ވިޔަފާރި

ސިއްރުފެންފުށީގެ ފަހި ދުވަސް މާލޭގައި ފަށައިިފި

ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވެފައިވާ ސިއްރު ފެންފުށީގެ ގިނަ އަދަދެއްގެ ވަޒީފާތަކަށް މުވައްޒަފުން ހޯދަން އިންތިޒާމް ކުރި "ފަހި ދުވަސް" މާލޭގެ ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ.

ށ. ގާކޮށިބީގައި ތަރައްގީ ކުރާ ސިއްރުފެންފުށީގެ ފަހިދުވަސް އިންތިޒާމުކުރީ އެޗްއާރްމޯލްޑިވްސް އިންނެވެ. ފަހިދުވަސް މިއަދު ހަވީރުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ފަހިދުވަސް އިންތިޒާމުކުރި އެޗްއާރްމޯލްޑިވްސްގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑައިރެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އޯޕަންޑޭ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ވީހާވެސް ގިނަ ދިވެހިން މި ރިސޯޓުގެ ވަޒީފާތަކަށް ކުރިމަތިލުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

"ސީވީ ހިފައިގެން އައުމުން އިންޓަވިއުކޮށް ފެންވަރު ހުރި ފަރާތްތައް ވަޒީފާއަށް ނަގާނެ،" ޝިޔާމް ވިދާޅުވި އެވެ.

ދަރުބާރުގޭގައި މިހާރު ފަހި ދުވަސް ކުރިއަށްދާއިރު، ހެނދުނުގެ ދަންފަޅީގައި އެކަނިވެސް 500 އެއްހާ މީހުން ވަނީ ދަރުބާރުގެއަށް ޒިޔާރަތްކޮށްފަ އެވެ.

ސިއްރުފެންފުށީ ރިސޯޓުގައި 112 ލަގްޒަރީ ވިލާ އާއި ތިން ރެސްޓޯރަންޓްގެ އިތުރުން ބާއެއް ހުރެ އެވެ. ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ތަރައްގީކޮށްފައިވާ، ސިއްރު ފެންފުއްޓަކީ އޭޑީކޭއިން އިސްލާމިކް ރިސޯޓެއް ތަރައްގީ ކުރަން ކުރިން މަސައްކަތް ކުރި ރިސޯޓެވެ. ނަމަވެސް އެ ރަށް ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ އެސް ސީ ކެޕިޓަލްއަށް މިދިޔަ އަހަރު ވަނީ ވިއްކާލާފަ އެވެ. މި ރިސޯޓު ހުޅުވަނީ އެ ކުންފުނިންނެވެ.