އާސެނަލްގެ އެޓޭކިން މިޑްފިލްޑާ، މެސުޓް އޮޒިލް މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވުމަށް މަސައްކަތް ކުރާ ކަމުގެ އަޑުތައް ވަނީ ގަދަ ވެފަ އެވެ. މި ވާހަކަ އަށް އިތުރު ބާރެއް ލިބުނީ، އާސެނަލް އާ ގުޅުން ހުރި ބައެއް އޮންލައިން މީޑިއާތަކުންވެސް އެވާހަކަ ރިޕޯޓް ކުރުމުން ނެވެ.
އާސެނަލް ނިސްބަތްވާ ލަންޑަންގެ ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ، ޔުނައިޓަޑަށް ބަދަލުވާން އޮޒިލް މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަ އޭނާގެ ޓީމުގެ އެކުވެރިންނާ މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.
ޔުނައިޓަޑްގެ މިހާރުގެ ކޯޗް ހޯސޭ މޮރީނިއޯގެ ކޯޗް ކަމުގެ ދަށުން އޮޒިލް ވަނީ ރެއާލް މެޑްރިޑްގައި ކުޅެފަ އެވެ. ޖުމްލަ 100 ޕޮއިންޓް ހަމަކޮށް، 2012 ވަނަ އަހަރު ސްޕެނިޝް ލީގްގެ ޗެމްޕިއަން ރެއާލް ހޯދިއިރު، އޮޒިލް ވަނީ މޮރީނިއޯގެ ދަށުން އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
ބައެއް ރިޕޯޓްތައް ބުނަނީ، ޖަނަވަރީ މަހު އަންނަ ފިނި މޫސުމުގެ ޓްރާންސްފާގައި، ޔުނައިޓަޑަށް އޮޒިލް ބަދަލުވާން އުޅޭ ކަމަށެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓަޑްގެ ސްކައުޓު ޓީމުން އޮޒިލް އަށް ލަފާ ދެނީ މި ސީޒަން ނިމެންދެން އާސެނަލްގައި ކުރި އަށް ދިއުމަށެވެ.
މި ސީޒަން ނިމުމުން، އާސެނަލްއާ އެކު އޮޒިލް ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. އޭރުން ފްރީ ޓްރާންސްފާގައި އޮޒިލް ގެނައުމުގެ ފުރުސަތު ޔުނައިޓަޑަށް ލިބިގެން ދާނެ އެވެ.
އާސެނަލްއިން އޮޒިލްގެ މުސާރަ އަށް ދެނީ ހަފުތާ އަކު 150،000 ޕައުންޑެވެ. އާސެނަލް އޮތީ 200،000 ޕައުންޑްގެ މުސާރައެއް ދިގެންވެސް އޮޒިލްގެ ކޮންޓްރެކްޓް އާ ކުރުވަން ތައްޔާރަށެވެ.
މިދިޔަ އަހަރުވެސް، އާސެނަލްއިން ވަނީ، އޮޒިލް އާއެއެކު އާ އެއްބަސްވުމަކަށް ދިއުމަށް ވާހަކަ ދައްކާފަ އެވެ. އެކަމަކު އޮޒިލްގެ ފަރާތުން "އާނ ބަސް" ލިބިފަ އެއް ނުވެ އެވެ.
އާސެނަލް ދޫކޮށް އޮޒިލް މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވާން ވާހަކަ ދައްކާއިރު އާސެނަލްގެ މުހިންމު އަނެއް ކުޅުންތެރިޔާ ޗިލީގެ އެލެކްސިސް ސަންޗޭޒް މަސައްކަތް ކުރަނީ މެންޗެސްޓާ ސިޓީ އަށް ބަދަލު ވުމަށެވެ. މި ސީޒަން ފެށުމުގެ ކުރިން، ސިޓީން ވަނީ ސަންޗޭޒް ގެންދިއުމަށް ހުށަހަޅާފަ އެވެ. އަދި ސަންޗޭޒް ވެސް ސިޓީ އަށް ބަދަލުވާން ބޭނުންވާ ކަމަށްވެސް ބުންޏެވެ.