ފަހަތުން އަރައި ސްޕެއިންގެ މައްޗަށް 5-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ފީފާގެ 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ޗެމްޕިއަންކަންވެސް އިންގްލެންޑުން ހޯދައިފި އެވެ.
މިއީ އިންގްލެންޑުން މިއަހަރު ހޯދި، ފީފާގެ ދެ ވަނަ ވޯލްޑްކަޕެވެ. މެއި، ޖޫން ގައި ދެކުނު ކޮރެއާގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑްކަޕް ޗެމްޕިއަނަކީވެސް އިނގިރޭސިން ނެވެ.
ފުރަތަމަ ހާފުގައި ސްޕެއިނުން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ބާސާގެ ޒުވާން ޓީމުގެ ތަރި، ސާޖިއޯ ގޯމޭޒް އެވެ. އޭނާ ލަނޑުތައް ޖެހީ 10 ވަނަ މިނެޓާއި 31 ވަނަ މިނެޓްގައެވެ.
އިންގްލެންޑަށް އުންމީދެއް ހޯދައިދިނީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް، ލިވަޕޫލްގެ ޒުވާން ޓީމުގެ ރީހަން ބްރިއުސްޓާ ކާމިޔާބު ކުރި ލަނޑުން ނެވެ.
ދެ ވަނަ ހާފުގެ ކުރީ ކޮޅު މޯގަން ގިބްސް-ވައިޓް ވަނީ އިނގިރޭސިންނަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭނާ ލަނޑު ޖެހީ 58 ވަނަ މިނެޓް ގައެވެ. އޭގެ ދިހަ ވަރަކަށް މިނެޓްފަހުން ފިލް ފޮޑެން ވަނީ ވަނީ އިނގިރޭސިންނަށްނަށް ލީޑް ނަގައިދިފަ އެވެ.
މެޗުގެ 84 ވަނަ މިނެޓްގައި މާކް ގްއިހީ ވަނީ އިންގްލެންޑަށް ލީޑް ފުޅާ ކޮށްދީ ފައެވެ. އޭގެ ހަތަރު މިނެޓް ފަހުން ފޮޑެންގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށް އިންގިރޭސިންނަށް ތިން ލަނޑުގެ ލީޑެއް ނަގައި ދިނެވެ.
މިއަދު ހަވީރު މާލީގެ މަައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މުބާރާތުގެ ތިން ވަނަ ހޯދީ ބްރެޒިލް އެވެ. ބްރެޒިލްގެ ލަނޑުތައް ކާމިޔާބު ކުރީ އެލަން ސޮއުޒާ އާއި ޔޫރީ އަލްބޭޓޯ އެވެ.