ނޭޕާލުގެ ޑިޒާސްޓާ މެނޭޖުމަންޓްގެ ވެރިޔާ ރަމޭޝްވަރު ޑަންގާލް ވިދާޅުވެފައި ވަނީ ޒަޚަމްވެފައިވާ މީހުންގެ އަދަދު މިހާރު 6،500 އަށް އަރާ ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއާ 60 ކިލޯމީޓަރު ދުރުގައި އޮތް ހިސާބަކަށް ބިންހެލުން އައީ 6.7 މެގްނެޓިއުޑްގެ ބާރު މިނުގަ އެވެ.
މިއީ ފާއިތުވި 80 އަހަރު ތެރޭގައި ނޭޕާލަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ. އެގައުމަށް 1934 ވަނަ އަހަރު 8.1 މެގްނެޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އައިސް 10،000 މީހުން މަރުވެފައިވާއިރު އެއީ އެގައުމަށް މީގެ ކުރިން އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ.
މިފަހަރުގެ ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ޕޮކާރާ އަށެވެ.
އެ އަވަށުގެ ގިނަ ގެތަކާއި އިމާރާތްތަކެއް ބިމާހަމަވެފައިވާއިރު ވެރިރަށް ކަތަމަންޑޫ އަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މީގެ އިތުރުން ނޭޕާލުގެ ޓޫރިޒަމްގެ މައިބަދައިގެ ގޮތުގައި މަޝްހޫރުވެފައިވާ މައުންޑް އެވަރެސްޓްގައި ކޭމްޕް ޖަހައިގެން ތިބި ޓޫރިސްޓުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފަ އެވެ.
ނޭޕާލުގެ އިތުރުން ޗައިނާ އާއި އިންޑިއާ އަށް ވެސް މި ބިންހެލުމުގެ އަސަރުކޮށް މީހުން މަރުވެ ތަންތަނަށް ގެއްލުން ލިބިފައިވެ އެވެ.
އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ފަރާތްތަކުން ނޭޕާލަށް މިސްރާބު ޖަހާފައިވާއިރު އދ. އިން ބުނަނީ އިންސާނީ ކުއްލި އެހީ ބޭނުންވާ ނޭޕާލުގެ ކުޑަކުދިންގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށެވެ. ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގުވާމީ 14 ޓީމެއް ނޭޕަލަށް ފުރާފައިވާއިރު މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ 15 ޓީމެއް ވެސް ވަނީ ބޭރުން ނޭޕާލަށް ގޮސްފަ އެވެ.
އެމެރިކާ އިން ކުއްލި އެހީގެ ގޮތުގައި ނޭޕާލަށް އެއް މިލިއަން ޑޮލަރު ފޯރުކޮށްދޭއިރު އިންސާނީ އެހީގެ ގޮތުގައި ނޯވޭ އިން ވަނީ 3.9 މިލިއަން ޑޮލަރުގެ އެހީއެއް ދީފަ އެވެ.