ރިޕޯޓް

ކަރަންޓް ބިލު ކުޑަ ކުރަން ސައީދު ކުރީ ކީއްތަ؟

މިއީ ކުޑަ ފިހާރައެކެވެ؛ މިތާނގައި ހުންނަނީ ދެ އެއާ ކޮންޑިޝަނާ އެކެވެ. ދެން މިހުންނަނީ ޗިލަރަކާއި ޑީ ފްރީޒަރެކެވެ. އެކަމަކު މިތަނުގެ ކަރަންޓް ބިލަށް 15،000 ރ. ކޮންމެ މަހަކު އެބަ އަރަ އެވެ. މިއީއަކީ ގަބޫލުކުރެވޭ ވަރުގެ އަދަދެއް ޖަހައިފައި ފޮނުވާ ބިލެއް ނޫނެވެ. ކަރަންޓް ބިލު ބޮޑުވެގެން މިފަދަ ބައިވަރު ޝަކުވާތައް ކުރާ އަޑު ވަރަށް ގިނައިން އިވޭ ނޫން ހެއްޔެވެ؟

މޯލްޑިވްސް ނެޝަަނަލް ޔުނިވާސިޓީގައި އޭސީ ޓެކްނީޝަނެއްގެ ވަޒީފާ އަދާކުރާ އަހުމަދު ސައީދުގެ ރައްޓެހިންވެސް މިފަދަ ޝަކުވާތައް ހަމަ ގިނައިން ކުރެއެވެ. ކުރިއްސުރެ ވެސް ކަރަންޓް ހަރަދު ކުޑަކުރަން ވިސްނަމުން އައި ސައީދަށް އެކަމުގައި އަމަލީ ފިޔަވަޅެއް އަޅައި، ގޮތެއް ހޯދަން މަސައްކަތް ފެށުނީ ވެސް އެ ރައްޓެހިންގެ ޝަކުވާއާ އަބަދު އަޑު އަހާފައި އެހެން ކަމެއް ކުރާނެ ވަގުތެއް ނޯންނާތީ އެވެ.

"އޭރު [ރައްޓެއްސެއްގެ] ފިހާރައިގެ ކަރަންޓް ބިލަށް އެވްރެޖްކޮށް 13000 ރުފިޔާ އަރާ. އެކުވެރި އެ ސޭޓު ބުނީ ސައީދުއޭ މިކަަމަށް އަޅެ ހައްލެއް އޮތްތޯ ބަލައި ދީބަލާށޭ. ކަރަންޓުގެ ހަރަދު މިހާ ބޮޑުވަނީ ކީއްވެގެންތޯ ބަލައިދީބަލާށޭ، " ކަރަންޓް ހަަރަދު ކުޑަ ކުރަން މަސައްކަތް ފަށަން މެދުވެރިވި ގޮތް ކިޔައި ދެމުން ސައީދު ބުންޏެވެ.

އެހިސާބުން ސައީދު ބެލީ ފިހާރަ ވައިރު ކޮށްފައި ހުރީ ރަނގަޅަށްތޯ އެވެ. ބެލި އިރު ވައިރު ކުރުމުގައި މައްސަލައެއް ނެތްކަން އެނގުމުން ދެން ވިސްނީ ފިހާރައިގައި ބޭނުންކުރަން ހުރި މެޝިނަރީގެ ތެެރެއިން މަތީ ކަރަންޓް ބޭނުންވާނީ ކޮން އެއްޗަކަށްތޯ އެވެ. އެގޮތުން ފުރަތަމަ ވިސްނުނީ އެއީ ޗިލަރުގެ ކަމަކަށް ވެދާނެ ކަމަށެވެ. ނަމަވެސް ވަކި ހިސާބަކުން އެނގުނީ ކަރަންޓުގައި ހިފައި ހަރަދު ބޮޑު ކުރަނީ އޭސީން ކަމެވެ. އެކަމަކު އެ އޭސީއަކީ ހަމަ އެންމެ ހަރަދު ކުޑަ ވައްތަރުގެ ދެ އޭސީ އެވެ.

" އެއީ ހަމަ އިންވާޓާ އޭސީތަކެއް، ދެން އެ އޭސީން ހަރަދު ބޮޑުވާންވީ ސަބަބެއް އަނެއް ހެން ނުފެނުނު،" އޭނާ ބުންޏެވެ.

މައްސަލަ ފާހަގަވީ ފިނި ބުއިމެއް ނަގަން ޗިލަރުގެ ކައިރިއަށް ދިއުމުންނެވެ. ޗިލަރުން ވާ ހޫނު އޭގެ ކައިރިއަށް ދިޔައިމާ އިހުސާސްވެ އެވެ. މިކަމެއް ދިމާވާގޮތް އެހިސާބުން ވިސްނައި ގަނެވުނެވެ. ވާ ގޮތަކީ ޗިލަރުގެ ހޫނުގަނޑު ފިހާރަތެރެއަށް ފެތުރޭތީ އޭސީ އަވަސް އަވަހަށް ޖެހެނީ އެވެ. މާހައުލު ހޫނުވި ވަރަކަށް ބާރު ބޮޑުވަނީ އޭސީއަށެވެ.

"ރެފްރިޖަރޭޝަން ޔުނިޓެއް ވިއްޔާ ކިތަންމެ ކުޑަޔަސް ބޮޑަސް ހުންނާނީ އެއް މެކޭނިޒަމެއް. އޭސީއެއްގެ އައުޓްޑޯ އިން އަރާ ހޫނު އެނގޭނުން؟ އެ ހޫނަކީ ކޮންޕްރެސް ކުރުމާއި ކޮންޑެންސް ކުރުމުގެ މަސައްކަތް. އެއީ ވަރަށް ހޫނު އުފައްދާ ކަމެއް،" ޗިލަރުން ހޫނުވާ ސަބަބު ކިޔައިދެމުން ސައީދު ބުންޏެވެ.

ކުރަންވީ ކަންތައް އެހިސާބުން ވިސްނުނެވެ. އެކަމަކީ އޭސީގެ އައުޓްޑޯ ޔުނިޓް ވެސް ބޭރުގައި ބަހައްޓާ ބީދައިން ޗިލަރުގެ ވެސް ކޮމްޕްރެސް ކުރުމާއި ކޮންޑެސް ކުރުމުގެ މަަސައްކަތް ހިނގާ ބައި ބޭރަށް ނެރުމެވެ.

"އެއީ ދެން އޭސީ މެކޭނިކަކަށް ވިއްޔާ ކޮށްލަން އެނގޭނެ ކަމެއްތާ ދެެއްތޯ؟ ކުރި ކަމަކީ ހޮޅިތައް ދިގުކޮށްލާފައި ޗިލަރުގެ ކޮމްޕްރެސަރާ ކޮންޑެންސަރު ފިހާރައިން ބޭރަށް ކޮއްޕާލީ އެހިސާބުން ފިހާރައިގެ ތެރޭގައި އޮތް ހޫނުގަނޑު މަޑުވެއްޖެ،" އޭނާ ބުންޏެވެ.

ޗިލަރުގެ ހޫނު ގަދަ ބައި ބޭރަށް ލުމުން އޭސީން މަސައްކަތް ކުރަން ޖެހޭ ވަރު އެތައް ތަނަކުން ކުޑަވީއެވެ. އެހެންވީމާ ކަރަންޓް ބިލުވެސް ކުޑަވީއެވެ. ކުރިން ކަރަންޓް ބިލަށް 13000 އަށް ވުރެ މައްޗަށް ހަރަދުވަމުން ދިޔަ ފިހާރައިގެ ބިލަށް މިހާރު އެވްރެެޖްކޮށް އަރަނީ ގާތްގަނޑަކަށް 10،000ރ. އަށްވުރެ ދަށެވެ. ތިން ހާސް ރުފިޔާ އެބަ ސަލާމަތް ކުރެވެ އެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުގައި ކަރަންޓް ހަަރަދު ބޮޑުވާން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ އިމާރާތް ފަަރުމާކޮށްފައި ހުންނަ ގޮތެވެ. އެގޮތުން ހޫނުކުރުމާއި ފިނިކުރުމަަށް ގުދުރަތީ ގޮތުން ލިބެން ހުންނަ ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުން ނުކުރެވުމަކީ ހަަރަދުބޮޑުވާ ކަމެކެވެ. ގުދުރަތީ ގޮތުން ލިބެން ހުންނަ ފިނިކަން ފުރިހަމައަށް ބޭނުން ނުކުރެވޭ ނަމަ ފިނިކުރުމަށް ހުންނަ އެއާކޮންޑިޝަނާތަކުގެ ކަރަންޓް ހަރަދުވާ މިންވަރު އެތައްް ގުނައަކަށް އިތުރުވެއެވެ.

އޭސީތަކަށް ބޭނުންކުރެވޭ ކަރަންޓް މަދުކޮށް، ބިލު ކުޑަ ކުރުމަަށްޓަކައި ކުރެވޭނެ އެއް ކަމަކީ ގޭގެ ގޯތިތެރޭގައި ގިނައިން ގަސް ހައްދައި، މާހައުލު ފިނި ކުރުމެވެ. ނަމަވެސް މާލެއާ އެހެންވެސް ތޮއްޖެހިފަައިވާ ރައްތަކުގައި އެއީ އަލުން ކުރެވެން އޮތް ކަމެއް ނޫނެވެ. އެހެންވީމާ ދެން ޖެހޭނީ ގޭތެރެ ހޫނުވާން މެދުވެރިވާ އެހެން ސަބަބުތައް ހޯދައި ނައްތައިލާށެވެ. އެގޮތުން ކުރެވޭނެ އެއް ކަމަކީ ސައީދު ބުނި ފަދައިން ހޫނުގަދަކުރާ ފަދަ ނިޒާމުތައް ވީވަރަކުން ބޭރަށް ނެރުމެވެ.