ކުޅިވަރު

20 އަހަރުން ދަށުގެ ވޯލްޑްކަޕަށްވެސް އިންޑިއާ ބިޑް ކޮށްފި

އިންޑިއާގައި މިހާރު ކުރިއަށްދާ، 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ކާމިޔާބަށް ފަހު، 2019 ވަނަ އަހަރު ބާއްވާ 20 އަހަރުން ދަށުގެ ވޯލްޑްކަޕް ބާއްވަން ވެސް އިންޑިއާއިން ކުރިމަތި ލައިފި އެވެ.

ވޯލްޑްކަޕްގެ ފައިނަލު މިއަދު އޮންނާނެ އެވެ. އިންޑިއާގައި ކުރިއަށްދާ މުބާރާތް ކާމިޔާބު ކަން ފީފާގެ ރައީސް ޖިއާނީ އިންފެންޓިނޯ ފާހަގަ ކުރި އެވެ. އިއްޔަ ކަލްކަތާގައި އޮތް ފީފާގެ ކޮންގްރެސް އަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަމުން އިންފެންޓިނޯ ވަނީ އިންޑިއާ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

"ގިނަ ރެކޯޑްތަކެއް މުގުރާލައި ފީފާގެ 17 އަހަރުން ދަށުގެ ވޯލްޑްކަޕް އިންޑިއާއިން ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފި،" އިންފެންޓިނޯ ވިދާޅުވި އެވެ. "އަހަންނަށް މިހާރު ފާހަގަ ވެއްޖެ އިންޑިއާ އަކީ ހަމައެކަނި ފުޓްބޯޅައިގެ ގައުމެއް ނޫން ކަން އެއީ ފުޓްބޯޅައިގެ ބައްރެއް، 17 އަހަރުން ދަށުގެ ވޯލްޑްކަޕް ކާމިޔާބު ކަމާއެކު ގެންދިޔަ ގޮތަށް އިންޑިއާގެ ރައްޔިތުންނަކީވެސް ކާމިޔާބު ބައެއް."

އިންޑިއާގެ ވޯލްޑްކަޕް ބަލަން މިގެ ކުރިން 17 އަހަރުން ދަށުގެ ވޯލްޑްކަޕެއް ބަލަން ހާޒިރު ނުވާވަރަށް މީހުން ހާޒިރު ވިއެވެ. ފީފާގެ ރައީސް ވިދާޅުވީ އިންޑިއާއިން މުގުރާލީ، ހަމައެކަނީ 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ހާޒިރީ އެކަންޏެއް ނުން ކަމަށާއި 20 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ހާޒިރީވެސް އިންޑިއާއިން މުގުރާލި ކަމަށެވެ. ކޮލަމްބިއާގައި 2011 ވަނަ އަހަރު ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ހާޒިރީ އަކީ 1.3 މިލިއަން މީހުން ނެވެ. ނަމަވެސް އިންޑިއާގެ 17 އަހަރުން ދަށުގެ ވޯލްޑްކަޕް ބަލަން މިހާތަނަށް އެއްއަށްވުރެ ގިނަ މީހުން ހާޒިރުވި އެވެ.

މުބާރާތް ކާމިޔާބު ކަމާއެކު ގެންދިޔަ ނަމަވެސް، 20 އަހަރުން ދަށުގެ ވޯލްޑްކަޕް ބާއްވަން އިންޑިއާއަށް ފުރުސަތު ދޭނެ ވާހަކަ އެއް އިންފެޓިނޯ ވިދާޅެއް ނުވެ އެވެ. މިއަހަރު އޭޝިއާގައި ފީފާގެ ދެ މުބާރާތަށް ފުރުސަތު ދިންކަން ފާހަގަ ކޮށް އޭނާ ވަނީ އިންޑިއާގެ ހުށަހެޅުމަށް ވަކި ޖަވާބެއް ދިނުމަށް ދެކޮޅު ހައްދަވާފަ އެވެ. ދެކުނު ކޮރެއާގައި މިއަހަރު ވަނީ ފީފާގެ 20 އަހަރުން ދަށުގެ މުބާރާތް ބާއްވާފަ އެވެ.

"ވިހި އަހަރުން ދަށުގެ ވޯލްޑް ކަޕް ބާއްވަން އެކި ގައުމުތަކުން ވެސް ވަނީ ހުށަހަޅާފަ، ފީފާގެ އިދާރާއިން ހުރިހާ ބިޑްތަކެއް ދިރާސާ ކުރުމަށް ފަހު އަންނަ އަހަރު ފީފާގެ ކައުންސިލަށް ހުށަހަޅާނާން ވަކި ގޮތެއް ނިންމަން." އަންނަ އަހަރު މާރިޗް މަހު ބާއްވާ ފީފާގެ ކޮންގްރެސްއަށް އިޝަރާތް ކޮށް އިންފެންޓިނޯ ވިދާޅުވި އެވެ.

ފީފާގެ ވިސްނުން ހުރީ 2019 އަހަރުގެ ފަހުން، 17 އަހަރުން ދަށުގެ ވޯލްޑްކަޕާއި 20 އަހަރުން ދަށުގެ ވޯލްޑްކަޕް އެއް މުބާރާތަކަށް ހެދުމަށް ފަހު 48 ޓީމަށް މުބާރާތުން ފުރުސަތު ދޭގޮތަށް ބޮޑު އެއް މުބާރާތް ބާއްވާ ށެވެ.