ދުނިޔެ

ފަލަސްތީނު މީހުން ޒައިތޫނި ބިނުމަަށް އިޒްރޭލުން ހުރަސް އަޅައިފި

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައިވާ އައް ސަވިއްޔާ ނަމަކަށް ކިޔާ ރަށުގައިވާ ޒައިތޫނި ދަނޑުތަކުން އެ ގަސްތަކުގެ ވެރިން ޒައިތޫނި ބިންނަން އުޅުމުން އިޒްރޭލު ސިފައިން އެކަމަށް ހުރަސް އަޅައި އެމީހުންނަށް އަނިޔާކޮށްފިއެވެ.

ޕެލަސްޓީނިއަން އިންފޮމޭަޝަން ސެންޓަރުން ބުނީ ޒައިތޫނި ދަނޑުތަކަށް އިޒްރޭލު ސިފައިން ވަދެގަތީ އެ ދަނޑުތަކުގެ ވެރިންނަށް އެހީތެރިވުމުގެ ގޮތުން އެކްޓިވިސްޓުންގެ ބަޔަކުވެސް މަސައްކަތުގައި ތިއްބައި ކަމަށެވެ. ހޮނި ހިރު ދުވަހު އިޒްރޭލު ސިފައިން ހިންގި އެ ޖަރީމާގައި ދަނޑުވެރިންނަށާއި އެކްޓިވިސްޓުންނަށް ބޮޑެތި އަނިޔާތައް ކޮށް، އެމީހުން ގެންގުޅު ތަކެތި ވެސް އަތުލި ކަމަށް އެ ސެންޓަރުން ބުންޏެވެ.

ހާދިސާގައި އެކްޓިވިސްޓުންނާއި ދަނޑުވެރިންގެ ތެރެއިން އެތައް ބަޔަކު ޒަހަމްވިއެވެ.

ފަލަސްތީނު މީހުންގެ ޒައިތޫނި ދަނޑުތަކުން އެމީހުން ޒައިތޫނު ބިނުމަށް މީގެ ކުރިން ހުރަސް އަޅަމުން ގޮސްފައި ވަނީ ފަލަސްތީނުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް ވަޒަންވެރިކުރުވާފައިވާ ޔަހޫދީ ވަޒަންވެރިންނެވެ. ނަމަވެސް މިފަހަރު އެކަމުގައި އިޒްރޭލު ސިފައިން ބައިވެރިވީ ޒައިތޫނި ބިނުމުގައި އެކްޓިވިސްޓުން ބައިވެރިވުމުން ކަމަށް ބެލެވެއެވެ.

ފަލަސްތީނު މީހުންގެ ޒައިތޫނު ދަނޑުތަކަށް ޔަހޫދީ ވަޒަންވެރިން ގެއްލުންް ދިނުމަކީ ވެސް އާއްމުކޮށް ހިންގާ ޖަރީމާއެކެވެ. އެގޮތުން މިއަހަރުގެ ޒައިތޫނު މޫސުމުގައި ވެސް އެތައް ދަނޑެއްގައި ޔަހޫދީން ހުޅުޖެހީ ޒައިތޫނިތައް ބިންނަންވެފައި ހުއްޓައެވެ. ޔަހޫދީން ދަނޑުތަކަށް ވަންނަ ކޮންމެ ފަހަރަކު އެތައް ގަހެއް ކަނޑައި އަލިފާން ރޯކޮށް ހަދާ އިރު ޒައިތޫންޏަކީ ހެދި ބޮޑުވެ ފޯދުމަަށް ގިނަ އަހަރުތަކެއް ހޭދަވާ އެއްޗެކެވެ. ބައެއް ވައްތަރުގެ ޒައިތޫނި ގަސްތައް ހެދި ބޮޑުވުމަށް 100 ވަރަކަށް އަހަރު ހޭދަވެއެވެ.