ވިޔަފާރި

އާ ފަރުމާއަކަށް ސޮނޭވާ އިން ރާއްޖޭގައި ދެ ރިސޯޓު ހުޅުވަނީ

"ސޮނޭވާ ޖާނީ" ގެ ނަމުގައި މުޅިންއާ ރިސޯޓެއް ހުޅުވައި، ދުނިޔޭގެ ސަމާލުކަން ހޯދުމަށްފަހު، އަނެއްކާވެސް ރާއްޖޭގައި ތަފާތު ކޮންސެޕްޓާއެކު، އިތުރު ދެ ރިސޯޓު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ސޮނެވާ ރިސޯޓްތަކުގެ ބާނީ، ސޯނޫ ޝިވްދަސާނީ ވިދާޅުވެއްޖެ އެވެ.

"އަވަސް" އާއި "ނިއު ޔޯކް ޓައިމްސް" ގުޅިގެން ނެރޭ "އައިލްސް" މެގަޒިންއަށް ދެއްވި ހާއްސާ އިންޓަވިއުއެއްގައި ސޯނޫ ވިދާޅުވީ ރާއްޖޭގައި އިތުރު ދެ ރިސޯޓެއް ހުޅުވަން ރާވާފައިވާ ކަމަށާ، އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ތަފާތު ކޮންސެޕްޓަރަކަށް ރިސޯޓު ހަދާނީ،" އިތުރު ތަފްސީދެއް ނުދެއްވައި، ވިދާޅުވި އެވެ.

ސޯނޫ އިތުރަށް ވިދާޅުވީ ދުނިޔެ އަށް އައު ތަޖުރިބާ ތަކާއި ހިޔާލުތައް ރާއްޖޭގައި ގާއިމު ކުރުމުގެ މުހިންމުކަން، މުހިންމު ކަމަށާ، މީގެ ސަބަބުން ރާއްޖެ ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރު ކުރަން ފަސޭހަވާނެ ކަމަށެވެ.

"މިސާލަކަށް ސޮނެވާ ޖާނީ އެކި ގޮތް ގޮތުން މުޅި ދުނިޔޭގެ ސަަމާލުކަން ހޯދައިފި. އޭގެ ސަބަބުން މުޅި ރާއްޖެއަށް އޭގެ ފައިދާ ކުރާނެ،" ސޯނޫ ވިދާޅުވި އެވެ.

މިސާލަކަށް ސޮނެވާ ޖާނީ އެކި ގޮތް ގޮތުން މުޅި ދުނިޔޭގެ ސަަމާލުކަން ހޯދައިފި. އޭގެ ސަބަބުން މުޅި ރާއްޖެއަށް އޭގެ ފައިދާ ކުރާނެ
ސޮނެވާ ރިސޯޓްތަކުގެ ބާނީ، ސޯނޫ ޝިވްދަސާނީ

އޭނާ ވިދާޅުވީ އާ ކޮންސެޕްޓަށް ރިސޯޓު ހެދުމުން މިހާރުގެ ވާދަވެރި މާކެޓުގައި އިޝްތިހާރު ކުރަން ފަސޭހަ ވެގެންދާ ކަމަށެވެ.

"ސަބަބަކީ ސޮނެވާ ޖާނީ ގައި މި ހުންނަނީ އެންމެ 25 ވިލާ. އެހެންވީމަ ސަރުކާރުން ވެސް ރަށްތައް ދޫކުރާއިރު، އާ ހިޔާލުތަކާއި ފަތުރުވެރިންނަށް އާ ތަޖުރިބާ އެއް ދޭން އަންނަ ފަރާތްތަކަށް އިސްކަން ދިނުން ވަރަށް މުހިންމު. ބޭރު މީޑިއާގެ ސަމާލުކަން ހޯދާ، ދުނިޔޭގައި އެވާހަކަ ދެކެވުމުން، މުޅި ރާއްޖޭއަށް އޭގެ ފައިދާ ކުރާނެ. އަންނަ ޓޫރިސްޓުން އިތުރުވާނެ،" ސޯނޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަފާތު ކޮންސެޕްޓަށް ރިސޯޓު ހެދުމުން، ސޯޝަލް މީޑިޔާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދާ ކަމަށެވެ.

"ސޮނޭވާ ޖާނީގެ ވީޑިއޯތަކަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވޭ. ބައެއް ވީޑިއޯތައް އެބައުޅޭ 10 މިލިއަން ހިޓްސް. ބައެއް ވީޑިއޯތަކުގެ ހިޓްސް އެބައުޅޭ 50 މިލިއަނުގައި. މިއީ ވަރަށް ބޮޑު ތަރުހީބެއް،" ރާއްޖޭއަށް ލަގްޒަރީ ޓޫރިޒަމް ތައާރަފްކުރެއްވި ސޯނޫ ވިދާޅުވި އެވެ.

އިންޑިޔާ އާއި އިނގިރޭސިވިލާތައް ނިސްބަތްވާ މަހުޖަނު ސޮނޫ އާއި އަންހެނުން އީވާ މީގެ 20 އަހަރު ކުރިން ރާއްޖޭގައި ފުރަތަމަ ހުޅުވާފައިވަނީ ބ. އަތޮޅު ސޮނޭވާ ފުއްޓެވެ. "ނޯ ނިއުސް، ނޯ ޝޫޒް" ގެ ސްލޯގަން އިން ދުނިޔޭގެ މަގުބޫލުކަން ހޯދި، ސޮނޭވާ ފުށްޓަކީ ކުރިން ރާއްޖޭގައި ހުރި ހަމައެކަނި ރެސިޑެންސް ވިލާތައް ވިއްކާ ގޮތަށް ހެދި ރިސޯޓެވެ. އޭގެ ފަހުން ނ. މެދުފަރުގައި ހުޅުވި ސޮނެވާ ޖާނީ ވަނީ ދުނިޔޭގެ މަގުބޫލުކަން ހޯދާފަ އެވެ. މި ރިސޯޓުގައި 25 ވިލާ ހުންނައިރު މި ތަނުގައި ހަދާފައިވާ ސިނަމާއަކީ ރާއްޖޭގެ ރިސޯޓެއް މިހާތަނަށް ހަދާފައިވާ ފުރަތަމަ ސައިލެންޓް ސިނަމާ އެވެ. މި ސިނަމާ ހުންނަނީ މޫދުގަ އެވެ.