ކުޅިވަރު

ސްޕެނިޝް ލީގުން ބާސާއަށް ޖާގައެއް ނެތް

ކެޓަލޯނިއާގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާރާރު ފާސް ކޮށް، ބާސެލޯނާ ހިމެނޭ ސަރަހައްދު، ސްޕޭނުން ވަކިވެ، "މިނިވަން ދައުލަތެއް" އުފެއްދިކަން އިއްޔަ އިއުލާން ކުރުން ވެގެން ދިޔައީ، ހަމަ އެކަނި ސިޔާސީ އަދި ހާރިޖީ ގޮތުން އައި ބަދަލަކަށް އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެންމެ ގިނަ ބަޔަކު ސަމާލުކަން ދޭ ކުޅިވަރުގައިވެސް ބޮޑު ބަދަލަކަށް މިކަން ވާނެ އެވެ.

ކެޓަލޯނިއާގެ ވާހަކަ އަށް ފަހު، ބާސެލޯނާއާ ގުޅުވައިގެން އެންމެ ބޮޑަށް މުޅި ދުނިޔޭގައި ދެކެވޭނެ ވާހަކަ އަކީ، ބާސެލޯނާގެ ފުޓްބޯޅަ ޓީމު "އެފްސީ ބާސެލޯނާގެ" ވާހަކަ އެވެ. ކެޓަލޯނިއާގެ ބަހުސް އެހެން ދިމާލަކަށް އެނބުރޭ ސަބަބަކީވެސް އެއީއެވެ. ކުޅިވަރު ދަނޑުގައި ބާސާ އާއި ކެޓަލޯނިއާ އަށް ޖާގަ ލިބިދާނެތޯ ކުރެވޭ ސުވާލެވެ.

ކެޓަލޯނިއާގެ ދައުލަތް އިއުލާން ކުރި ނަމަވެސް، ކެޓަލޯނިގެ ގައުމީ ޓީމު ތަމްސީލު ކުރުމުގެ ފުރުސަތު "އެ ގައުމަށް" ހަމަ ކުއްލިއަކަށް ނުލިބޭނެ އެވެ. ބައިނަލްއަގްވާމީ ކުޅިވަރު ޖަމާއަތްތަކުން، ކެޓަލޯނިއާ އަކީ ވަކި ދައުލަތެއް ކަމަށް ގަބޫލު ކުޅައުމުން ނޫނީ، އެ ޖަމާއަތެއްގެ މެންބަރު ގައުމަކަށް ކެޓަލޯނިއާއަކަށް ނުވެވޭނެ އެވެ. މެންބަރު ގައުމަކަށް ނުވެ، ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގައި ކެޓަލޯނިގެ ގައުމީ ޓީމު ތަކަށް ތަމްސީލެއް ނުކުރެވޭނެ އެވެ.

ކެޓަލޯނިގެ ދައުލަތް ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބަލައި ގަންނާނެ ކަމާމެދުވެސް މިހާރު އޮޔީ ސުވާލު އުފެދިފަ އެވެ. ކެޓަލޯނިއާގެ ސަިޔާސީ ތާރީހްގައި، މިއީ މިނިވަން ދައުލަތެއް ކަމަށް، އެ ސަރހައްދުގެ މީހުން އިއުލާން ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ކޮންމެވެސް ސިފައެއްގައި، މީގެ ކުރިންވެސް ހަތަރު ފަހަރެއްގެ މަތިން ކެޓަލޯނިއާގެ ދައުލަތް އިއުލާން ކުރި އެވެ. މިއީ ފަސް ވަނަ ފަހަރެވެ. މިފަހަރުވެސް، އެ ދައުލަތް ބަލައި ނުގަންނާނެ ކަމަށް ބައެއް ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.

ޔުނައިޓަޑް ނޭޝަން އަށްފަހު، ދުނިޔޭގައިވާ އެންމެ ނުފޫޒުގަދަ އެއް ޖަމާއަތްކަމަށްވާ ޔޫރަޕިއަން ޔޫނިއަން އިން ވަނީ ކެޓަލޯނިއާގެ ދައުލަތް ބަލައި ނުގަންނާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. މިއީ ޔޫރަޕްގެ ސަރަހައްދީ ފުޓްބޯޅަ ޖަމްއިއްޔާއިންވެސް އިއުތިރާޒް ކޮށްފާނެ ސަބަބެކެވެ.

ބައިނަލްއަގްވަމީ ކުޅިވަރު އިދާރާ ތަކުން، ކެޓަލޯނިއާ ގައުމެއްގެ ދަރަޖަ ހޯދުމަށް އެތައް އަހަރުތަކެއް ހޭދަވާނެ އެވެ. އެއީ މީގެ ކުރިން ކަން ހިނގާފައިވާ ގޮތެވެ.

ކެޓަލޯނިއާގެ ދައުލަތް އުފެއްދުމަށްފަހު، ސްޕެއިންގެ ލީގްތަކުގައި، ބާސާ އަށް ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރުވެސް އެބައޮތެވެ. ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓަމެއު ވިދާޅުވީ ބާސާއިން ބޭނުން ވަނީ ސްޕެއިން ލީގްގައި ކުރިއަށް ދާން ކަމަށެވެ.

ނަމަވެސް ސްޕެއިންގެ ކުޅިވަރު ގާނުނު އެކަމަށް ޖާގަ އެއް ނުދެ އެވެ. އެ ފުރުސަތު ބާސާ އަށް ދޭނަމަ، ކުޅިވަރު ގާނޫނު އިސްލާހް ކުރަން ޖެހެ އެވެ. މިހާރު އޮތް ގޮތުންނަމަ ކެޓަލޯނިއާ އަށް "މިނިވަން ދައުލަތެއްގެ" ހައިސިއްޔަތު ރަސްމީކޮށް ލިބުމަށްފަހު، އެ ސަރަހައްދަށް ނިސްބަތްވާ އެއްވެސް ޓީމަކަށް ސްޕެއިންގެ އެއްވެސް ލީގެއްގައި ވާދައެއް ނުކުރެވޭނެ އެވެ.

ސްޕެއިންގެ ކުޅިވަރު ގާނޫނު ބުނާގޮތުން ސްޕެއިންގެ އެއްވެސް ކުޅިވަރު މުބާރާތެއްގައި އެންޑޯރާ ފިޔަވައި އެހެން ގައުމެއްގެ ޓީމަކަށް ސްޕެއިންގެ އެއްވެސް ކުޅިވަރު މުބާރާތެއްގައި ވާދަ ކުރުމުގެ ފުރުސަތެއް ނޯވެ އެވެ.

ގާނުނޫ އެކަުލަވާލުމަކީ ސިޔާސީ މީހުންގެ އަތްމަތީގައި ނުވަތަ ސަރުކާރުގެ އަތްމަތީގައި އޮތް ކަމެކެެވެ. ސްޕެއިންގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން ސްޕެއިންގެ މަޖިލީހުން އޮތީ އެ ގާނޫނު އިސްލާހް ކުރާ ފައްތަރެއްގަ އެއް ނޫނެވެ.