ދުނިޔެ

ޓްރަމްޕް އޭޝިއާއަށް ވަޑައިގަންނަވާތީ ތިން މަނަވަރު ފޮނުވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް، އެމެރިކާގެ މަތިންދާބޯޓް އުފުލާ ތިން މަނަވަރު އޭޝިއާ ޕެސިފިކް ސަރަހައްދަށް ޖަމާކޮށްފި އެވެ.

މަތިންދާބޯޓް އުފުލާ މަނަވަރަކާއި އެ އުޅަނދަށް މަދަދުކުރާ އުޅަނދުތައް ހިމެނޭ ދެ ގްރޫޕު އޭޝިއާ ޕެސިފިކް ސަރަހައްދަށް ދާދި ފަހުން ފޮނުވި އިރު އެފަދަ އެއް ގްރޫޕް ކުރިއްސުރެ އެ ސަރަހައްދުގައި އޮތެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔޫއެސްއެެސް ތިއޯޑޯ ރޫޒްވެލްޓް އާއި ޔޫއެސްއެސް ނިމިޒް އަދި އެ ދެ އުޅަނދަށް މަދަދުކުރާ ޑެސްޓްރޯޔާ މަނަވަރުތަކާއި ސަބްމެރިންތައް ޖަމާކޮށްފައި ވަނީ ކަނޑުގެ ސިފައިންގެ ހަތް ވަނަ ފްލީޓުން ބަލަހައްޓާ ސަރަހައްދަށް ކަމަށެވެ. އެއީ ޕެސިފިކް ކަނޑުގެ ހުޅަނގު ބިތާއި އިންޑިއާ ކަނޑުގެ އިރުމަތީ ބިތް ހިމެނޭ ސަރަހައްދެވެ.

އެ ދެގްރޫޕް ފޮނުވުމުގެ ކުރިން ޔޫއެސްއެސް ރޮނަލްޑް ރޭގަން ހިމެނޭ ގްރޫޕު އޮތީ ޖަޕާނު ބަނދަރުގައެވެ. މަނަވަރުތަކާއި ސަބްމެރިންތައް ހިމެނޭ އެގްރޫޕް ޖަޕާނަށް ދިޔައީ ޖަޕާނާއި ދެކުނު ކޮރެއާގެ ކަނޑުގެ ސިފައިންނާ އެކު ފަރިތަކުރުންތަކެއްގައި ބައިވެރިވުމަށެވެ. ފާއިތުވި ހަފުތާގައި ބޭއްވި އެ ފަރިތަކުރުންތަކަށް އުތުރުކޮރެއާއިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ރޫޒްވެލްޓާއި ނިމިޒް ފޮނުވި ވަކި މަގުސަދެއް އެމެރިކާގެ ކަނޑުގެ ސިފައިންގެ ބަޔާނުގައި ބުނެފައި ނުވިޔަސް، އެއީ ޓްރަމްޕްގެ ދަތުރުފުޅާ ދިމާކޮށް ސަރަހައްދުގެ ސަމާލުކަން އަނބުރައިލުމަށް ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށް ސީއެންއެން ބުންޏެވެ.