ދުނިޔެ

އޮބާމާ ދެން ފެންނާނީ ކޯޓުން

އެމެރިކާގެ ރައީސްކަމުގެ މަގާމުން އެންމެ ފަހުން ވަކިވެވަޑައިގެންނެވި ބަރަކް އޮބާމާ އެގައުމުގެ ކޯޓެއްގައި ޖޫރީއެއްގެ މަގާމު އަދާކުރައްވަން އެކޯޓުގެ ފަނޑިޔާރުން ހުށަހެޅުއްވުމުން އޭނާ އެކަން ގަބޫލުކުރައްވައިފި އެވެ.

ޝިކާގޯ ޓްރައިބިއުން ނޫހުން ބުނީ ކުކް ކައުންޓީ ކޯޓުގައި ޖޫރީއެއްގެ މަގާމު އަދާކުރައްވަން އޮބާމާ ފަށްޓަވާނީ އަންނަ ނޮވެމްބަރުމަހު ކަމަށެވެ. ކުކްކައުންޓީ ކޯޓުގެ އިސް ފަނޑިޔާރު ޓިމް އިވާންސް އެ ނޫހަށް ވިދާޅުވެފައި ވަނީ އޮބާމާ އެކޯޓުގައި މަސައްކަތްކުރެއްވުމަށްޓަކައި އޭނާގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކައި ކޯޓަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

" މަންދޫބަކު މެދުވެރިކުރައްވައި އޭނާ ވަރަށް ސާފުކޮށް އަޅުގަނޑަށް ވިދާޅުވި، މި މުޖުތަމައުގެ ފަރުދެއްގެ ހައިސިއްޔަތުންނާއި ރައްޔިތެއްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ އަދާކުރައްވާނެ ކަމަށް،" އިވާން ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގެ އިތުރުން ޝިކާގޯގައި ވެސް އޮބާމާގެ ގެކޮޅެއް ހުރެ އެވެ. އުމުރުފުޅުން 56 އަހަރުގެ އޮބާމާ މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ވެސް ޖޫރީކަން ކުރައްވާނެ އެވެ.

ބަރަކް އޮބާމާ ތައުލީމު ހާސިލުކުރެއްވީ ހަވަޑް ލޯ ސްކޫލުންނެވެ. އަދި އެމެރިކާ ޕާލަމަންޓުގެ މަތިގެ، 'ސެނެޓް' އަށް އިންތިހާބު ވުމުގެ ކުރިން ޝިކާގޯގައި ޔުނިވާސިޓީ އޮފް ޝިކާގޯގެ ލޯ ސްކޫލުގައި ލެކްޗަރާއެއްގެ މަގާމު 12 އަހަރުވަަންދެން އަދާ ކުރެއްވި އެވެ.

އޮބާމާގެ ކުރިން ރައީސްކަން ކުރެއްވި ޖޯޖް ޑަބްލިއު ބުޝް އާއި ބިލްކްލިންޓަން ވެސް ކުރިން ޖޫރީންގެ މަގާމު އަދާކުރެއްވި އެވެ.