ދުނިޔެ

މިނިވަންކަން އިއުލާންކުރުމުން ކެޓަލޯނިއާ ޕާލަމެންޓް އުވާލައިފި

ސްޕެއިނުން ވަކިވެ، މިނިވަން ދައުލަތަކަށް ވާން ކެޓަލޯނިއާއިން ރަސްމީކޮށް އިއުލާނު ކުުރުމުން ސްޕެއިން ސަރުކާރުން އެ ސަރަހައްދުގެ ސަރަހައްދީ ޕާލަމެންޓް އުވާލައިފިއެވެ.

ވަކި ވަރަކަށް މިނިވަންކަން އޮންނަ ، އަމިއްލަ ވެރިކަމެއް އޮންނަ ސަރަހައްދެއްގެ ގޮތުގައި ކެޓަލޯނިއާ އޮތް އޮތުން ނިމުމަކަށް ގެނެސް، ޕާލަމެންޓް އުވައިލި ސްޕެއިންގެ ބޮޑުވަޒީޒު މަރިއާނޯ ރަޖޯއީ އިއުލާނު ކުރެއްވީ އެކަން އެގޮތަށް ކުރުމަަށް ސްޕެއިނުގެ މަރުކަޒީ ޕާލަމެންޓުން އިއްޔެގައި ހުއްދަ ދިނުމުންނެވެ.

ކެޓަލޯނިއާ ސަރަހައްދުގެ މީހުންނާއި ސްޕެއިނުގެ މަރުކަޒީ ސަރުކާރާ ދެެމެދު ހަމަނުޖެހުން އުފެދުނީ ކެޓަލޯނިއާ މިނިވަންވާން ފެނޭތޯ ވޯޓެއް ނެގުމުންނެވެ. އެވޯޓު ނެގީ އެއީ ޣައިރުގާނޫނީ އަމަލެއް ކަމަށް ސްޕެއިނުގެ ސުޕްރީމްކޯޓުން ކަނޑައަޅާފައި ވަނިކޮށެވެ.

ރަޖޯއީ ވަނީ ކެޓަލޯނިއާގެ ސަރަހައްދީ ޕާލަމެންޓަށް އަލުން މެމްބަރުން އިންތިހާބު ކުުރުމަށް އަންނަ ޑިސެމްބަރުމަހުގެ 21 ވަނަ ދުވަހު އިންތިހާބު ބާއްވާނެކަން ވެސް އިއުލާނުކުރައްްވާފައެވެ.

ސްޕެއިންގެ ދަށުން މިނިވަންވެ، ވަކި ދައުލަތެއް އުފައްދަން ފެނޭތޯ ކެޓަލޯނިއާ މީހުން މިމަހު ކުރީ ކޮޅު ނެގި ވޯޓަށް ފަހުގައި ވެސް މިނިވަންކަން އިއުލާކްކުރުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް ސްޕެއިން ސަރުކާރުން އެކި ފިއްތުންތައް ކުރިމަތި ކުރުވާ އެކަމަށް ހުރަސް އަޅާފަ އެވެ.

ނަމަވެސް ކެޓަލޯނިއާ މިނިވަން ކުރުމާ މެދު ގޮތެއް ނިންމުމަށް އެ ގައުމުގެ ޕާލިމެންޓުން އިއްޔެ ނެގި ސިއްރު ވޯޓުގައި 70 މެމްބަރަކު ވޯޓު ދެއްވީ ކެޓަލޯނިއާ މިނިވަން ކުރުމަށެވެ. އަދި މިނިވަންނުމާއި ދެކޮޅަށް 10 މެމްބަރުން ވޯޓު ދެއްވި އިރު ދެ މެމްބަރަކު ޖަލްސާއަށް ހާޒިރުވެވަޑައި ނުގަންނަވައެވެ.

ޕާލިމެންޓުގެ ޖަލްސާ ކުރިޔަށް ދިޔަ މަންޒަރު އެތަށް ހާސް ބަޔަކު ބަލަމުން ދިޔަ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. އަދި ވޯޓުގެ ނަތީޖާއަށް ފަހު މަޖިލީހުގެ ތެރޭގައި ތިބި މީހުންނާއި ބޭރުގައި ބަލަން ތިބި މީހުން މިނިވަންވުމުގެ އުފާ ފާޅު ކުރި ކަމަށް ވެސް އެ ނޫސްތަކުން ބުނެ އެވެ.

ސްޕެއިނުގެ އާބާދީގެ 16 ޕަސެންޓް މީހުން ދިރިއުޅެނީ ކެޓަލޯނިއާގައެވެ. އަދި އެގައުމުން އެކްސްޕޯޓް ކުރާ މުދަލުގެ 25.6 ޕަސެންޓް އުފައްދަނީ އެ ސަރަހައްދުގައެވެ. އަދި ސްޕެއިންގެ ޖީޑީޕީގެ 19 ޕަސެންޓަކީ އެ ސަރަހައްދުން ލިބޭ އާމްދަނީއެވެ.