ދުނިޔެ

ހީތުރޯ އެއާޕޯޓުގެ ސަލާމަތީ ތަފުސީލުތައް މަގުމަތީ އޮތް ޔޫއެސްބީއެއްގައި

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައިވާ ހީތުރޯ އެއާޕޯޓުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ތަފުސީލުތައް އަޅާފައިވާ ޔޫއެސްބީ ސްޓިކެއް މީހަކަށް މަގުމަތިން ހޮވިގެން، އެ އެއާޕޯޓުގައި އެތެރޭގެ ބޮޑު ތަހުގީގެއް ފަށައިފިއެވެ.

މަގުމަތިން ހޮވުމަށް ފަހު ސަންޑޭ މިރާ ނޫހަށް ދިން ޔޫއެެސްބީގައި 76 ފޯލްޑާ ހުރި އިރު އޭގައި ޗާޓުތަކާއި ވީޑިއޯތަކާއި ލިޔެކިއުންތައް ހުރި އިރު އެ ޔޫއެސްބީ އޮތީ ޕާސްވޯޑެއް ވެސް ނުޖަހައި ކޮންމެ މީހަކަށް ވެސް ބޭނުންކުރެވޭ ގޮތަށް ކަމަށް އެނޫހުން ބުންޏެވެ.

ޔޫއެސްބީ ފެނުނު މީހާއަށް އޭގައި ހީތުރޯ އެއާޕޯޓުގެ ތަފުސީލުތައް ހުރިކަން އެނގުނީ ލައިބްރަރީއެއްގައިވާ ކޮމްޕިއުޓަރަކަށް ޖެހުމުންނެވެ. އޭގައި ހުރި ތަފުސީލުތަކުގެ ތެރޭގައި އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އެއާޕޯޓަށް ވަޑައިގެން އުޅުއްވާއިރު ވަޑައިގަންނަވާނެ މަގުތަކާއި އެކަމަނާގެ ސަލާމަތީ ކަންތައްތައް ބަލަހައްްޓާ ގޮތުގެ ތަފުސީލުތައް ވެސް ހިމެނެއެވެ. އަދި މިނިސްޓަރުން ވަޑައިގެންނެވުމުން ސަލާމަތީ ކަންތައްތައް ބަލަހައްޓާނެ ގޮތުގެ ތަފުސީލުވެސް އޭގައި ހުރި ކަމަށް ނޫހުން ބުންޏެވެ.

އަދި ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެެން ސަލާމަތީ ކަންތައްތައް ބެލެހެއްޓި އިރު ޕެޓްރޯލް ކުރުމަށް ހަދާފައިވާ ޓައިމް ޓޭބަލާއި އެއާޕޯޓުގައިވާ ސީސީޓީވީ ކެމެރާތައް ހުންނާނެ ތަންތަނާއި ރާޑަރު ސިސްޓަމްތައް މަސައްކަތް ކުރާ ގޮތުގެ ތަފުސީލުތައް ވެސް ހުއްޓެވެ.

އެ މައްސަލަ އިނގިރޭސި ފުލުހުން މިހާރު އެ މައްސަލަ ބަލަން ފަށާފައި ވާއިރު އެއާޕޯޓުގެ އިދާރާއިން ބުނެފައިި ވަނީ އަޅަން ޖެހޭ ފިޔަވަޅުތަސއް އަޅާފައިވާ ކަމަށާއި ރައްކާތެރިކަމާ މެދު ކަންބޮޑުވުމެއް ނެތް ކަމަށެވެ.