ދުނިޔެ

ޗައިނާއާ ވާދައަށް އިންޑިއާއިން ސަރަހައްދުގެ ކަނޑު ބަލަހައްޓަން ފަށަނީ

އިންޑިއާ ކަނޑުގައި ޗައިނާގެ ހަރަކާތްތައް އިތުރުވެފައި ވާތީ ކަނޑުގެ މުހިއްމު ސަރަހައްދުތައް 24 ގަޑި އިރު ވެސް ބަލަހައްޓަން އިންޑިއާއިން ނިންމައިފިއެވެ.

ދަ ހިންދޫ ނޫހުން މިއަދު ބުނީ އިންޑިއާ ކަނޑުގެ ވަކި ސަރަހައްދުތަކެއް 24 ގަޑި އިރު ބަލަހައްޓަން ކަނޑުގެ ސިފައިން މަޝްވަރާކޮށް ގޮތެއް ނިންމީ އެގައުމުގެ ކަނޑުގެ ސިަފއިން އަހަރަކު ދެފަަހަރު ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންގެ މަސްދަރަކާ ހަވާލާދީ ނޫހުން ބުނީ ކަނޑައަޅާ ސަރަހައްދުތައް ބަލަހައްޓަން މަނަވަރުތަކުގެ އިތުރުން މަތިންދާބޯޓްތައް ވެސް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ފޮނުވާ މަނަވަރުތަކާއި މަތިންދާބޯޓްތަކުގައި ސިފައިން ދާނީ ހާދިސާއެއް ހިނގައިފި ނަމަ އެކަމަށް އިޖާބަ ދިނުމަށް ތައްޔާރުވެގެން ކަމަށް ވެސް ބުންޏެވެ. އެގޮތުން ތައްޔާރުވެގެން ތިބޭނީ ގުދުރަތީ ކާރިސާތަކާއި ކަނޑުފޭރުމާއި ޓެރަރިޒަމްގެ ހަރަކާތްތަކަށެވެ.

އިންޑިއާގެ ކަނޑުގެ ސިފައިން 24 ގަޑި އިރު ވަކި ސަރަހައްދުތަކެއް ބެލެހެއްޓުމުގެ މަސައްކަތް ފުރަތަމަ ފަށާނީ ތަޖުރިބާ ކުރުމުގެ ގޮތުންނެވެ. ނޫހުން ބުނީ އެ ފިޔަވަޅަކީ މިދިޔަ އަހަރުވެސް މަޝްވަރާކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ގޮތެއް ނިންމީ އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައެވެ.

އިންޑިއާ ކަނޑުގައި ޗައިނާގެ ހަރަކާތްތައް އިތުރުވެ، ނުފޫޒު ގަދަވާން ފެށުމުން އެމެރިކާއިން ވެސް ވަނީ އެކަމުގައި މަދަދުކުރާނީ އިންޑިއާއަށް ކަަމަށް ބުނެފައެވެ. އިންޑިއާއާ ޗައިނާއަކީ ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން ވަރަށް ބަދަހި ގުޅުމެއް އޮންނަ ދެގައުމު ކަމަށް ވިޔަސް އަސްކަރީ އަދި ޖިއޯ ޕޮލިޓިކްސްގެ ދާއިރާގައި ވަރަށް ވާދަވެރި ދެގައުމެވެ. އަދި އެ ދެގައުމުގެ ދެމެދުގައި ސަރަހައްދީ ރޮނގުގެ މައްސަލައެއް ވެސް ހައްލު ނުވެ އެބަ އޮތެވެ.