ހޮލީވުޑް

އުތުރު ކޮރެއާގެ ލީޑަރަށް ކުރި ފުރައްސާރައާ އެކު ސޮނީ ބަލިވެއްޖެ

"ދަ އިންޓަވިއު" ގެ ނަމުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަށް ފުރައްސާރަކޮށް، ސޮނީ ޕިކްޗާސް އިން އުފެއްދި ފިލްމު ސިނަމާތަކަށް ނުގެނެވިގެން އުޅެނިކޮށް މި ފިލްމާ ހެދި ސޮނީ އަށް މިހާރު ވެސް އެތައް މިލިއަން ޑޮލަރުގެ ގެއްލުންވެއްޖެ އެވެ. 

ސޮނީ އަށް ހެކަރުން ދިން ވަރުގަދަ ހަމަލާއާ އެކު މި ފިލްމު ދެއްކުމަށް ގިނަ ސިނަމާތަކެއް ދެކޮޅު ހެދުމުން ފިލްމު ނުނެރުމަށް ސޮނީން އެންމެފަހުން ނިންމައިފި އެވެ.

ސޮނީގެ މައި ސާވާ ހެކުކުރުމުގެ އަސްލު ވެސް ގުޅިފައި އޮތީ "ދަ އިންޓަވިއު" އާއެވެ. ސޮނީ އަށް ދިން ހަމަލާގެ ފަހަތުގައި އޮތް ކަމަށް ބެލެވެނީ ވެސް އުތުރު ކޮރެއާ އެވެ.

އުތުރު ކޮރެއާ އިން އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވިޔަސް އެމީހުން ވަނީ މި ފިލްމު ނުހުއްޓުވައިފި ނަމަ ބޮޑެތި ގެއްލުންތަކެއް ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. ޔަގީނަށް ވެސް މިހާރު އެންމެ ގަދަ އަށް ހޭން ތިބޭނީ އުތުރު ކޮރެއާގެ ވެރިންނެވެ.

ޖޭމްސް ފްރޭންކޯ އާއި ކޮމޭޑިއަން ސެތު ރޯޖެން ލީޑު ރޯލު ކުޅެފައިވާ ފިލްމު "ދަ އިންޓަވިއު" ގެ މައްސަލަ އިތުރަށް ހޫނުވީ މި ފިލްމު ދައްކާ ސިނަމާތަކާއި ފިލްމު ބަލަން ސިނަމާތަކަށް ދާން ތައްޔާރުވާ ފަރާތްތަކަށް ވެސް ހެކަރުންގެ އިންޒާރުތައް އައުމުންނެވެ. ހެކަރުން ވަނީ ފިލްމު ދައްކާ ސިނަމާތަކަށް ވެސް ގެއްލުން ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

މި ސަބަބާ ގުޅިގެން އެމެރިކާގެ ވަރަށް ގިނަ ސިނަމާތަކަކުން ވަނީ ފިލްމު ދެއްކުމަށް މިހާރު ދެކޮޅު ހަދައިފަ އެވެ. ފިލްމުގައި ދައްކުވައި ދެނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަވަހާރަކޮށްލުމަށް އެމެރިކާ އިން ޖަހާ ސަކަރާތެކެވެ.

މި ފިލްމު ދެއްކުމަށް ދެކޮޅު ހަދާފައިވާ މަޝްހޫރު ސިނަމާތަކުގެ ތެރެއިން އެންމެ ބޮޑު ސިނަމާ ޗެއިން އަކީ އޭއެމްސީ އެވެ. މި ސިނަމާ ޗެއިންގެ 300 ލޮކޭޝަނެއްގައި ފިލްމު ދެއްކުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް އެމީހުން ވަނީ އެ ހިޔާލު ދޫކޮށްލައިފަ އެވެ.

އެހެންވީމަ "ދަ އިންޓަވިއު" މި އޮތީ މިހާރު ވެސް ބޮކްސް އޮފީހުގައި ފްލޮޕްވެފަ އެވެ.

މިއީ ކިމް ޖޮން-އުން އަށް ވަރަށް ވެސް އުފާވެރި ޚަބަރަކަށް ވާނެކަން ޔަގީނެވެ.