ކުޅިވަރު

ޒާޒާ ރެކޯޑަކާ ކައިރިއަށް، ބާސާ ލީޑް ދަމަހައްޓައިފި

Oct 29, 2017

ޖެހިޖެހިގެން ހަ މެޗުގައި، ސިމޯނޭ ޒާޒާ ވެލެންސިއާ އަށް ލަޑު ޖަހައި އެ ޓީމުގައި ލަނޑު ޖެހުމުގެ ރެކޯޑަކާ ކައިރިއަށް އޭނާ ޖެހިލައިފި އެވެ. ޑިޕޯޓިވޯ އަލަވޭސް އާ ދެކޮޅަށް 2-1 ގެ ނަތީޖާ އަކުން ވެލެންސިއާ މޮޅުވި މެޗުގައި، އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޒާޒާ އެވެ.

މިހާރު ޒާޒާ ވަނީ ކާލޯސް ލޯބޯ 1976/77 ގެ ސީޒަންގައި ލަނޑު ޖެހުމުގެ ރޭޓާ އެއްވަރު ކޮށްފަ އެވެ. ލޯބޯ ވެސް ވަނި އެ ސީޒަންގައި ވެލެންސިއާގައި ޖެހިޖެހިގެން ހަ މެޗުގައި ލަނޑު ޖަހާފަ އެވެ. ނަމަވެސް އެއަށްވުރެ އިތުރަށް އެއް މެޗުގައި ލަނޑު ޖަހައިގެން ވެލެންސިއާގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑް އޮތީ، އެޑްމުންޑޯ ސުއަރޭޒް (މުންޑޯ) އަތުގަ އެވެ.

މުންޑޯ ވަނީ 1943/44 ސީޒަންގައި ވެލެންސިއާ އަށް ޖެހިޖެހިގެން ހަތް މެޗުގައި ލަނޑު ޖަހާފަ އެވެ. ލެގަނޭޒް އާ ދެކޮޅަށް އަންނަ ހަފުތާގައި ކުޅޭ މެޗުގައި ލަނޑު ޖަހައިގެން، ޒާޒާ އަށް އެ ރެކޯޑާ އަރާ ހަމަ ކުރެވޭނެ އެވެ.

ރޭ ގެ މެޗުގައި ވެލެންސިއާގެ ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ރޮޑްރިގޯ އެވެ. އަލަވޭސްގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ، އެލެކްސިސް އެވެ. މި މެޗުން މޮޅުވެ، ވެލެންސިއާ ވަނީ، ދެ ވަނައިގައި އެ ޓީމުން ދަމަހައްޓަމުން އަންނަ ލީޑް ދަމަހައްޓާފަ އެވެ.

އެއް ވަނައިގައި އޮތް ބާސެލޯނާ ވަނީ، އެ ޓީމުގެ ކޯޗް އެރުނަސްޓޭ ވަލްވަރުޑޭގެ ކުރީގެ ޓީމު އެތުލެޓިކް ކުލަބާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށް އެއް ވަނައިގައި އެ ޓީމުން ދަމަހައްޓަމުން އަންނަ ލީޑް ދަމަހައްޓާފަ އެވެ.

ބާސާގެ ލަނޑުތައް ކާމިޔާބު ކުރީ ލިއޮނަލް މެސީ އާއި ޕައުލީނިއޯ އެވެ. ބާސާ އެއް ވަނައިގައި އޮތީ 28 ޕޮއިންޓް ހޯދައިގެން ނެވެ. ވެލެންސިއާ އަށް ލިބިފައި ވަނީ 24 ޕޮއިންޓެވެ. އެތުލެޓިކޯ މެޑްރިޑް ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެން ނެވެ.

ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް، މިރޭ ޖިރޯނާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ބާސާއާ ފަސް ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެ އެވެ.