ވިޔަފާރި

ބޮޑެތި ބައްދަލުވުންތައް ބާއްވަން އެންމެ ރަނގަޅު ރިސޯޓަަކަށް ޕެރަޑައިސް

ސައުތު އޭޝިއަން ޓްރެވަލް އެވޯޑު (ސަޓާ) އިން ހޮވި މީޓިންތަކާއި ކޮންފަރެންސްތައް ބާއްވަން އެންމެ ރަނގަޅު ރިސޯޓުގެ އެވޯޑު ޕެރަޑައިސް އައިލެންޑް ރިސޯޓަށް ލިބިއްޖެ އެވެ.

އައްޑޫ، އީކުއޭޓާ ވިލެޖުގައި ރޭ ބޭއްވި، ސަޓާ އެވޯޑުގައި މީޓިންތަކާއި ކޮންފަރެންސްތައް ބާއްވާ އެންމެ ފުރިހަމަ ތަނުގެ އެވޯޑު ޕެރަޑައިސް އައިލެންޑް ރިސޯޓުން ހޯދިއިރު، އެ ރިސޯޓުގެ ދޭ މި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ވަނީ އިތުރު ކޮންވެންޝަން ފެސިލިޓީއެއްވެސް ހުޅުވާފަ އެވެ.

މި އެވޯޑުގެ އިތުރުން ވިލާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "އަރާމު ސްޕާ" އިން މި އަހަރުވެސް ވަނީ އެންމެ ފުރިހަމަ ސްޕާ މަރުކާގެ އެވޯޑު ގެންގޮސްފަ އެވެ. ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި ހިދުމަތްދޭ، ބޭރުގެ ސްޕާ ބްރޭންޑުތަކާ ވާދަކޮށް، ލީޑިން ވެލްނަސް އެންޑް ސްޕާ އެވޯޑު ލިބުނު "އަރާމު ސްޕާ" ބްރޭންޑުގެ ސްޕާތައް ހުންނަނީ ރޯޔަލް އައިލެންޑް ރިސޯޓާއި ޕެރަޑައިސް އައިލެންޑް ރިސޯޓުގެ އިތުރުން ސަން އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓުގަ އެވެ.

މިދިޔަ އަހަރު ބޭއްވި ސަޓާ އެވޯޑުގައި ވެސް އަރާމު ސްޕާއަށް އެވޯޑެއް ލިބިފައިވެ އެވެ. މިދިޔަ އަހަރު ވެސް ލިބިފައިވަނީ ލީޑިން ސްޕާ ބްރޭންޑް އެވޯޑެވެ.

މި އެވޯޑުގެ އެކި ކެޓަގަރީތަކަށް 400 އަށްވުރެ ގިނަ ފަރާތް ނޮމިނޭޓް ވެފައިވާއިރު މި އަހަރު ރާއްޖެއަށް 18 އެވޯޑެއް ލިބިފައިވެ އެވެ. ރާއްޖެއިން ހޯދި ބައެއް އެވޯޑުތަކުގެ ތެރޭގައި ލީޑިން ސާފް ހޮޓެލަކަށް ހޮވުނީ ކުރީގެ ޗާޔާ އަދި މިހާރުގެ ސިނަމަން ދޮންވެލި ރިސޯޓަށެވެ. އަދި ލީޑިން އެއާޕޯޓް ހޮޓެލަކަށް ހޮވިފައިވަނީ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އެވެ. އަދި ލީޑިން އޯލް އިން-ކުލޫސިވް ހޮޓެލް އަދި ރިސޯޓުގެ އެވޯޑު ލިބުނީ ރާއްޖޭގެ "ލަކްސް މޯލްޑިވްސް" އަށެވެ. ލީޑިން ޓްރެވަލް އެޖެންސީއަކަށް ހޮވުނީ ވޮޔޯޖަސް މޯލްޑިވްސް އެވެ. އަދި އެންމެ ފުރިހަމަ ސްޕާ ރިސޯޓަކަށް ހޮވުނީ ސަން ސިޔާމް އިރުފުށި ރިސޯޓެވެ. ލީޑިން ލަގްޒަރީ ހޮޓެލްއަކަށް ޑަބްލިއު މޯލްޑިވްސް ހޮވުނުއިރު، އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑު ހޯދީ ކޮކޯ ބޮޑު ހިތި ރިސޯޓެވެ. އަދި އޯލް އިންކްލޫސިވް ރިސޯޓުގެ އެވޯޑު ސެންޓާރާ ގްރޭންޑް ހޯދިއިރު، ލީޑިން ބީޗް ރިސޯޓަކަށް ހޮވުނީ އަމާރީ ހޮވައްޑާ އެވެ.

މި އެވޯޑުގައި އިންޑިޔާ އަދި ސްރީލަންކާގެ އިތުރުން ނޭޕާލް އާއި ބޫޑާން ފަދަ ގައުމުތަކުގެ ހޮޓާތައް ވެސް ވާދަކޮށްފައިވެ އެވެ. މިގޮތުން މި ގައުމުތަކުގެ ހޮޓާތަކަށް ވެސް އެވޯޑުތައް ލިބިފައިވެ އެވެ.