ހޮލީވުޑް

މެކްޑްރިމީ އަނބުރާ ގެންނަން "ގްރޭޒް އެނަޓޮމީ" ގެ ފޭނުން ޕެޓިޝަނެއް ހަދައިފި

"ގްރޭޒް އެނަޓޮމީ" ގެ އެންމެ މަޝްހޫރު އަދި އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކެރެކްޓާ ޑރ. ޑެރެކް ޝެޕަޑް ނުވަތަ މެކްޑްރިމީ ކާރު އެކްސިޑެންޓެއްގައި މަރާލުމުން އެކަމާ ދެކޮޅަށް މި ޓީވީ ޝޯގެ ފޭނުން ތެދުވެއްޖެ އެވެ.

މި ނިންމުން ކުށްވެރިކޮށް ޝޯގެ ގިނަ އަދަދެއްގެ ފޭނުން އޮންލައިކޮށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު އޭގައި ބުނެފައި ވަނީ "ތިޔަ މަރާލީ ގްރޭޒް އެނަޓޮމީ" ގެ ރައީސް" ކަމަށެވެ. އެހެންކަމުން ވީހާ ވެސް އަވަހަކަށް މެކްޑްރިމީގެ ކެރެކްޓާ އަލުން ޝޯ އަށް ގެނައުމަށް މި ޕެޓިޝަނުގައި ފޭނުން ގޮވާލާފައިވެ އެވެ.

އިންލައިކޮށް ކުރިއަށް ގެންދާ މި ޕެޓިޝަނުގައި މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.

ނަމަވެސް ހިތާމަވެރި ޚަބަރަކީ އޭބީސީގެ މި ޝޯ އަށް މެކްޑްރިމީ ދެން އެނބުރި ނާންނާނެ ކަމެވެ.

ޕެޓިޝަން ކުރިއަށް ގެންދާ ފަރާތްތަކުން ބުނެފައި ވަނީ މެކްޑްރެމީ މަރާލުމަކީ ސީދާ ބެލުންތެރިންގެ ދިރިއުޅުމާއި ޖަޒުބާތުތަކާ ކުޅުން ކަމަށާއި އެފަދަ އެއްވެސް ހައްގެއް ޝޯގެ ކްރިއޭޓާ، ޝޮންޑާ ހައިމްސް އަކަށް ނޯންނާނެ ކަމަށެވެ.

މި ޝޯގައި ޑރ. ޑެރެކް ޝެޕަޑްގެ ރޯލު ކުޅުނު އެކްޓަރު ޕެޓްރިކް ޑެމްސީ ބުނެފައި ވަނީ ބެލުންތެރިންގެ އިހްސާސްތައް ބަންޑުންވި ގޮތް ގަބޫލުކުރެވޭ ކަމަށާއި ޝޯއެއްގެ އޮރިޖިނަލް ކާސްޓް މެމްބަރެއް ގެއްލިގެންދާ ކޮންމެ ފަހަރަކު ވެސް ބެލުންތެރިން ރޮއްވާލުމަކީ އާންމު ކަމެއް ކަމަށެވެ.

އޭބީސީގެ ޝޯ އިން ޝެޕަޑް މަރާލާފައި މި ވަނީ އޭނާގެ ޖާދޫގައި ގާތްގަނޑަކަށް 10 އަހަރު ބެލުންތެރިން ޖެއްސުމަށް ފަހު އެވެ. މެކްޑްރިމީ އަކީ މި ޝޯގެ ޕައިލެޓް އެޕިސޯޑުން ފެށިގެން ބެލުންތެރިންގެ ހިތްތަކުގައި ފިޔަޖަހަމުން ދިޔަ ޑޮކްޓަރެކެވެ.

އޭބީސީގެ މެޑިކަލް ޑްރާމާ "ގްރޭޒް އޮނަޓޮމީ" ފެށީ 2005 ވަނަ އަހަރުގެ މާޗް މަހު އެވެ. މިހާރު ކުރިއަށް ދަނީ 11 ވަނަ ސީޒަނެވެ.