ދުނިޔެ

ސައުދީން ފުރަތަމަ ފަހަރަށް ޓޫރިސްޓް ވިސާ ދޫކުރަނީ

އުފެދުނީއްސުރެ ވެސް ތެލުގެ ވިޔަފާރިއަށް ބަރޯސާވެފައި އޮތް ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް ޓޫރިސްޓް ވިސާ ދޫކުރަން ތައްޔާރުވެއްޖެ އެވެ.

އަލް ވަތަން ނޫހާ ހަވާލާދީ "އަރަބް ނިއުސް"އިން ބުނީ ޓޫރިސްޓް ވިސާ ފުރަތަމަ ދޫކުރާނީ ހުއްދަ ދީފައިވާ ޓުއާ އޮޕަރޭޓަރުންނާ ގުޅިގެން އެގައުމަށް ދަތުރުކުރާ މީހުންނަށް ކަމަށެވެ.

ނަމަވެސް ވިސާ ދޫކުރަން ފަށާނެ ތާރީހަކާއި އެނޫން ވެސް ތަފުސީލުތައް އެނޫހުގެ ހަބަރުގައި ހާމަކޮށްފައެއް ނުވެއެވެ.

ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލްގެ މެމްބަރު އަދި ތަބޫކު ޓޫރިޒަމް ޑިވެލޮޕްމެންޓް ކައުންސިލްގެ މެމްބަރު ޖަމާލް އަލް ފަޚުރީ އަލް ވަތަން ނޫހަށް ވިދާޅުވެފައިވަނީ ޓޫރިސްޓް ވިސާ ދޫކުރަން ފެށުމުން ތަބޫކުގެ ޓޫރިޒަމް ކުރިއަރައި، އެ ސަރަހައްދު މަގުބޫލު މަންޒިލަކަށް ވެގެން ދާނެ ކަމަށެވެ. ސައުދީގައި ގާއިމްކޮށްފައިވާ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުން ޓޫރިޒަމް ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

" ސައުދީ ކޮމިޝަން ފޯ ޓޫރިޒަމް އެންޑް ނެޝަނަލް ހެރިޓޭޖް ( އެސްސީޓީއެޗް) އިން ކަނޑައަޅާ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ޓުއަ ގައިޑުންގެ ގޮތުގައި މަސައްކަތްކުރާނެ ، ގިނަ ބަސްތައް އެނގޭ ގާބިލު މީހުން އެބަތިބި،" ފަޚުރީއާ ހަވާލާދީ ނޫހުގައި ވެއެވެ.

ސައުދީ އަރަބިއްޔާއިން ތެލަށް ބަރޯސާކުރާ މިންވަރު ކުޑަކުރަން އެގައުމުން ވަނީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް އިއުލާނުކޮށްފައެވެ.