ކުޅިވަރު

އަލަށް ޕްރަމޯޓްވި ޖިރޯނާއިން ރެއާލް ބަލި ކޮށްފި

Oct 29, 2017
1

ސްޕެނިޝް ލީގްގައި މުޅިން އަލަށް ވާދަ ކުރާ ޖިރޯނާއިން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލި ކޮށްފި އެވެ. ރެއާލުން ލީޑް ނަގަފައި ވަނިކޮށް، ދެ ވަނަ ހާފުގެ ކުރީ ކޮޅު ދެ ލަނޑު ކާމިޔާބުކޮށް ޖިރޯނާއިން މެޗު ކާމިޔާބު ކުރީ 2-1 ން ނެވެ.

ރެއާލުން، މެޗުގެ ލިޑް ނެގުމުގެ ކުރިންވެސް، އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ޖިރޯނާއިން، ރެއާލްގެ ގޯލައާ އަމާޒުކޮށް ނުރައްކާތެރި ބޯޅަ އެއް ފޮނުވާލި އެވެ.

ރެއާލްގެ ލަނޑު 12 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިސްކޯ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން ރޮނާލްޑޯ ފޮނުވާލި ހަމަލާ ޖިރޯނާގެ ކީޕަރު ޔާސީން ބޫނޫ ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ގޯލް ކުރިމަތީގައި ހުރި އިސްކޯ ވަނީ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

ޖިރޯނާއިން، މެޗުގެ ނަތީޖާ ހަމަހަމަ ކުރީ، ކްރިސްޓިއަން ސްޓާނީ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 54 ވަނަ މިނެޓްގަ އެވެ. ރެއާލްގެ ޑިފެންޑަރުން އޭނާ އަށް ހުރަސް އެޅުމުގެ ގޮތުން އޭނާ ހުއްޓުވަން އުޅުނު ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ބޯޅަ ފޮނުވާލީ ރެއާލްގެ ޑިފެންޑަރުންގެ ތެރެއިން ދެމިގަތުމަށް ފަހު އެވެ.

އޭގެ ހަތަރު މިނެޓް ފަހުން، ޖިރޯނާއިން ލީޑް ނެގީ، ޕޯޓޫ އެވެ. އެ ޓީމުން އުފެއްދި ހަމަލާއެއް ރީބައުންސް ވުމުން ބޭރަށް ނިކުތް ބޯޅަ އޭރިއާ ތެރޭގައި ހުރެފައި ޕެބެލޯ މެފެއޯ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ޕޯޓޫ ގޯލް ތެރެއަށް ފޮނުވާލީ ފުންނާބުން ޓަޗް ކޮށްލުމަށްފަހު އެވެ. ޕޯޓް ގޯލް ކުރިމައްޗަށް ނިކުތީ ރެއާލްގެ ގޯލް ތެރޭގައި ހުރެފަ އެވެ. އެހެންވެ އޭނާ އޮފްސައިޑް ޕޮޒިޝަނަކުން އެނބުރި ކުޅުމުގެ ތެރެއަށް އައީ ކަމަށް ބުނެ އެ ލަނޑާ މެދު ސުވާލު އުފެދުނެވެ.

"އެ ގޯލަކީ ހިމަނައިގެން ނުވާނެ އެއީ ފުންނާބުން ބޯޅައިގައި ޓަޗް ކުރި ކުޅުންތެރިޔާ ހުރީ އޮފްސައިޑްގައި،" ސްޕެއިންގެ ކުރީގެ ރެފްރީ އެއްކަމަށްވާ އެންޑްހާރ އޮލިވާ ބުންޏެވެ. އެއީ މެޗުގެ ރެފްރީ ހެނާންޑޭޒްގެ އެސިސްޓެންޓަށް ހެދުނު މިސްޓޭކެއް އޭނާ އަށް އެ ހާލަތު ނުފެނުން."

މެޗުން މޮޅު ނުވެވުމުން، ރެއާލް އޮންނަން ޖެހޭނީ، ވާދަ ވެރި ބާސެލޯނާ އަށް ވުރެ އަށް ޕޮއިންޓް ފަހަތުގައެވެ. ބާސާ އެއް ވަނައިގައި އޮތީ 28 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައި ވަނީ، 24 ޕޮއިންޓެވެ. ރެއާލް އަށް ތިން ވަނައިގައި 20 ޕޮއިންޓެވެ.