ވިޔަފާރި

ރާއްޖެ އިޝްތިހާރު ކުރާ ވީޑިއޯ މުބާރާތުގެ ވޯޓުލާން ހުޅުވާލައިިފި

ރާއްޖޭގެ ރީތިކަން ދައްކާލަން، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށް ގެންދާ ވީޑިއޯ ހެދުމުގެ މުބާރާތަށް ވޯޓު ދޭން ހުޅުވާލައިފި އެވެ.

"އެޑްވެންޗާ އޮފް މޯލްޑިވްސް" ގެ ނަމުގައި އެއް މަސް ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކުރު ވީޑިއޯ ހެދުމުގެ މުބާރާތަށް ހަދާފައިވާ ވީޑިއޯ އަށް ވޯޓު ދޭނީ ފޭސްބުކް މެދުވެރިކޮށެވެ. ފޭސްބުކް މެދުވެރކޮށް ކުރާ ކޮންމެ ކްލިކަކީ ވޯޓެއްގެ ގޮތުގައި ބަލާނެ އެވެ.

މި މުބާރާތައް ވޯޓު ދިނުމުގެ ފުރުސަތު އަންނަ މަހުގެ ފަސްވަނަ ދުވަހަށް އޮންނާނެ އެވެ.

"އެޑްވެންޗާ އޮފް މޯލްޑިވްސް" ވީޑިއޯ ކޮމްޕެޓިޝަންގައި ބައިވެރިކުރާނީ އެއް މިނެޓުގެ ވީޑިއޯތަކެވެ. މި ވީޑިއޯތައް ފޭސްބުކްއަށް އަޕްލޯޑުކޮށް ވޯޓު ދިނުމަށް ހުޅުވާލާނެ އެވެ. އަދި އެގޮތަށް ވޯޓު ދިނުމަށްފަހު ރާއްޖޭގެ ފަންނާނުން ހިމެނޭ ޖަޖުންގެ ޕެނަލްއަކުން ޖަޖުކޮށް އެއްވަނަ އަށްދާ ފަރާތެއް ހޮވާނެ އެވެ. އެއްވަނަ ފަރާތަކަށް 6،500 ޑޮލަރު (ގާތްގަނޑަކަށް 100230ރ.) ލިބޭނެ އެވެ. މި މުބާރާތުގެ އެއްވަނަ ލިބޭ ފަރާތެއް ޑިސެމްބަރު މަހު އިއުލާނު ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. މި ވީޑިއޯތައް އެމްއެމްޕީއާރުސީގެ ވެބްސައިޓު މެދުވެރިކޮށް އަޕްލޯޑު ކުރެވޭނެ އެވެ. މި މުބާރާތުގެ މެއިން ސްޕޮންސާއަކީ ސިކްސް ސެންސަސް ލ. އެވެ.

މި މުބާރާތަށް ހުށަހަޅާ އެންމެ ރަނގަޅު 10 ވީޑިއޯ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ހާމަ ކުރާނެ އެވެ. އަދި އެންމެ މޮޅު ވީޑިއޯ ހޮވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

އެމްއެމްޕީއާރުސީން ދަނީ ރާއްޖެ މާކެޓު ކުރާ ގޮތް ބަދަލު ކުރަމުންނެވެ. އެގޮތުން "ދިވެހިންގެ ވާހަކަ" އިގެ ގޮތުގައި ދިވެހިންގެ ސަގާފަތާއި ރާއްޖޭގެ ރީތިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ދަނީ ދައްކާލަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސޯޝަލް މީޑިއާގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެފައިވެ އެވެ.