ދުނިޔެ

އެމެރިކާގެ ކުރީގެ ތަރިއެއްގެ ގަޑި ވިއްކައިލީ 18 މިލިޔަން ޑޮލަރަށް

އެމެރިކާގެ ކުރީގެ ފިލްމީ ތަރިއެއް ކަމަށްވާ ޕައުލް ނިއުމަން އެޅި އަތުކުރީ ގަޑިއެއް ރެކޯޑް އަގަކަށް ނީލަމުގައި ވިއްކާލައިފި އެވެ.

ނީލަމުގައި އެންމެ ބޮޑުވެގެން ވެސް ވިކޭނީ އެއް މިލިޔަން ޑޮލަރަށް ކަމަށް ބެލެވެނު، ރޮލެކްސް މަރުކާގެ އެ ގަޑި ފޯނުން އަގު ހުށަހެޅި މީހަކު ގަތީ 17.8 މިލިޔަން ޑޮލަރަށެވެ. އެ އަގަށް ގަޑި ގަތް މީހާގެ ނަން ނީލަން ކުރިއަށް ގެންދިޔަ ފިލިޕްސް އޯކްޝަން ހައުސް އަކުން ހާމަ އެއް ނުކުރެއެވެ.

ސްޓެއިންލެސް ސްޓީލުން ހަދާފައިވާ އެ ގަޑި ނިއުމަން އަށް ދިނީ އޭނާގެ އަންހެނުން ޖޯނީ ވުޑްވާޑެވެ. ގަޑި ދިނީ 1969 ވަނަ އަހަރު ' ވިނިން ޓުގެދާ' ގެ ނަމަކަށް ކިޔާ ފިލްމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ގަޑި ދިނުމުގެ ކުރިން ވުޑް ވާޑް އޭގައި ކަނޑައި ނަގައިގެން އިބާރާތެއް ލިޔެފައި ވެއެވެ. އެއީ " ޑްރައިވް ކެއާފުލީ، މީ" މި އިބާރާތެވެ.

އެ އިބާރާތް ލިއުނު ސަބަބެއް ކަމަށް ބެލެވެނީ 1965 ވަނަ އަހަރު ނިއުމަން އެކްސިޑެންޓެއް ވެފައި ވުމެވެ.

ނިއުމަން ފަހުން އެގަޑި ބޭނުންކުރީ ކާރު ރޭސްތަކުގައި ދުއްވާ އިރު ގަޑި ބެލުމަށެވެ. ވުޑްވާޑް އޭނާއަށް 1984 ވަނަ އަހަރު އާ ގަޑިއެއް ގަނެދިނުމުން ގަޑި ދިނީ އެ ދެމީހުންގެ އަންހެން ދަރިފުޅުގެ އޭރުގެ ލޯބިވެރިޔާ ޖޭމްސް ކޮކްސްއަށެވެ. ގަޑި ނީލަމަށްލީ ކޮކްސްއެވެ.

އެމެރިކާގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ނިއުމަން މަރުވީ 2008 ވަނަ އަހަރުއެވެ. - ބީބީސީ