ކުޅިވަރު

17 އަހަރުގެ ވޯލްޑްކަޕްގެ ފައިނަލަށް އިންގްލެންޑާއި ސްޕެއިން

Oct 26, 2017

އަވަށްޓެރި އިންޑިއާގައި މިހާރު ކުރިއަށްދާ، 17 އަހަރުން ދަށުގެ ވޯލްޑަކްޕް ފައިނަލަށް، އިންގްލެންޑާއި ސްޕެއިން ދަތުރު ކޮށްފި އެވެ.

އިންގްލެންޑް ފައިނަލަށް ދަތުރު ކުރީ، މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު ބްރެޒިލްގެ މައްޗަށް 3-1 ން ކާމިޔާބު ހޯދައިގެން ނެވެ. އިންގްލެންޑްގެ ތިން ލަނޑުވެސް ކާމިޔާބު ކުރީ، ލިވަޕޫލްގެ ޒުވާން ޓީމުގެ ތަރި، ރީހަން ބްރިއުސްޓާ އެވެ.

ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ، މެޗުގެ 10 ވަނަ މިނެޓްގަ އެވެ. ނަމަވެސް މެޗުގެ 21 ވަނަ މިނެޓްގައި، ބްރެޒިލް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ކާޟިޔާބު ކުރީ ވެސްލީ އެވެ. މެޗުގެ 39 ވަނަ މިނެޓްގައި ބްރިއުސްޓާ އަލުން އިންގްލެންޑަށް ލީޑް ނަގައިދިނެވެ. އަދި އޭނާ ލީޑް ފުޅާ ކުރީ، 77 ވަނަ މިނެޓްގަ އެވެ.

ދެ ވަނަ ސެމީ ފައިނަލް މެޗުގައި، މާލީ ގެ މައްޗަށް ސްޕެއިންވެސް މޮޅުވީ 3-1 ގެ ނަތީޖާ އަކުން ނެވެ. ސްޕެއިންގެ ތިން ލަނޑުގެ ތެރެއިން، ދެ ލަނޑު ކާމިޔާބު ކުރީ ބާސެލޯނާގެ ޒުވާން ޓީމުގެ ތަރި އަބެލް ރުއިޒް އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ރެއާލް މެޑްރިޑްގެ ޒުވާން ތަރި މާކޯ އެސެންސިއޯގެ ކުޅުމުގެ ސްޓައިލާ އެއްގޮތް ކަމެއް ހުރި ކަމަށް ވާހަކަ ދެކެވޭ ފެރާން ޓޯރޭޒް އެވެ. ރެއާލްގެ އަމާޒު ފެރާން ޓޯރޭޒް އަށް ވަނީ ހުއްޓިފަ އެވެ.

މެޗުގައި މާލީން ކާމިޔާބު ކުރި ލަނޑެއް، ގޯލް ލައިން ހުރަސް ކުރި ނަމަވެސް ގޯލް ލައިން ޓެކްނޮލިޖީ ވީއޭއާރް އަށް މައްސަލަ ދިމާވެފައި ހުރުމުން ގޯލެއް ކަމަށް ކައުންޓެއް ނުކުރި އެވެ.

ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހު އެވެ. ރާއްޖޭ ގަޑިން އިރުއޮއްސި 7:30 ގަ އެވެ. އޭގެ ކުރިން ތިން ވަނަ ހޮވަން ބްރެޒިލްއާ މާލީ ބައްދަލު ކުރާ މެޗު ހަވީރު 4:30 ގައި ފާށާނެ އެވެ.