މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މެރީނިޔޯ އޭނާގެ ފާޑުކިޔުންތެރިން ހަމަޖެހިގެން ތިބުމަށް ބުނެފިއެވެ. 0-1 ޓޮޓެންހަމް ބަލިކުރުމަށްފަހު މޮރިނިޔޯ ވަނީ ކެމެރާއާއި ދިމާލަށް އަޑުމަޑުކުރުމަށް އިޝާރަތްކޮށްފައެވެ. މެޗަށްފަހު މޮރީނިޔޯއާއި ސުވާލުކުރުމުން އޭނާ ބުނީ ބައެއް މީހުން މާގިނައިން ވާހަކަ ދައްކަނީ ކަމަށެވެ.
ޔުނައިޓެޑުން ލިވަޕޫލް އަދި ބެންފީކާ އާއި ދެކޮޅަށް ކުޅުނު މެޗު ތަކުގައި މޮރީނިޔޯ ގެންގުޅުނު ޑިފެންސިވް ކުޅުމަށް ގިނަ ބަޔަކުވަނީ ފާޑުކިޔާފައެވެ. ހަޑަލްސްފީލްޑް ޓައުން އަތުން ޔުނައިޓެޑު ބަލިވުމަށްފަހު ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ބެލެވޭގޮތުގައި މިއީ މޮރީނިޔޯ އޭނާގެ ފާޑުކިޔުންތެރިންނަށް ދީފައިވާ ރައްދެކެވެ.
މެޗު 70 ވަނަ މިނިޓުގައި މާކަސް ރާޝްފޯޑްގެ ބަދަލުގައި އެންތަނީ މާޝިޔާލް އެރުވުމުން ގިނަ ސަޕޯޓަރުންވަނީ އެބަދަލާއި ދޭތެރޭ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް މިބަދަލު ވެގެންދިޔައީ ވަރަށްވެސް ރަނގަޅު ބަދަލަކަށެވެ. 81 ވަނަ މިނިޓުގައި މާޝިޔާލް ވަނީ މެޗުގެ ހަމައެކަނި ގޯލް ޖަހައިދީ ތިން ޕޮއިންޓު ޔުނައިޓެޑަށް ހޯދަދީފަ އެވެ.
އިތުރަށް ވާހަކަ ދައްކަމުން މޮރީނިޔޯ ބުނީ މެޗުން ޔުނައިޓެޑު އެއްވަރުވިނަމަވެސް އޭނާ ކުޅުންތެރިން މެޗުގައި ކުރި މަސައްކަތާއި މެދު ފަހުރުވެރި ވާނެކަމަށެވެ. މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު މޮޅު ވުމުގެ ރޫހަށްވެސް މޮރީނިޔޯ ވަނީ މަރުހަބާ ކިޔާފަ އެވެ.
މެޗުގައި ހެރީ ކޭން އަނިޔާގެ ސަބަބުން ނުކުޅުމުން ޓޮޓެންހަމްއަށް ވަނީ ގިނަ ދަތިތަކަކާ ދިމާވެފައެވެ. އެޓީމުން އުފައްދާ ހަމަލާތަށް ނިންމާލުމުގައިވެސް ޓޮޓެންހަމްއަށް ވަނީ ގިނަ ދަތިތަކަކާ ދިމާވެފައެވެ. މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މީގެކުރިން ޓޮޓެންހަމްއަށް "ހެރީކޭން ޓީމް" ގެގޮތުގައި ނިސްބަތް ކޮށްފައެވެ. ސަބަބަކީ ޓޮޓެންހަމްއިން ކޭންއަށް ބަރޯސާވެގެން ކުޅެތީކަމަށް އިންގިރޭސި މީޑިޔާ ތަކުންވަނީ ބުނެފަ އެވެ.