ކުޅިވަރު

ލެސްޓާގެ ކޯޗަކަށް ޕްޔުލް

Oct 26, 2017

ލެސްޓާ ސިޓީގެ ކޯޗްކަށް، ސައުތުހެމްޓަންގެ ކުރީ ކޯޗް ފްރާންސްގެ ކްލޯޑް ޕްޔެލް ހަމަޖައްސައިފި އެވެ. އޭނާ ކޯޗް ކަމަށް ހަމަޖެއްސީ، ގިނަ ފަރާތްކަކާއެކު އިންޓަވިއު ކުރުމަށް ފަހު އެވެ. ލެސްޓާގެ ނައިބު ރައީސް ވީޝައި ސްރިވާޑާނަޕްރަބަހާ ވިދާޅުވީ ޕްޔުލް އަކީ ލެސްޓާގެ ވަޒީފާ އަށް އެންމެ ރަނގަޅު ކޯޗް ކަމަށެވެ.

މިއީ އެއް އަހަރު ތެރޭ ލެސްޓާ އިން ކޯޗް ބަދަލު ކުރި ދެ ވަނަ ފަހަރެވެ. ދެހާސް ސޯޅަ ވަނަ އަހަރު، އެ ޓީމަށް ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދައިދިން ކްލައުޑިއޯ ރަނިއޭރީ ވަކި ކުރުމަށް ފަހު، ކޯޗަކަށް ހަމަޖެއްސީ، އެސިސްޓެންޓް ކޯޗް ކްރައިގް ޝެކްސިފިއާ އެވެ. އޭނާ އާ އެކު ނަތީޖާ ގޯސް ވުމުން، މިދިޔަ ހަފުތާގައި ވަނީ އޭނާ ވަކި ކޮށްފަ އެވެ.

ސައުތުހެމްޓަން ކޯޗްގެ ގޮތުގައި، މިދިޔަ ސީޒަންގެ ނިޔަލަށް ޕްޔުލް ހުއްޓެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގްގެ އަށް ވަނައިގައި ސައުތުހެމްޓަން އަށް ލީގް ނިންމާ ދިނެވެ. އަދި ކެޕިޓަލް ވަން ކަޕްގެ ފައިނަލާ ހަމަޔަށް އެ ޓީމު ގެންގޮސް ދިނެވެ.

ނަމަވެސް ޔޫރޮޕާ ލީގްގައި އެ ޓީމަށް، ރަނގަޅު ކާމިޔާބެއް ނުލިބުނެވެ. ޕްޔުލް އާމެދު ސައުތުހެމްޓަންގެ ސަޕޯޓަރުން އެންމެ ހިތްހަމަ ނުޖެހުނީ، ކުޅުންތެރިން ރޮޓޭޓް ކުރުމަށް އޭނާ ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ނެވެ.

ސައުތުހެމްޓަންގެ މަގާމުން ދުރަށް ދިޔަ ފަހުން މިހާތަނަށް އޭނާ ހުރީ އެއްވެސް ޓީމަކާ ހަވާލު ނުވެ އެވެ. ލެސްޓާއިން ބުނީ އޭނާ އާ ކުރެވުނު މަޝްވަރާ ތަކުގައި، ކުލަބުން ޝައުގުވެރިވާ ހިޔާލުތަކެއް ޕްޔުލް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ އާއެކު ލެސްޓާއިން އެއްބަސްވެފައި ވަނީ ދެ އަހަރާ ބައިގެ މުއްދަތަކަށެވެ. އޭނާގެ އެއްބަސްވުން ހަމަވާނީ، 2020 ވަނަ އަހަރުގެ ޖޫން މަހު އެވެ.