ދުނިޔެ

އިންޑޮނޭޝިއާގެ ބަޑިބޭސް ކާރުހާނާއެއް ގޮވައި، 46 މީހުން މަރުވެއްޖެ

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ކައިރީގައިވާ ޓޭންގިރާންގް ނަމަކަށް ކިޔާ ސަރަހައްދުގައި ހުރި ، ހަވާ އަރުވަން ބޭނުންކުރާ ބަޑިބޭސް ކާރުހާނާއެއްގައި ގޮވުންތަކެއް ގޮވައި، ގާތްގަނޑކަށް 46 މީހުން މަރުވެ، ހަމަ އެހާ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

އިންޑޮނޭޝިއާ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ މަރުވެ އަދި ޒަހަމްވީ މީހުންގެ އިތުރުން ވީ ކީއް ކަމެއް ނޭނގޭ 10 މީހަކުވެސް ވާ ކަމަށެވެ.

" އަހަރެމެން އަދިވެސް މިއުޅެނީ ގެއްލުން ލިބުނު މީހުން އެތަނުން ސަލާމަތްކުރުމުގައި 46 ބޮޑީ ބޭގް އެބަ އޮތް،" ޓޭންގިރާންގްގެ ފުލުހުންގެ ވެރިޔާ ހެރީ ކާނިއަވަން އޭފްޕީއަށް ވިދާޅުވި ކަމަށް ހަބަރުގައި ވެއެވެ.

ހާދިސާ ހިނގި ފެކްޓްރީގައި އިންޑޮނޭޝިއާ ފުލުހުންގެ ފޮރެންސިކް ޓީމްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ޒަހަމްވީ މީހުންނަށް ފަރުވާ ދިނުމަށް ތިން ހޮސްޕިޓަލަކަށް ވަނީ ގެންގޮސްފައެވެ. ފުލުހުން މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި މަރުވެފައިވާ ގިނަ މީހުންގެ ހަށިތައް ހުރީ ފެކްޓްރީގެ ފުރަގަހުގައި ބޮނޑިއަކަށް ކަމަށެވެ. އެހެންްވީމާ އެމީހުން މަަރުވީ ފިލަން ދުވަނިކޮށް ކަމަަށް ވަނީ ބެލެވިފައެވެ.

އަލިފާން ނިވާ މީހުން އިންޑޮނޭޝިއާގެ މީޑިއާތަކަށް މައުލޫމާތުދީފައިވާ ގޮތުގައި މަރުވި މީހުންގެ ހަށިތައް ވަނީ މުޅިން އަނދައި، ސިފަ ވަކިނުވާ ވަރު ވެފައެވެ.

މަސައްކަތްފެށިތާ އަދި އެހާ ގިނަ ދުވަސްތަކެއް ނުވާ އެ ކާރުހާނާ ގައި ރޯވި ސަބަބެއް އަދި ނޭނގެއެވެ.