ދުނިޔެ

ޒަމްޒަމް ވަޅު ރަނގަޅު ފެންވަރަކަށް މަރާމާތުކުރަނީ

މާތްވެގެންވާ މައްކާގެ ހަރަމްފުޅުގައިވާ ޒަމްޒަމް ވަޅު ރަނގަޅު ފެންވަރަކަށް މަރާމާތުކުރަން ސައުދީ ސަރުކާރުން ނިންމައިފި އެވެ.

އަރަބް ނިއުސް އިން ބުނީ ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ ގޮތުން ދެ މަސައްކަތެއް ކުރާނެކަން ހަރަމްފުޅުގެ ކަންތައްތައް ބަލަހައްޓާ ކައުންސިލްގެ ރައީސް އައް ޝައިޚު ޢަބުދުއްރަޙުމާނު އަލް ސުދައިސް އިއުލާނުކުރައްވާފައިވާ ކަމަށެވެ.

ޒަމްޒަމްވަޅުގެ ފެން ބޭނުންކުރުމަށް ފަސޭހަކުރުމުގެ ގޮތުން ހިންގާ އެ މަޝްރޫއުގެ ދަށުން ކުރާނެ އެއް މަސައްކަތަކީ އެ ވަޅުގެ ކައިރިއަށް ފަސޭހައިން ދެވޭ ގޮތަށް ފަސް ފާލަމެއް ބިނާކުރުމެވެ. އެ ފާލަންތައް ބިނާކުރާނީ ވަޅުގެ އިރުމަތީ ފަރާތުން ދިގުމިނުގައި 120 މީޓަރު އަދި ފުޅާމިނުގައި އަށް މީޓަރު ހުންނަ ގޮތަށެވެ.

ދެވަނަ މަސައްކަތަކީ ޒަމްޒަމްވަޅުގެ ވަށައިގެންވާ ސަރަހައްދަކީ ނުރައްކާތެރި ޖަރާސީމު ފަދަ ތަކެތިން ރައްކާތެެރިވެފައިވާ ތަނަކަށް ހެދުމަށް ކުރާ މަސައްކަތެވެ. އަދި ޒަމްޒަމްވަޅުން ފަސޭހައިން ފެން ނެގުން މިހާރަށް ވުރެ ފަސޭހަވާނެ ގޮތްވެސް އެކަމުގެ ތެރެއިން ހަމަޖައްސާނެއެވެ. ސައުދީ ސަރުކާރުން އަމާޒުހިފާފައި ވަނީ މިއަހަރުގެ ރަމަޞާން މަސް އައުމުގެ ކުރިން ޒަމްޒަމްވަޅުގެ މަސައްކަތް ނިންމައިލުމަށެވެ.