މީގެ 54 އަހަރު ކުރިން އެމެރިކާގެ އޭރުގެ ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން ކުރި ގިނަ ތަހުގީގުތަކެއްގެ ލިޔެލކލިއުންތައް ސިއްރުކޮށްފައި ބެހެއްޓުމަށް ފަހު މިހާރު ވަނީ އާއްމުކޮށްފައެވެ.
ކެނެޑީ އަވަހާރަކޮށްލި ހާދިސާއަކީ 54 އަހަރު ފާއިތުވެ ދިޔަ އިރުވެސް އެމެރިކާގެ އިތުރުން ދުނިޔޭގެ އެތައް ބަޔަކު އެކަމުގެ ސިއްރު ހޯދަން ޝައުގުވެރިވާ ހާދިސާއެކެވެ. ސްކައި ނިއުސް އިންް ވަނީ އާއްމު ކުރި ލިޔެކިއުންތަކުން ހާމަވެފައިވާ ބައެއް ސިއްރެއް ފާހަގަކޮށްފައެވެ.
ކެނެޑީ އަވަހާރަކޮށްލަން އުޅޭކަމުގެ އިޝާރާތެއް އިނގިރޭސި ނޫހަކަށް ލިބުން
ކެނެޑީ އަވަހާރަކޮށްލުމުގެ 25 މިނެޓް ކުރިން ' އެމެރިކާއިން ބޮޑު ހަބަރެއް' އަންނާނެ ކަމަށް ބުނެ އިނގިރޭސިވިލާތުގެ ނޫހަކަށް މީހަކު ގުޅިއެވެ. އެމެެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް ( އެފްބީއައި) އަށް ލިބިފައިވާ މެމޯއެއްގައި ބުނެފައި ވަނީ ކެމްބްރިޖް ނިއުސްގެ ރިޕޯޓަރަކަށް ގުޅި މީހަކު ، ބޮޑު ހަބަރެއް ހޯދަން އެމެރިކާގައި ހުންނަ އިނގިރޭސި އެމްބަސީއަށް ގުޅުމަށް ބުނި ކަމަށެވެ.
ފޯނުކޯލަށް ޖަވާބުދިން ރިޕޯޓަރުގެ ނަމެއް މެމޯގައި ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް ބުނެފައި ވަނީ އޭނާއަކީ ' ކުށުގެ ރެކޯޑެއް ނެތް، ވަފާތެރި މީހެއް ' ކަމަށެވެ.
ކެނެޑީ އަވަހާރަކޮށްލިކަމުގެ ބަދުނާމު އެޅިދާނެތީ ސޯވިއެެޓުން ކަންބޮޑުވި
އެމެރިކާއާ އެންމެ ވާދަވެރި އަދި އޭރު ދުނިޔޭގައި އޮތް ދެވަނަ ބޮޑު ބާރު ސޯވިއެޓް ޔޫނިއަންއަށް، ކެނެޑީ އަވަހާރަކޮށްލި ކަމުގެ ބަދުނާމު ލިބިދާނެތީ އެގައުމުން ކަންބޮޑުވިކަން ވެސް އާއްމު ކުރި ލިޔެކިއުންތަކުން ވަނީ އެނގިފައެވެ. އެފްބީއައިގެެ އޭރުގެ ޑައިރެކްްޓަރު ޖޭ އެޑްގާރް ހޫވާ އަށް އޭރު މައުލޫމާތު ލިބިފައި އޮތީ ކެނެޑީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ލީ ހާވީ އޮޒްވާލްޑްކަީ ސޯވިއެޓުން ފޮނުވި މީހެއް ކަަމަށް ތުހުމަތުކޮށްފާނެ ކަމުގެ ކަންބޮޑުވުން އެ ގައުމަށް އޮތް ކަމަށެވެ.
އެގޮތަށް ކަންތައް ވެއްޖެ ނަމަ ވެރިއަކު ނެތް ވަގުތު ސޯވިއެޓުންނާ ދެކޮޅަށް ހަމަލާއެއް ދޭން އެމެރިކާގެ ޖެނެރަލަކު އަމުރުކޮށްފާނެ ކަމަށް އެމީހުން ހީކުރިއެވެ. އެހެންވެ، އެމީހުން އެކަމަށް ތައްޔާރުވެސް ވިއެވެ.
އޮޒްވާލްޑް މަރައިލަން އުޅޭކަން އެފްބީއައި އަށް އެނގޭ
ކެނެޑީ އަވަހާރަކޮށްލިކަމުގެ ތުހުމަތު އޭރު އެޅިފައިވާ އޮޒްވާލްޑް މަރައިލާނެ ކަމަށް ބުނެ ޖެކް ރޫބީ ނަމަކަށް ކިޔާ ނައިޓް ކްލަބް އޯނަރަކު އިންޒާރުދިން ކަން އޭނާ އޮޒްވާލްޑް މަރައިލުމުގެ ކުރިން އެފްބީއައި އަށް އެނގުނެވެ. ނަމަވެސް އެކަން ހުއްޓުވަން އެ އެޖެންސީން މަސައްކަތް ނުކުރާ ކަން ވެސް އާއްމު ކުރި ލިއުންތަކުން ވަނީ އެނގިފައެވެ. އޮޒްވާލްޑް މަރައިލީ އޭނާ އެހެން ޖަލަކަށް ބަދަލުކުރަން ގެންދަނިކޮށެވެ. އެއީ ކެނެޑީ އަވަހާރަކޮށްލިދާ ދެދުވަސް ފަހުންނެވެ.
ކާސްޓްރޯ އަވަރާކަކޮށްލަން ސީއައިއޭއިން ރޭވި
ކެނެޑީގެ ރައީސް ކަމުގައި ކިއުބާގެ އޭރުގެ ލީޑަރު ފިޑެލް ކާސްޓްރޯ އަވަހާރަކޮށްލަން ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ ( ސީއައިއޭ) އިން ރޭވުންތަކެއް ރޭވި ކަން ވެސް އާއްމު ކުރި ލިއުންތަކުން ވަނީ އެނގިފައެވެ. އެގޮތުން ރޭވި އެއް ރޭވުމަކީ ގޮވާތަކެތި އަޅާފައިވާ، ފަސޭހައިން ލޮލުގައި އަޅައިގަންނަ ފަދަ ބޮއްޔަކަށް ގޮވާތަކެތި އަޅާފައި ކާސްޓްރޯ ފީނުއްވާ ސަރަހައްދަކަށް ލުމެވެ. ރާވާފައި ވަނީ ބޮލި ނެގީމާ ގޮވާގޮތަށް ހަދާފައި ލުމަށެވެ. ނަމަވެސް އެކަށީގެންވާ ވަރުގެ ބޮޑު ބޮއްޔެއް ނުލިބުމާއި އެހެން ބައެއް ސަބަބުތަކަކާ ހެދި އެކަން ކާމިޔާބު ނުވީއެވެ.
ކާސްޓްރޯ އަވަހާރަކޮށްލަން ރޭވި އަނެއް ރޭވުމަކީ ވަރަށް ނުބައި ހަމުގެ ބައްޔެއްގެ ޖަރާސީމު ލާފައިވާ ޑައިވިން ސޫޓެއް ކާސްޓްރޯ ތުރުކުރައސްވަން އެރުވުމާއި ޑައިވިން ގިއަރަށް ޓީބީގެ ޖަރާސީމު ލުމެވެ.
އަނެއް ރޭވުމަކީ މާފީއާ ބޮސް އަކަށް 150000 ޑޮލަރު ދީގެން ބަޑި ޖަހާ މީހަކު ކިއުބާއަށް ފޮނުވުމެވެ.
ކެނެޑީ އަވަހާރަކޮށްލި ހާދިސާގެ ތަހުގީގުގެ ލިޔެކިއުންތައް ސިއްރުކޮށްފައި ބަހައްޓަން އެމެރިކާގައި 1992 ވަަނަ އަހަރު ފާސްކުރި ގާނޫނަކުން ކަނޑައަޅާފައި ވަނީ 25 އަހަރަށެވެ. އެ މުއްދަތު ހަމަވީ މިހިނގާ އޮކްޓޯބަރުމަހުގެ 26 ވީ ބުރާސްފަތި ދުވަހުއެވެ.
ޖޯން އެފް ކެނެޑީ އެމެރިކާގެ ރައީސްކަމަށް ވަޑައިގެންނެވީ 1961 ވަނަ އަހަރުއެވެ. އޭނާ އަވަހާރަކޮށްލީ 1963 ވަނަ އަހަރުއެވެ. އޭނާ އަވަހާރަކޮށްލީ ޓެކްސަސް ސްޓޭޓުގެ ޑަލާސް ނަަމަކަށް ކިޔާ ރަށުގައި މަތިނެތް ކާރެއްގައި ވަަޑައިގަންނަވަނިކޮށް ލީ ހާވީ އޮސްވާލްްޑް ނަމަކަށް ކިޔާ މީހަކު ބަޑިން ދިން ހަމަލާއެއްގައެވެ.