މޯލްޑިވިއަން އައިޑޮލް

އިއްބެ އައިޑޮލްގެ ޖަޖުންގެ ޕެނަލުން ނުފެނުނީ މިހެންވެ!

Oct 30, 2017
7

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ފަށާ މުބާރާތުގެ ފޯރިގަނޑުގައި ހުރިހާ ދިވެހިން ކަހަލަ ގޮތަކަށް ޖެހުނު އިރު އެންމެ ގިނަ ބައެއްގެ ފާޑު ކިއުންތައް އަމާޒުވި އެއް ފަރާތަކީ ޖަޖިން ޕެނަލުގައި ހިމެނުނު ކުޅަދާނަ ލަވަ ކިޔުންތެރިޔާ އިބްރާހިމް އަލީ (ކުޑަ އިއްބެ) އެވެ. އޭގެ ކުރިން މުބާރާތުގެ އޮޑިޝަންތައް ދައްކަން ފެށި ހިސާބުން ކުޑަ އިއްބެއަށް ބެލުންތެރިންގެ ފާޑުކިއުންތަކާ ކުރިމަތިލާން ޖެހުނެވެ.

ބައެއް ކުދިން ގަސްތުގައި މުބާރާތުން "ކަޓުވާލަން" މަސައްކަތް ކޮށް އަނެއްބައި ކުދިންނަށް ލަވަ ނުކިޔުނަސް މުބާރާތުގައި ބަހައްޓަން އޭނާ ގަދައަޅާ މަސައްކަތް ކުރި ކަމުގެ ތުހުމަތުތައް ކުރި އެވެ. އެ ހުރިހާ ފާޑު ކިއުންތަކާއެކު ފުރަތަމަ ސީޒަން ލައިޝާ ޖުނައިދު ކާމިޔާބުކޮށް ނިންމާލުމަށްފަހު މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަނަކަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ތައްޔާރުވަމުން އައި އިރު އެންމެ ގިނަ ބައެއްގެ އެދުމަކަށްވީ ވެސް ޖަޖުންގެ ޕެނަލުން ކުޑައިއްބެ ބާކީ ކުރުމެވެ.

އެހެން ނަމަވެސް ފްރެމެންޓަލް މީޑިއާ އިން ކުރިއަށް ގެންދާ އިންޓަވިއުއަށްފަހު ދެވަނަ ސީޒަނަށް ޖަޖުން ކަނޑައެޅިއިރު ކުޑައިއްބެ އަނެއްކާވެސް ވަނީ ހިމަނާފަ އެވެ. އެންމެ ހާއްސަކޮށް ފުރަތަމަ ސީޒަނުގައި ޖަޖުންގެ ޕެނަލުން ފެނިގެން ދިޔަ އަހްމަދު އިބްރާހިމް (އައްމަޑޭ) ނުހިމަނައި ކުޑައިއްބެ ހިމެނުމުން ގިނަ ބަޔަކު ފާޑުވެސް ކި އެވެ. ދެވަނަ ސީޒަންގައި އިއްބެ ނުފެންނާނެ ކަމަށް އޭނާ ބުނެފައިވަނިކޮށް އިއްބެ ފެނުމުންވެސް މީހުން ފާޑު ކި އެވެ. އެހެން ނަމަވެސް އިއްބެ އަކީ އެންމެ "ތަފާތު" ކޮމެންޓު ދޭ ޖަޖުގެ ގޮތުގައިވެސް މީހުން ފާހަގަކުރި އެވެ.

އައްމަޑޭގެ ބަދަލުގައި ޖަޖުންގެ ޕެނަލުން ފެނިގެން ދިޔައީ އިސްމާއިލް އައްފާނެވެ. ފުރަތަމަ ސީޒަނެކޭ އެއް ގޮތަށް ދެވަނަ ސީޒަނުގައިވެސް ގިނަ ބައެއްގެ އަމާޒުފަތްގަނޑަކަށް އިއްބެ ވި އެވެ. އެހެން ނަމަވެސް އިއްބެ އަކީ އަބަދުވެސް މީހުންގެ ފަރާތުން އަންނަ ފާޑުކިއުންތައް ބަލައިގަނެ އެ ފާޑުކިއުންތަކާއެކު ކުރިއަށްދާން މަސައްކަތް ކުރާ އާޓިސްޓަކަށް ވުމުން އެ ހުރިހާ ފާޑުކިއުންތަކާއެކުވެސް އައިޑޮލްގެ ބައިވެރިންގެ ހިފައިގެން މިއުޒިކްގެ ތެރެއަށް އިއްބެ ގެއްލުނީ އެވެ.

ދެ ސީޒަނުގައި ޖަޖުކަން ކުރުމަށްފަހު މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަން ރަސްމީކޮށް ލޯންޗުކޮށް ޖަޖުންގެ ނަަންތައް އިއުލާނު ކުރި އިރު އިއްބެގެ ނަން ނެތުމުން މީހުން އެކަމާ ސުވާލުވެސް އުފެއްދި އެވެ. ދެ ސީޒަނުގައި ޖަޖުކަން ކުރުމަށްފަހު ތިން ވަނަ ސީޒަންގައި އިއްބެގެ ނަން ނެތުންވީ ބައެއް މީހުން ހައިރާންވެސް ވި ކަމަށެވެ.

އައިޑޮލްގެ ތިން ވަނަ ސީޒަންގެ ޖަޖުންނަނީ އައިޑޮލްގެ ފުރަތަމަ ދެ ސީޒަންގައިވެސް ޖަޖުކަން ކުރި މަރިޔަމް އުނޫޝާ، ފުރަތަމަ ސީޒަންގައި ޖަޖިން ޕެނަލުން ފެނުނު އަހްމަދު އިބްރާހިމް (އައްމަޑޭ)، މިދިޔަ ސީޒަންގައި ޖަޖުކަން ކުރި އިސްމާއިލް އައްފާން އަދި މުޅިން އަލަށް ޖަޖިން ޕެނަލަށް އިތުރުކުރި ޒާރާ މުޖުތަބާ އެވެ.

"އިއްބެ ކުރިންވެސް ނުފެންނާނޭ [ފުރަތަމަ ސީޒަނަށްފަހު] ބުނީ އިއްބެގެ އަމިއްލަ މަސައްކަތްތަކަކަށް ޓައިމްދޭން ވެގެން، ވަރަށް އިންޓްރެސްޓް ހުރެގެން ދާ ހިތުން ދިޔައީވެސް، އަނެއްކާ ފްރިމެންޓަލް މީޑިއާ އިން އެދުނު ދާންވެސް، އެހެންވެ އާ އެކު ދިޔައީވެސް،" އަވަސް އަށް ފޯނުން ދިން އިންޓަވިއުއެއްގައި އިއްބެ ބުންޏެވެ.

"[މި ފަހަރުވެސް] ފްރިމެންޓަލް މީޑިއާ އިން އިންޓަވިއު ކުރި، އެކަމަކު ރިކުއެސްޓެއް ނުކުރޭ ދާކަށް، އެހެން ވިޔަސް އިއްބެއަށް އޯކޭ، މި ފަހަރުގެ ޖަޖުންގެ ޕެނަލުގައި މި ތިބީ ހަމަ އެންމެ މޮޅު އާޓިސްޓުން، މިއީ ހަމަ ޝޯ އަށް ލިބިގެންދާ ކުރިއެރުމެއް، ވަރަށް ފުރިހަަމަ ސުޕަ ޓެލެންޓެޑް އާޓިސްޓުންތަކެއް،" އިއްބެ ބުންޏެވެ.

އިއްބެ ބުނީ އިއްބެގެ އަމިއްލަ މަސައްކަތްތަކެއް ހުރުމާއެކު ހުރިހާ ވަގުތެއް މިހާރު އެކަމަށް ހުސްކޮށްލާފައިވާ ކަމަށެވެ. އިއްބެ މިހާރު ކުރަމުންދަނީ ފާތިމަތު ނަހުލާގެ "ބޮސް" ފިލްމްގެ މަސައްކަތްތަކެކެވެ. އަދި އަމިއްލަ އުފެއްދުންތަކެއްގެ މަސައްކަތްވެސް އިއްބެ އަންނަނީ ކުރަމުންނެވެ.

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަންގައި ބައިވެރިވާން މިހާރުވަނީ ހުޅުވާލާފަ އެވެ. މި ސީޒަނުގައި ޝޯ ހުށަހަޅައިދޭނީ މިދިޔަ ދެ ސީޒަންގައިވެސް އައިޑޮލް ހުށަހަޅައިދިން މޫސާ ވަސީމް އަދި ޝައިނާ ޝަރީފް އެވެ. ޝައިނާ އަކީ އާރްޖޭ އެއްގެ ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޕްރެޒެންޓަރެކެވެ. އަދި އައިޑޮލްގެ މި ސީޒަންގެ މިއުޒިކް ކޯޗެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފުރަތަމަ ސީޒަންގައި މިއުޒިކް ކޯޗުކަން ކޮށްދިން މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އެވެ.