ވާހަކަ

މިންނުގެ ޑައިރީ

(26 އޮކްޓޯބަރ 2017 އާ ގުޅޭ) -- ޔާނާއާއެކު ޒޭން ވެސް ތެދުވިއެވެ. ޔާނާ ދޮރާދިމާއަށް ހިނގައިގަތް ވަގުތު އޭނާގެ އަތުގައި ޒޭން ހިފައި ގާތަށް ދަމައިގަތެވެ. އެހިނދު ޔާނާ އައިސް ތަތްވީ ޒޭންގެ މޭގައެވެ. އެއާއެކު އަވަހަށް އަންނައްޗޭ ޒޭން ބުނެލީ ޔާނާގެ ކޮތާފަތުގައި ބޮސްދީފައެވެ. ޔާނާ ލަދުވެތިގޮތަކަށް ހީނލިއެވެ. އާނއެކޭ ބުނެ ޔާނާ އެ ކޮޓަރިން ނުކުމެގެން ދިޔައީއެވެ.

ހަށިފުރާލީ ފުންނޭވާއާއެކު ޒޭންގެ އޭނާގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލާ ރީތިކޮށްލިއެވެ. ނަމަވެސް އޭނާގެ ސިކުނޑިއަށް ލިބިފައިވާ ނުތަނަވަސްކަން ފިލައިގެން ނުދެއެވެ. މަޑު ހިނގުމުގައި އައިސް ހައިކަލް އޮތް އެނދު ކައިރީ ހުރި ގޮނޑީގައި އިށީނެވެ. ފުން ވިސްނުމެއްގައި އިން މީހަކު ފަދައިން ހައިކަލްއަށް ބަލަން ޒޭން އިނެވެ. އިރުކޮޅަކު ހިމޭނުން އިނުމަށް ހިތަށްކޮށްފައިވާ އަސަރާއެކު ހައިކަލްއަށް ޒޭން ގޮވާލިއެވެ.

"ބައްޕާ!... އެ ޑައިރީ... އެއީ ދޮންމަންމަގެ ޑައިރީ... ބައްޕަގެ މި ދަރިފުޅަށްވުރެ ވެސް އިސްކަން ދިން އަންހެންމީހާގެ ޑައިރީ. ބައްޕާ ޕްލީޒް!... އެ ޑައިރީގައި އެ ވަނީ ހަމަ ތެދުތަ؟ އަހަންނަކަށް އެއްވެސް އެއްޗެއް ނުވިސްނޭ. އޭގައި ލިޔެފައިވަނީ މުޅިން އެހެން މީހެއްގެ ވާހަކަ ކަހަލަ... ބައްޕާ! ޕްލީޒް ވޭކްއަޕް! ޕްލީޒް ދެން ތެދުވޭ... ތި ފުން ނިދިން ހޭލަންވީ ވަގުތު ޖެހިއްޖެ... ބައްޕަގެ މި ދަރިފުޅަށް ހަޤީޤަތް ކިޔައިދޭންވީ ވަގުތު ޖެހިއްޖެ. ޕްލީޒް... އައި ވޯންޓް ޓު ނޯ... ތެދުދޮގު އޮޅުންފިލުވައިދެވޭނީ ހަމަ ބައްޕައަށް" މާޔޫސްކަން މުޅި ނަފްސު ބަލިކަށި ކުރި ކަހަލައެވެ. ހައިކަލްގެ އަތުގައި ފިރުމަމުން ދިޔަ ޒޭން ގޮތް ހުސްވެފައިވާ މީހަކު ފަދައިން މަޑުމަޑުން ހައިކަލްގެ އަތުގައި ނިތްކުރި ޖައްސާލިއެވެ. އޭރު ވެސް ވައިއަޑުން ކަހަލަ ގޮތަކަށް އޭނާގެ ދުލުން "ބައްޕާ"އޭ ގޮވާލާ އަޑު އިވެއެވެ. ހައިކަލްއާ ގުޅާފައިވާ މޮނީޓާރ އިން އިވެމުންދިޔަ އަޑަށް ކުއްލި ބަދަލެއް އައިކަމެއް ޒޭނަށް ފާހަގައެއް ނުކުރެވުނެވެ. އަޑު ތަފާތުވެގެން ދިޔައީ މަދު ސުކުންތު ކޮޅަކަށެވެ. ބޯ ތިރިކޮށްލައިގެން އޮތް ޒޭނަށް ހައިކަލްކޮށްލި ކުޑަކުޑަ އިޝާރާތް ނުފެނުނީއެވެ. އަނެއްކާ ވެސް އެ ހަށިގަނޑު ފުންމިން ނޭނގޭ އަނދިރިކަމެއްގެ ތެރެއަށް ގަންބާލި ފަދައެވެ.

އިރުކޮޅަކު ޒޭން އިނުމަށްފަހު ހަށިގަނޑު ތެދުކޮށްލަމުން އިސްއުފުލާ ހައިކަލްގެ މޫނަށް ބަލާލިއެވެ. އަދި ހައިކަލްގެ އެނދު ކައިރިން ތެދުވެ އެ ކޮޓަރީގައި ހުރި ސޯފާ ކައިރިއަށް ޒޭން އައެވެ. އެ ސޯފާގައި މިންނުގެ ޑައިރީ ޔާނާ ބާއްވާފައި ދިޔަ ގޮތަށް އޮތެވެ. އެ ފޮތަށް ބަލާލާފައި ސޯފާގައި ޒޭންގެ ހަށިގަނޑު ދަމާލިއެވެ. ސިކުނޑީގައިވާ ޚިޔާލުތަކުން ޒޭނަށް އުނދަގޫވަމުންދިޔައެވެ. މަޑުމަޑުން ކަނާތު އަތް ހިއްލާލާ ނިތްކުރީގައި ބާއްވާލިއެވެ. ހީވީ ސިކުނޑިއަށް ކުރަމުންދިޔަ ބާރު ކުޑަވޭތޯ ގެނައި ހަރަކާތެއް ހެންނެވެ.

ދެ ލޯ މަރާލައިގެން ސޯފާގައި ޒޭން އޮންނަތާ ދޮޅުގަޑިއިރު ފަހުން ކޮޓަރީގެ ދޮރުހުޅުވާލިއެވެ. އެކަން ނޭނގި އޮތް ޒޭން ސިހުނީ ފިނިފިނި ދެއަތްތިލ އޭނާގެ ނިތްކުރީގައި ބާއްވާލެވިފައި އޮތް އަތުގައި ޖެހުމުންނެވެ. އޭރު ޒޭންގެ ކުރިމަތީ ހުރި ޔާނާ ސޯފާގައި އިށީންނަނީއެވެ.

"ކޮން ޚިޔާލެއްގަ!... ޝެއަރ ސަމް ވިތް މީ" ޒޭންގެ ގާތުގައި އިށީން ޔާނާ ބުނެލިއެވެ.

"އަލޮޓް ގޮއިން އޮން... އިންސައިޑް އިޓްސް އަ މެސް.... މި ވަގުތު އެކްސްޕުލެއިން ކޮއްދޭކަށް ފަސޭހައެއް ނޫން" ޔާނާއަށް ބަލާލަމުން ޒޭން ބުންޏެވެ.

"ޑައިރީ ކިޔަން އޯކޭތަ؟" ޒޭންގެ ހާލު އެނގުމުން ޔާނާ ސުވާލުކޮށްލިއެވެ.

"މި ހުރިހާ ހެޑޭކެއް ދާނީ މި ފޮތް ކިޔާ ނިންމީމަހެން ހީވަނީ" ސޯފާގައި އޮތް މިންނުގެ ޑައިރީއަށް ޒޭން ފާޑަކަށް ބަލާލާފައި ބުންޏެވެ. ޔާނާ އެ ފޮތް ނެގިއެވެ.

"އޯކޭ... އެހެންވީރު ޑައިރީ ކިޔަންފަށަނީ، އާ ޔޫ ޝުއަރ އޯކޭކަން" ޔާނާ ކަތިގޮތަކަށް ޒޭނަށް ބަލާލަމުން އަހާލީ ޔަގީންނުވާތީއެވެ.

"އައި އޭމް އޯލްރައިޓު، ޔާން ކިޔަންފަށާ" ޔާނާއާ ގާތަށް ޖެހިލާ އޭނާގެ އުނގުގައި ޒޭން ބޯއަޅާލައި ހަމަޖެހިލިއެވެ.

* * * *
މިންނުގެ ޑައިރީ:
އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިއާއެވެ. އަހަރެންގެ ހުރިހާ ސިއްރެއް ތިއެކުވެރިޔާއަށް ކިޔާދޭން ބޭނު....

* * * *

ޔާނާ ކުއްލިއަކަށް އަތުގައި އޮތް ޑައިރީ ކިޔުން ހުއްޓާލުމުން އޭނާގެ އުނގުން ޒޭންގެ ބޯ ހިއްލާލާ ބަލާލިއެވެ. ޔާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާން ކަމެވެ. އޭނާ އެ ޑައިރީއިން އެއްޗެއް ހޯދާ ކަހަލައެވެ. ޒޭން ތެދުވެ ޔާނާގެ ގާތުގައި އިށީނެވެ. އަދި ޔާނާ އެ ހޯދާ އެއްޗެއް ބެލުމަށް ޓަކައި ޑައިރީގެ ސަފުހާތަކަށް ބަލާލިއެވެ.

"ޒޭން! ބަލާބަލަ... މިންނު ޑައިރީގައި ލިޔެފައި މި އޮތީ ހަމަސް ފަހުން، ތާރީޚުތަކަށް ބަލާބަލަ!... ހަފްތާއެއް ފާއިތުވެގެން ދިޔައިރު ވެސް އޭނާ ލިޔަން ބޭނުންވަނީ ކީކޭކަމެއް ނޭނގޭ... ޖުމްލަ ބުރިތަކެއް ހެން ހުރީ... ފުރިހަމައެއް ނުކުރޭ، ކޮންމެ ސަފުހާއެއް ލިޔަން ފައްޓާފަ ފުރިހަމަ ނުކޮށް ދޫކޮށްލާފައި މި އޮތީ، ބަލާ! މި ހިސާބުގެ ގަނޑުތައް ވެސް މިވަނީ އެއް ސަފުހާއާއި އަނެއް ސަފުހާއާ ތަތްވެފަ، އުހޫނ!... ހީވަނީ ޑައިރީގެ މި ސަފުހާތައް ތެމުމުގެ ސަބަބުން ތަތްލާފައި ހުރީ ހެން" ޒޭންއަށް ޑައިރީގެ ގަނޑުތައް ދައްކަމުން ޔާނާ ވާހަކަދެއްކިއެވެ. ދެ ޒުވާނުން ވަރަށް ރަނގަޅަށް މިންނުގެ ޑައިރީގެ ބައެއް ގަނޑުތަކަށް ވެފައި ހުރި ގޮތެއް ބެލިއެވެ. ތަތްލާފައި ހުރި ގަނޑުތައް ނެއްޓޭތޯ ޔާނާ އުޅުނެވެ. އެވަގުތު ޒޭން ވާހަކަދައްކަން ފެށިއެވެ.

"އެ ސަފުހާތައް އެވަނީ ފެން އެޅުމުގެ ސަބަބުން ތަތްވެފަކަން ޔަގީން. މިހާ ގިނަ ދުވަސްވެފަ އޮތީމަ ދެން އެ ގަނޑުތައް ނައްޓަން އުޅެފިނަމަ އިރައިގެން ގޮސްދާނެ... ކުރިއަށް ހުރި ގަނޑުތައް ބަލާބަލަ.... ލިޔެފައި ހުރި ހިސާބަކުން ކިޔަން ފަށަމާ" ޒޭން ލަފާ ދިނެވެ. އެގޮތް ޔާނާއަށް ވެސް ކަމުދިޔައެވެ. އެހެންވެ ކުރިއަށް ހުރި ސަފުހާތައް ޔާނާ ބަލަން ފެށިއެވެ. ޑައިރީގައި މިންނު ލިޔެފައި އޮތީ ކޮން ދުވަހެއްގައިތޯ ބަލާށެވެ. އެގޮތަށް ސަފުހާތައް އުކަމުން ދަނިކޮށް ކުއްލިއަކަށް އެއްލި ސަފުހާއާއެކު ތަތްވެފައި އޮތް މަލެއް އެ މީހުންގެ ލޮލުގައި އަޅައިގަތެވެ.

"ތީ ކޮންމަލެއް؟" ހިކިގެން ގޮސް ގަނޑުގައި ތަތްވެފައި އޮތް މަލަށް ބަލަން އިނދެ ޒޭން އަހާލިއެވެ.

"ހީވަނީ އޯކިޑު މަލެއްހެން. ޔަގީނެއްނޫން... އޯމައިގޯޑް! ލުކް ޒޭން... މި ސަފުހާގަ މި އޮތީ މިންނު ލިޔެފަ" ޔާނާއަށް ލިޔެފައި އޮތް ސަފުހާއެއް ފެނުނީތީ އުފާވިއެވެ. އެހެންނަމަވެސް އޭނާ އިނީ ސުވާލު އުފެދިފައެވެ. ހިސާބަކަށް ހިތް ނުތަނަވަސް ވެފައެވެ. އެހާ ދިގު މުއްދަތަކަށް މިންނު ޑައިރީ ލިޔުން މެދުކަނޑާލީ ކީއްވެބާއޭ ހިތަށްއަރާފައެވެ.

"ލެޓްސް ރީޑް" ޒޭން ވެސް ހީވަނީ އޮޅުން ފިލުވަން ބޭނުންވެފައި އިންހެނެވެ. ޔާނާ އެންމެ ހިނދުކޮޅެއް ވެސް ބޭކާރުކޮށްނުލާ އަވަހަށް ޑައިރީގައިވާ އެއްޗެއް ކިޔަން ފެށިއެވެ. ޒޭން ވެސް އިނީ ޑައިރީގެ ތެރެއަށް ނަޒަރު ހުއްޓާލައިގެންނެވެ.

* * * *
މިންނުގެ ޑައިރީ:
އަހަރެންގެ ހާލު މި ސަފުހާތަކުގައި ލިޔަން މަސައްކަތްކުރާތާ ހަމަހާ ދިހަ ދުވަސް ވޭތުވެއްޖެއެވެ. ކޮންމެ ދުވަހަކު ވެސް ތި އެކުވެރިޔާ ހުޅުވާލަނީ ކިޔައިދޭން ނިންމައިގެންނެވެ. ނަމަވެސް އެ ހިތްވަރު މި ލިބުނީ އަދި ކިރިޔާއެވެ. ހުރިހާ ކަމެއް ޚިއްޞާ ކުރާއިރު މި ކަން ވަކި ޚިއްޞާ ނުކޮށް ބޭއްވުމުގެ ބޭނުމެއްނެތެވެ. މީ އަހަންނަށް ކުރިމަތިވެފައިވާ އަނދިރި ދުވަސްތަކެކެވެ. އަހަރެން މި އިނީ ހަދާނެ ގޮތް ހުސްވެފައެވެ. ވަށައިގެންވި ކަޅުއަނދިރި ވިލާތަކުން އަހަރެން ވަނީ ބައްދާލާފައެވެ. ދާނޭ ދިމާއެއް ނޭނގި މާސިންގާ ކަނޑަށް ގެއްލިފައި ވާ ކަހަލައެވެ. ހަޔާތުގެ ނައު އަމިއްލަ އަތުން ދޫވެ އޭގެ މިސްރާބު ބަދަލުވެއްޖެއެވެ. އެ ހުރިހާ ކަމަކާއެކު އަހަރެންގެ މުޅި ހަޔާތް ބަރުބާދުވީއެވެ. ހަޔާތުގެ ފޭރާމުގައި މުޅި އުމުރަށް ނުފިލާވަރުގެ ލައްގަނޑެއް ޖެހިއްޖެއެވެ. އެ ހުރިހާ މަޖޫބޫރަކާއި އެ ބިރުވެރިކަމުން ފުރިގެންވީ ރޭ އަހަރެން ހޭނެތުނުގޮތަށް ހޭނޭރިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. ގައިމު ވެސް މި ދުވަސް ދެކޭކަށް ނުޖެހުނީހެވެ.

ސިއްރުކުރާން ބޭނުން ނުވިޔަސް މިއަދު އަހަންނަށް ސިއްރުކުރާން ޖެހޭ ވަރުގެ ކަމެއް ދިމާވެއްޖެއެވެ. އެ ވާހަކަ ކިޔާދެނެހާ ހިތްވަރު މީގެކުރިން ނުލިބުނީއެވެ. ނަމަވެސް މިކަމުގެ ހަޤީޤަތް އެނގޭ ކޮންމެވެސް މީހަކު ހުންނަންވާނެއޭ އަހަރެންގެ ޟަމީރު ވެސް އެއްބަސްވެއެވެ.

ހަފިއްތަގެ ކައިވެނީގެ ހަފްލާ ނިންމާފައި އައިގޮތަށް އެރޭ އޭގެ ދެމަފިރިން އެކުގައި ރާއްޖޭން ބޭރަށް ފުރައިގެން ދިޔައީއެވެ. އެކަން އަހަރެން ވާނީ ކުރީގެ ސަފުހާތަކެއްގައި ލިޔެފައެވެ. ހުރިހާ ކަމެއް ކުއްލިއަކަށް ބަދަލުވީ އޭގެ ފަހުގައެވެ. މުޅި ދުނިޔެ ވެސް އެފުށްމިފުށަށް ޖަހާލި ކަހަލައެވެ. ސުހައްތަ ފުރަން ހަމަޖެހިފައި އޮތީ ހަފިއްތަ ފުރި ދުވަސް ނޫން ޖެހިގެން އައި ދުވަހުގެ މެންދުރު ފަހުއެވެ. އެ ދުވަހު އޮފީހުން ކުރީބައިގައި އަންނަން އުޅުނީމެވެ. ނަމަވެސް މުހިންމު މަސައްކަތެއްގައި ތާށިވެފައި ހުރީއެވެ. އޮފީސް ނިންމާފައި ބާރު ދުވެލީގައި އަޒާންއާއެކު ސައިކަލުގައި އަހަރެންގެ ގެއަށް އައީމެވެ. ގެއަށް ވަދެވުނު އިރު ސުހައްތަ ހުރީ ފުރަން ތައްޔާރުވެގެންނެވެ. ސިޓިންރޫމުގައި މަޑުކޮށްލައިގެން އިނީ އަހަރެންގެ އިންތިޒާރުގައެވެ. އަހަންނާއި އަޒާން ވަދެގެން އައިއިރު ހައިކަލްގެ ކާރަށް ފޮށި އެރުވުމަށް ޖައުބެއާއި އޭނާއާ ދެ މީހުން އުޅެއެވެ. ސޯފާގައި އިން ސުހައްތައަށް އަހަރެން ފެނުމާއެކު ވަގުތުން އޮޅުލައިގަތެވެ.

ސުހާ: "މިންނު އަންނާންވީނު ސުހައްތަމެންނާއެކު"

ސުހައްތައާ ދުރަށް ޖެހިލާފައި އަހަރެން އުޒުރުވެރިވީމެވެ. އޮފީހުން މި ދުވަސްކޮޅު ޗުއްޓީ ލިބެން ނެތީއޭ ބުނެއެވެ. ހަޤީޤަތަކީ ސުހައްތައާއި ޖައުބެއަކީ ޢާންމުކޮށް ދަތުރުކުރާ ބައެއް ނޫންކަމެވެ. އެހެންވީމަ އެ ދެމަފިރިން ހިތްހަމަޖައްސާލައި އެ މީހުންގެ ބޭނުންތައް ފުއްދުމަށް ފަހިވެފައި އޮތް ދަތުރަކަށް އަހަރެން ދިއުމުގެ ބޭނުމެއް އޮތް ކަމަށް އަހަންނަށް ނުފެނުނީއެވެ.

ސުހާ: "ނޭނގެ ވާގޮތެއް... ހިތްބިރުގަންނަނީ... މިންނު އެކަނި ގޭގައި ބަހައްޓާފައި ދާންވީމާ. ކަމެއް ދިމާވިޔަސް ގޭގައި ފިރިހެނަކު ވެސް ނުހުންނާނެ. މިންނު އަމިއްލައަށް ބޮޑުވެގެން އުޅުނަސް އަދި އުމުރުން ތީ އެހާ ދޮށީ މީހެއްނޫނޭ"

ސުހައްތަގެ ވާހަކަތަކަށް އަހަރެން ހީނލީމެވެ. ހަފްތާއަކަށް ސުހައްތަމެން ފުރައިގެން ދާއިރު އެއްހަފުތާއަކީ ގިނަ ދުވަހެއް ނޫންކަމުގައި އަހަރެން ބުނީމެވެ. ހީނުކުރާހާ އަވަހަށް ދުވަސްތައް ހިނގައިދާނޭކަން ސުހައްތައަށް ވިސްނައިދޭން އަހަރެން އުޅުނީމެވެ.

ސުހައްތަ ގޮވައިގެން ސިޓިންރޫމުން ނުކުތް އިރު ޖައުބެއާއި ހައިކަލް ދޮރޯށިން ވަދެގެން އާދެއެވެ. އަހަރެންގެ ގާތުގައި ޖައުބެ މަޑުކޮށްލުމާއެކު ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. އަދި ސަލާމްކުރަމުން ބަލައިގެން އުޅުމަށް ނަޞޭޙަތްތެރިވިއެވެ. ބޭރަށް ދާއިރުއާއި ނިދަން ދިއުމުގެ ކުރީން ގޭގެ ދޮރުތައް ރަނގަޅަށް ތަޅުލުމަށް ހަނދާންކޮށްދިނެވެ.

ޖައުން: "ތި ދެ މީހުން ވެސް ތިހެން އުޅޭއިރު ގެއަށް ވަދެލާ ހަދައްޗޭ. މިންނު އެކަންޏެއްނު އުޅޭނީ"

ހައިކަލް: "ޖައުން ހާސްނުވެބަލަ! މިންނު އެކަންޏެއް ނުވާނެއޭ.... ދޯ"

އަހަރެންގެ ގާތުގައި ހުރި އަޒާނަށް ބަލާލަމުން ހައިކަލް ދޯ ދިނެވެ. އޭނާ ވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ. ވިއްސާރައިގެ ކުލަވަރު އުދަރެހުން ފާޅުވަމުންދިޔައިރު އިންޒާރުގެ ވައިރޯޅިތައް ބާރުވާން ފެށިއެވެ. ހައިކަލް އަވަސްވެލީ ޖައުބެއާއި ސުހައްތަ ގޮވައިގެން އެއަރޕޯޓަށް ފުރާ ދިމާއަށް ގެންގޮސްދޭށެވެ. ދޮރޯށިން ނުކުމެ ކާރަށް އަރާން ދިއުމުގެ ކުރީން ފަހުފަހަރަށް ކަމަށް ސުހައްތަ އަހަރެންގެ ގައިގާ ބައްދާލިއެވެ. އަޒާން ގެއަށް ގެނައެއް ކަމަކު ސަމާލުވުމަށް އަހަންނަށް ބުންޏެވެ. އެ ބުނީ ކީކޭކަން އަހަންނަށް އެނގުނެވެ. ބޭއިޚްތިޔާރުގައި ހީނލެވުނީ އެހެންވެއެވެ. އަޒާންއާއެކު ދޮރޯށި ދޮށުގައި ހުއްޓާ ހައިކަލްގެ ކާރަށް އެ މީހުން އެރުމުން ދުއްވާލީއެވެ.

އަހަރެން ކޮންމެ ވާހަކައެއް ދެއްކިކަމުގައި ވިޔަސް އެ ބޮޑުގޭގައި އަހަރެން އެކަނިވިއެވެ. މި ނޫނީ އަދި ދުވަހަކުވެސް އަހަރެން އެކަނި ގޭގައި ނުހުންނަމެވެ. ގޭތެރޭގެ ފަޅުކަން ކުއްލިއަކަށް އަހަންނަށް އިހްސާސް ކުރެވިގެންދިޔައެވެ. އަޒާންއާ ވާހަކަދައްކަން ސިޓިންރޫމު ސޯފާގައި އިން އިރު، ހަފްތާއަކަށް އަހަރެންގެ ގެއަށް އޭނާ ބަދަލުވުމަށް ޚިޔާލުދިނީމެވެ.

އަޒާން: "މިންނު އެކަނި ހުންނަން ނުކެރިގެން ދޯ ތިހެން ތި ބުނަނީ... އައި ނޯ... އެހެންވިޔަސް އަހަރެން މިގެއަށް ބަދަލުވުމަކީ އެހާ ރަނގަޅު ޚިޔާލެއްހެން ހިޔެއްނުވޭ. އަސްލު އަހަންނަށް.... އަހަންނަށް އެހެން އުޅޭކަށް ނުކެރޭނެ. އަހަރުމެން ދެ މީހުން އެކަނި ގެއެއްގެ ތެރޭގައި އުޅެނިކޮށް ދިމާވެދާނެ އެތައްކަމެއް ހުންނާނެ. މިންނުއަށް އެނގެއެއްނު އަހަރެން ބުނަން މިއުޅެނީ ކީކޭކަން... ގަސްދުގައި ނޫނަސް އެކަހަލަ ކަމެއް އަހަރުމެން ދެ މީހުންގެ ދެމެދުގައި ހިނގައިފާނެ. އަހަންނަށް އެނގޭ މިންނުއާއެކު އެކަހެރިކޮށް އުޅޭން ލިބިއްޖެއްޔާ މަށަށް ވެސް އަމިއްލަ އިހުސާސްތައް ނުހިފެއްޓޭނެކަން. އަހަރެން ވަރަށް ލޯބިވޭ މިންނުދެކެ. މެރީ ކުރުމުގެ ކުރީން އެކަހަލަ ކަމެއް ހިނގާކަށް ފުރުޞަތުދީގެން ނުވާނެއެއްނު ދޯ. މިންނު އަންޑަސްޓޭންޓް ވޭތަ؟"

އަޒާންގެ ވާހަކަތަކަށް އަހަރެން ހިނިތުންވެލައިގެން އިނދެ ބޯޖަހާލީމެވެ. އަހަންނަށްވުރެ އަޒާން ތިން އަހަރު ދޮށްޓެވެ. އަހަންނަށްވުރެ ބޮޑަށް ދުނިޔެއަށް އޭނާ ލޯ ހުޅުވިފައި ވެއެވެ. އެފަދަ މަތިވެރި ލޯތްބަކާއި ޤަދަރެއް އޭނާ އަހަންނަށް ކުރާކަން އެނގި އިންތިހާއަށް އުފާވިއެވެ. އަހަރެން އޭނާއަށް ފުރުޞަތު ހުޅުވާލިއިރު އެ ހުޅުވާލެވުނީ ކިހާ ވަރެއްގެ ފުރުޞަތެއްކަން ހަޤީޤަތުގައި ނޭނގެއެވެ. ނަމަވެސް އަޒާންގެ ހަރުދަނާ ވާހަކަތަކުން އޭނާ އެ މަނާވެގަތް މަނާވެގަތުން އަހަންނަށް ކަމެއް އަންގައިދީފިއެވެ.

އަޒާން: "ޔޫ ޖަސްޓް ޑޯންޓް ވޮރީ. ޖައުބެ އެދުނުހެން މިންނުގެ ހާލު އަހަރެން ބާރާބަރަށް ބަލާނަން. މުޅި ދުވަސް މިގޭގައި ދުއްވާލެވޭކަށް ނޯންނާނެ... މަންމަމެން ވަރަށް ސުވާލު ގިނަވާނެ"

ލޯތްބާއެކު އަޒާން އަހަރެންގެ ކޯތާފަތުގައި ފިރުމާލިއެވެ. ހަމަ އެ ހަރަކާތާއެކު އަހަރެންގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. އޭރު ބާރުވާން ފެށި ވައިރޯޅިތަކާ ހެދި ސިޓިންރޫމުގައި ހުޅުވާފައި ހުރި ކުޑަދޮރެއްގެ ދޮރުފަތުން އެ ހެލިލާ އިރު ތޫލި އަޑެއް އިވެމުންދިޔައެވެ. ދެންމެ ދެންމެ ވާރޭ ވެހިގަނެދާނޭހެން ހީވެއެވެ. އެ ކުޑަދޮރުގެ ސަބަބުން އަޒާނަށް އުނދަގޫވިއެވެ. އެހެން ތެދުވެގެން ދިޔައީ އެ ދޮރުފަތް ލައްޕާލާށެވެ. ހައިކަލް އައިސް ވަނީ އެ ވަގުތުއެވެ. އަހަންނާއި އަޒާނަށް ގޮވާލަމުން އޭނާ ގޮސް އިށީނީ ސޯފާގައެވެ.

އަޒާނާއި ހައިކަލް ވަރަށް ދަންވަންދެން އެރޭ މަޑުކުރިއެވެ. އެ މީހުން ނުކުމެގެން ދިޔައީ ދަންވަރު ދޭއް ޖަހަނިކޮށެވެ. ދެ މީހުން ނުކުމެގެން ދިޔައީ އެކީގައެވެ. އެމީހުން ދިއުމުން އަހަރެން ވެސް އައީ ކޮޓަރިއަށެވެ. އާދައިގެ މަތިން ފެންވަރާލައިގެން ނޫނީ ނިދަން ނޯށޯންނާތީ ފުރަތަމަ ވެސް ވަނީ ފާޚާނާއަށެވެ. ފެންވަރާލައިގެން ނުކުމެ ނިދަން ތައްޔާރުވީމެވެ. ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން އިހުސާސް ކުރެވުނީ އެނދުގައި އޮށޯވެލުމުންނެވެ. އޭރު ފަޒާގައި ދައުރުވަމުންދިޔަ ބާރު ވައިރޯޅީތަކުގެ ޒޫންއަޑު އިވިއިވި ހުއްޓެވެ. ފުރާޅުމަތިން ވަޔާއެކުވެ އެނބުރެމުންދާ ކުނިތަކުގެ އަޑު ވެސް އަހަންނަށް ވީ ނާނާ އަކަށެވެ. ދެ ލޮލަށް ބަރުވެ ނިދޭކަށް ގިނައިރެއް ނުވިއެވެ.

ކޮޓަރީގެ ދޮރާ ކުރިމަތި ވާނޭހެން ފާރުގައި ޖައްސާފައި ހުރި އަހަރެންގެ އެނދުގައި އޮތީ ފުން ނިދީގައެވެ. ނަމަވެސް އެ އަރާމު ނިދިން ހަރަކާތެއް ގެނުވީ އަރިއަކަށް އޮތްއިރު އަހަރެންގެ ކަނާތު ކުޑަހުޅުން މައްޗަށް ވާގޮތަށް ދިރޭ އެއްޗެއް އަރާހެން ހީވެގެންނެވެ. ނިދިޖެހުނު ތަނާހެން ހީވި ހީވުމަކަށް ވީތީ ލޯހުޅުވާލަކަށް ބޭނުމެއްނުވިއެވެ. ދެވަނަ ފަހަރަށް ފައިގެ ކަކުލުން ފެށިގެން ފަލަމަސްގަނޑާ ދިމާއަށް އެއްޗެއް އަރާހެން ހީވިއެވެ. އެހިނދު ސިހިފައި ކަނާއަތުން ފަލަމަސްގަނޑާ ދިމާ ފޮޅާލެވުނީ ނިކަން އަވަހަށެވެ. އެވަގުތު ކުއްލިއަކަށް މީހަކު އަހަރެންގެ އަތުގެ ހިފުމާއެކު އެހާ އަވަހަށށް ދޫކޮށްލައިފިއެވެ. މުޅި ކޮޓަރިއަށް އޮތީ ކަނު އަނދިރިކަން ވެރިވެފައެވެ. ދެ ލޯ ހުޅުވާލި ވަގުތު ތަނެއް ދޮރެއް ވަތްކެއް ނުވިއެވެ. ގައިމަތީ އަޅަން ގެންގުޅުނު ބެޑުޝީޓުގަނޑުގައި ހިފަހައްޓާލައިގެން ފުންމައިގެން ތެދުވެ ކައްޓެއްހެން އެނދުގެ މަގަތުގައި އިށީނދެވުނެވެ. އަހަރެން ނިދި އިރު ކޮޓަރިތެރޭގައި ދިއްލާފައި ހުރި ފަސްވޯޓުގެ ފެހި އައްޔެއް މިހާރަކުނެތެވެ. ވެރިވެފައި އޮތް އަނދިރިކަމުގެ ތެރެއަށް އަހަރެންގެ ލޯ ހޭނެން ކުޑަވަގުތުކޮޅެއް ނެގިއެވެ. އަހަރެންގެ ކުރިމަތީ އިސްކޮޅުން ދިގު ބިޔަ މީހެއްގގެ ހިޔަނި ސިފަވެގެން ދިޔައެވެ. ނަމަވެސް އެއީ ހިޔަންޏެއް ނޫންކަން އަހަންނަށް އެނގެއެވެ. (ނުނިމޭ)