ދުނިޔެ

ކެޓަލޯނިއާ އިން މިނިވަންކަން އިއުލާންކޮށްފި

Oct 27, 2017
1

ސްޕެއިންގެ އުތުރު އިރުމަތީ ފަޅީ އޮންނަ ކަޓަލޯނިއާ، އެ ގައުމުގެ ސަރުކާރުގެ ދަށުން މިނިވަންވުމަށް ނެގި ވޯޓު ކާމިޔާބުކޮށް، މިނިވަން ކަން އިއުލާންކޮށްފި އެވެ.

ސްޕެއިންގެ ދަށުން މިނިވަންވެ، ވަކި ދައުލަތެއް އުފައްދަން ފެނޭތޯ ކެޓަލޯނިއާ މީހުން މިމަހު ކުރީ ކޮޅު ނެގި ވޯޓަށް ފަހުގައި ވެސް މިނިވަންކަން އިއުލާކްކުރުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް ސްޕެއިން ސަރުކާރުން އެކި ފިއްތުންތައް ކުރިމަތި ކުރުވާ އެކަމަށް ހުރަސް އަޅާފަ އެވެ.

ނަމަވެސް ކެޓަލޯނިއާ މިނިވަން ކުރުމާ މެދު ގޮތެއް ނިންމުމަށް އެ ގައުމުގެ ޕާލިމެންޓުން މިއަދު ނެގި ސިއްރު ވޯޓުގައި 70 މެމްބަރަކު ވޯޓު ދެއްވީ ކެޓަލޯނިއާ މިނިވަން ކުރުމަށެވެ. އަދި މިނިވަންނުމާއި ދެކޮޅަށް 10 މެމްބަރުން ވޯޓު ދެއްވި އިރު ދެ މެމްބަރަކު ޖަލްސާއަށް ހާޒިރުވެވަޑައި ނުގަންނަވައެވެ.

ޕާލިމެންޓުގެ ޖަލްސާ ކުރިޔަށް ދިޔަ މަންޒަރު އެތަށް ހާސް ބަޔަކު ބަލަމުން ދިޔަ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. އަދި ވޯޓުގެ ނަތީޖާއަށް ފަހު މަޖިލީހުގެ ތެރޭގައި ތިބި މީހުންނާއި ބޭރުގައި ބަލަން ތިބި މީހުން މިނިވަންވުމުގެ އުފާ ފާޅު ކުރި ކަމަށް ވެސް އެ ނޫސްތަކުން ބުނެ އެވެ.

ސްޕެއިނުގެ އާބާދީގެ 16 ޕަސެންޓް މީހުން ދިރިއުޅެނީ ކެޓަލޯނިއާގައެވެ. އަދި އެގައުމުން އެކްސްޕޯޓް ކުރާ މުދަލުގެ 25.6 ޕަސެންޓް އުފައްދަނީ އެ ސަރަހައްދުގައެވެ. އަދި ސްޕެއިންގެ ޖީޑީޕީގެ 19 ޕަސެންޓަކީ އެ ސަރަހައްދުން ލިބޭ އާމްދަނީއެވެ.