންގެ މޭގައި ލައްވެލަމުން ޖެހިގެން ހުރި ޖޯއްޔަށް އަޅައިގެން އޮތް ދޯޕަށްޓާ އަހަރެން އެއްލީމެވެ. އޭގައި ހަރުކޮށްފައި ހުރި އެސްތަކަށް ކިރިޔާ އަލިކަމެއް އެޅިލިޔަސް ޖަވާހިރު ފަދައިން ވިދާލައެވެ. ދެ މީހުން ވާހަކައިގައި އެހެން ތިއްބޭ ވާރޭ ވެހެން އުޅޭ ކަމުގައި އަލާމާތްތައް ފެންނަން ފެށިއެވެ. މަޢުނަވީ ބެލުމަކުން އަޒާން އަހަންނަށް ބަލަމުންދިޔައެވެ. މަޑުމަޑުން އަހަރެންގެ ކަނާއަތް ނަގާ އަތްތިލައިގައި އަޒާން ބޮސްދިނެވެ. އަހަރެން ނުވިސްނާ އިންދާ ދެން ފެނުނީ އަހަރެންގެ ކަށިއިނގިލީގައި އަނގޮއްޓިއެއް އަޅުވައިދިން ތަނެވެ. ހައިރާންވެފައި ސުވާލުކޮށްލެވުނެވެ. އެއާއެކު އަޒާންގެ ލޯބިވެތި ބަސްތައް އިވިގެންދިޔައެވެ.

އަޒާން: "އަހަރެން ބޭނުންވަނީ މިންނުއާ މެރީ ކުރަން. އަހަންނާ މެރީ ކުރާނަންތަ؟"

އެކި ވާހަކައިގެ ތެރެއިން އަޒާން އެ ބުނެލި އެއްޗަކުން އުފަލުން ގޮސް އުދުއްސައިގަންނަން ބޭނުންވިއެވެ. ސުހައްތައާއި ހަފިއްތަގެ ކައިވެންޏަށް ފަހު އަހަރެން ވެސް އެފަދަ އުފާވެރި ކަމަކަށް ހުރީ ބޭނުންވެފައެވެ. އަޒާންއާ ކައިވެނި ކުރެވުން އެއީ އަހަރެން އެދިއެދި ހުރި ކަމެވެ. ހިތަށް ކުރި އަސަރުން ދެ ލޯ ފެންކަޅިވާގޮތްވިއެވެ. ދޫ ހަރަކާތް ނުކުރި ނަމަވެސް ނިކަން އަވަހަށް އަހަރެން ބޯޖަހާލީމެވެ. އަހަރެންގެ އެ ހަރަކާތް އަޒާނަށް ފުދުނެވެ. ހިނިތުންވެލުމާއެކު އަހަރެންގެ ގައިގާ ނިކަން ބާރަށް އަޒާން ބައްދާލިއެވެ.

އަޒާން: "އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މިންނުއާ ކައިވެނިކުރާނަން"

އަޒާންގެ ނިންމުމާ ހަފިއްތަގެ ކައިވެނި ހަފުލާއާ ގުޅުމެއް އޮތީކަމަށް ހީކޮށް އަހަރެން ސުވާލުކުރީމެވެ. ކުއްލިއަކަށް އެފަދަ ބޮޑު ނިންމުމެއް އަޒާން ނިންމީ ކިހިނެއް ވިސްނާފަތޯ އެހުނެވެ.

އަޒާން: "އަހަރެން ގާތުގައި ވަރަށް ފަހުން މީހަކު ބުނީ... ކައިވެނި ނުކުރާހާ ހިނދަކު އެއްވެސް އަންހެނަކީ އެހެން ފިރިހެނެއްގެ މިލްކެއް ނޫނޭ. އަހަރެން މިހެން ހުއްޓާ އަހަރެންގެ އަތުން މިންނު ޖަހައިގަންނަތަނޭ ފެންނާނީ.... އެކަމާ އަބަދު ވިސްނެނީ. މިންނުއަށް އެނގޭނެ އަހަރެން މިންނުދެކެ ލޯބިވާވަރު. އަހަރެން ބޭނުމެއްނޫން އަހަރުމެން ދެމީހުން ދުވަހަކު ވެސް ދުރުވާކަށް"

އަޒާނަށް އެ ފަދަ ޚިޔާލެއް ދިން މީހަކާ މެދު އަހަރެން ސުވާލު އުފެދުނެވެ. އެހެން މީހަކު އަހަރެން ޖަހައިގަންނަންވީ ސަބަބެއް ނުވިސްނުނެވެ. އަހަރެން ލޯބިވަނީ އަޒާންދެކެއެވެ. ހަޔާތުގެ ހުރިހާ ދުވަހެއް ހޭދަ ކުރަން ބޭނުންވަނީ އެ ލޯތްބާއެކުއެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމުގައެވެ.

އަޒާންގެ ފަރާތުން ފެންނަމުން ދިޔަ ތަފާތު ކަމަކީ ކޮބައިކަން އެނގިއްޖެއެވެ. ކައިވެނި ކުރާ ވާހަކަ ދައްކަން ބޭނުންވެ އެ ވަގުތަކަށް އަޒާން އައީ ވަރަށް ކެތްތެރިވަމުންނެވެ. އަހަންނަށް ދެވުނީ ވެސް އަޒާން އުންމީދު ކުރި ޖަވާބެވެ. ފަތިހު ތިނެއް ޖެހިއިރު ވެސް އަހަރުމެން ތިބީ އެކަކު އަނެކަކުގެ އަތުތެރޭގައެވެ. ލޯބީގެ އެކިއެކި މާތަށް ފޮޅުވާށެވެ. ވާރޭގެ ފުރަތަމަ ތިކި އަހަރެންގެ ކޯތާފަތަށް ހަމަލާ ދިނީ ވެސް އަޒާންގެ މޭގައި ބޯއަޅާލައިގެން އޮއްވައެވެ. ނަމަވެސް އެ ވާރޭތިކި އަހަރުމެންނަށް އިންޒާރެއް ދިންކަހަލައެވެ. ފޮނިފޮނި އަރާމު ނިންޖަކުން ހޭލައްވާލި ކަހަލައެވެ. އަޒާންއާއި އަހަރެން ވަކިވީ އެ ވަގުތުއެވެ. މާދަމާއަކީ ހުކުރު ދުވަހަށްވުމުން، އަހަރުމެން ދެ މީހުން ހެނދުނު ވަގުތު ދިމާއެއް ނުވާނެއެވެ. އެހެންވިޔަސް އަޒާން ނުކުމެގެން ދިޔައީ އަހަންނަށް ގުޅާނަންކަމުގައި ބުނެފައެވެ.

އަހަރެންގެ ހަޔާތަށް މިއަށްވުރެ އުފާވެރި ރެއެއް ނާންނާނޭ ހީވާ ވަރުވިއެވެ. މި ހުރިހާ ވާހަކައެއް ތި ސަފުހާތަކުގައި ލިޔެ ނިންމާލި އިރު އަހަރެން ހިތަށް އެރީ ތީ ފުރާނަ ހުރި އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް ވާނެނަމައެވެ. އޭރުން ޔަގީނުން ވެސް އަހަރެންގެ ސިއްރުތައް އެނގި ހުރެ އަހަންނަށް މަރުޚަބާ ކިޔާނެއެވެ. އަހަރެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެންމެ ފުރަތަމަ ޚިއްޞާ ކުރާ ފަރާތަކީ ތީ އެވެ. އަހަރެންގެ އުންމީދުތަކާއި ހުވަފެންތަށް އެންމެ ރަނގަޅަށް އެނގޭނެ ފަރާތަކީ ތީއެވެ. ނަމަވެސް ތި އެކުވެރިޔާއަށް ބަސްމޮށުންތެރިކަމެއް ނުވެއެވެ. އަހަރެންގެ މޮޔަކަމެވެ. އެފަދަ ޚިޔާލު ކުރެވޭތީއެވެ.

މިރޭގެ ހަފުލާގައި ހަފިއްތައާއި އަކީލުގެ ކައިވެނި ކުރެވިގެންދިޔަ ވަގުތު އަނބި ޤަބޫލުކޮއްފީމޭ އަކީލު ބުނެލިހެން އަޒާން އެ ލަފުޒުތައް ބުނެލާ އަޑު އަހަން އަހަރެންގެ ހިތް މިހާ އަވަހަށް ކެތްތެރިކަން ކުޑަވާން ފަށައިފިއެވެ. އެވަގުތަކަށް އަހަރެންގެ ކެތްތެރިކަންވަނީ ކުޑަވެފައެވެ. އުފާވެފައިވާލެއް ބޮޑުކަމުން އަހަންނަށް ރޮވެނީއެވެ. ހެވެނީއެވެ. މޮޔައެއްހެން އެނދުގައި ފޮނި ޚިޔާލުތަކަށް ގެއްލިފައި އޮންނާން އަހަރެން ބޭނުންވެއެވެ.

* * * * *
"އަޅެ!... އަޒާން އެންމެފަހުން މިންނުއާއި އިންނަން އެއުޅެނީ، ސޯ ސުވީޓު" ލުއިލުއި ހީނލުމަކާއެކު ޔާނާއަށް ބުނެލެވުނެވެ.

"އޭނާ އަހަރެންގެ ބައްޕައާ ވެސް އިނެއްނު" ޒޭން ރުންކުރު ރާގެއްގައި ބުނެލިއެވެ.

"އެކަން އެނގެޔޭ. އެހެންވީމަތަ އޭނާ ޒޭންގެ ދޮންމަންމައަށް ވާނީ" މިންނުއާ ދޭތެރޭ ޔާނާއަށް މާ ގާތްކޮށް ދެކެވެއެވެ. އެހެންވެ ޒޭންގެ ވާހަކަތައް ހުންނަ ގޮތް އޭނާއަށް އެހާ ކަމަކު ނުދިޔައެވެ.

"ކީކޭތަ ދެން އޮތީ... ހުއްޓާ ނުލާ ކިޔާބާ. އަހަރެންގެ ބައްޕައާ ރިލޭޝަންޝިޕްއެއް އުފެއްދީ ކޮންއިރަކުން ލިޔެފައި އޮވެދާނެ" ޒޭން ބުނެލިއެވެ.

"ޒޭން! ބަލާބަލަ... މިއޮތީ ކިހިނެއްވެފައި.... ހާދަ ދުވަހެއް ކޮއްފައޭ މިންނު ޑައިރީގައި ލިޔެފަ މި އޮތީ، ސުހައްތަ ފުރަން އުޅޭ ވާހަކަ އޮތް ލިޔެފައި. އެކަމަކު ފުރިކަމެއް ވެސް ނެތް އެނގޭކަށް" ޔާނާ ކުރިއަށް އިން ގަނޑުގެ ތާރީހަށް ބަލާލަމުން ބުނެލިއެވެ.

"ލިޔެފަ ހުރި ހިސާބަކުން ލެޓްސް ކޮންޓިނިއު... އަހަންނަށް އަދިވެސް ގެޓެއްނުވޭ އޭނާ އެ އުޅޭ ގޮތެއް" ޒޭން ބުނެލިއެވެ.

"އެކަމަކު ދެންނެތޭ ވަގުތެއް، ޑިއުޓީގައެއްނު މި އުޅެނީ. އަންނާނަން ވަގުތެއް ވެއްޖެއްޔާ" ޔާނާ ތެދުވަމުން ޒޭންގެ ކައިރީ މިންނުގެ ޑައިރީ ބޭއްވިއެވެ.

ޔާނާއާއެކު ޒޭން ވެސް ތެދުވިއެވެ. ޔާނާ ދޮރާދިމާއަށް ހިނގައިގަތް ވަގުތު އޭނާގެ އަތުގައި ޒޭން ހިފައި ގާތަށް ދަމައިގަތެވެ. އެހިނދު ޔާނާ އައިސް ތަތްވީ ޒޭންގެ މޭގައެވެ. އެއާއެކު އަވަހަށް އަންނައްޗޭ ޒޭން ބުނެލީ ޔާނާގެ ކޮތާފަތުގައި ބޮސްދީފައެވެ. ޔާނާ ލަދުވެތިގޮތަކަށް ހީނލިއެވެ. އާނއެކޭ ބުނެ ޔާނާ އެ ކޮޓަރިން ނުކުމެގެން ދިޔައީއެވެ. (ނުނިމޭ)