ދުނިޔެ

ގުޅުން ކެނޑިގައުމުތަކާ ވާހަކަ ދައްކަން ގަތަރު ތައްޔާރު

ގަތަރާ ގުޅުން ކަނޑައިގެން އުޅޭ އަރަބި ގައުމުތަކާއެކު ބާއްވަން އެމެރިކާގެ ރައީިސް ޑޮނަލްޑް ޓްރަމްޕް ދައުވަތު ދެއްވާފައިވާ ވާހަކަތަކުގައި ބައިވެރިވާން ގަތަރު އޮތީ ތައްޔާރަށް ކަމަށް އެގައުމުގެ އަމީރު ޝައިޚު ތަމީމް ބިން ހަމަދު އައް ސާނީ ވިދާޅުއްވެއްޖެއެވެ.

އެމެރިކާގެ ޓީވީ ޗެނަލެއް ކަަމަށްވާ ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ތަމީމް ވިދާޅުވެފައި ވަނީ އެގައުމާއި ގުޅުންް ކަނޑައިގެން އުޅޭ ގައުމުތަކާއި އެގައުމާ ދެމެދު އޮތް ދެކޮޅުވެރިކަން ނިމުމަކަށް ގެންނަވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ގަތަރުގެ ސިޔާދަށް ވުރެ އެކަން މުހިއްމު ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގަތަރާއި ގުޅުން ކަނޑާލައި އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އުޅެނީ ސައުދީ އަރަބިއްޔާއާއި ބަހުރައިނާއި ޔޫއޭއީއާއި މިސްރުންނެވެ.

ސީބީއެސްނިއުސްގެ ' 60 މިނަޓްސް ' ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި ތަމީމް ވިދާޅުވެފައި ވަނީ ސުލްހަވާ މަސައްކަތް ކުރަން އަނެއް ހަަތަރު ގައުމުން ބޭނުންވެއްޖެ ނަމަ އެގައުމުތަކަށް ވުރެ ބޮޑަށް ގަތަރުން އެކަމަށް މަސައްކަތް ކުރާނެ ކަމަށެވެ.

" އެމީހުން އަހަރެންނާ ދިމާލަށް އެއް މީޓަރަށް ހިނގަން ތިބިއްޔާ ، އަހަރެން މިހިރީ އެމީހުންނާ ދިލާމަށް 10000 މޭލަށް ހިނގަން ވެސް ތައްޔާރަށް،" ސުލްހަވާން ގަތަރުން ބޭނުންވާ މިންވަރު ހާމަކުރައްވަމުން ތަމީމް ވިދާޅުވިއެވެ.

ސައުދީ އިސްވެ އޮވެ، ގަތަރާ ދެކޮޅަށް އުފައްދައިގެން އުޅޭ އިއްތިހާދާ އެގައުމާ ދެމެދު ސުލްހަ ކުރަން މަޝްވަރާތަކެއް ބާއްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް މިދިޔަ ސެޕްޓެމްބަރު މަހުވެސް ހުށަހެޅުއްވިއެވެ. ނަމަވެސް އޭރުވެސް ގަތަރު ފިޔަވައި ދެން ތިބި ގައުމުތަކުން އެކަމަށް މާބޮޑު އިޖާބައެއް ދީފައެއް ނުވެއެވެ. މިފަހަރުގެ ދައުވަތާ މެދުގައި ވެސް އެހެން ގައުމުތަކުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ޓެރަރިޒަމަށް ވާގިދޭ ކަމަށް ބުނެ އަރަބި ގައުމުތަކުން ގަތަރާ ގުޅުން ކަނޑައިލީ މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެއަށް ފަހު އެގައުމުތަކުން އެދޭ 13 ކަމެއް ކުރަން ގަތަރަށް ޑިމާންޑް ކުރިއެވެ. . އީރާނާ ސިޔާސީ ގުޅުން ކަނޑައިލުމާއި ގަތަރުގައިވާ ތުރުކީގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމާއި އަލް ޖަޒީރާ ބަންދުކުރުން އޭގެ ތެރޭގައި ހިމެެނެ އެވެ. އެއިން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ގަތަރުން ބުނެފައި ވަނިކޮށް ގުޅުން ކަނޑައިލި ގައުމުތަކުން މިހާރު ވަނީ ޑިމާންޑްތައް ދޫކޮށްލާފައެވެ.